ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ، އަދި މަޖިލީހުގެ ހަތަރު ކޮމިޓީއެއްގެ މުގައްރިރުކަން ކުރައްވާ ހަތަރު މެންބަރަކުން އެ ކޮމިޓީތަކުން ވަކިކޮށް އެ މެންބަރުންނަށް ފިޔަވަޅު އަޅަން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.

އެގޮތުން، އެމްޑީޕީގެ ޕީޖީން ފިޔަވަޅު އަޅަން ނިންމި ހަތަރު މެންބަރުންނަކީ:

  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް (އާންމު ކޮމިޓީގެ މުގައްރިރު)
  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު)
  • ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް (ސުލޫކު ކޮމިޓީގެ މުގައްރިރު)
  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް (އެސްއޯއީ ކޮމިޓީގެ މުގައްރިރު)

އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައި ވަނީ އެ މެންބަރުން ކޮމިޓީތަކުން ވަކިކޮށް، އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން އެ މެންބަރުންނަށް ފިޔަވަޅު އަޅައިދިނުމަށް އެންގުމަށެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވި ނަމަވެސް، އެ ޕާޓީ ތަމްސީލުކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ހަތަރު މެންބަރުންނާ މެދު ފިޔަވަޅު އަޅަން ނިންމާފައި ވަނީ ސަރުކާރުން މަޖިލިހަށް ހުށަހަޅާ ބިލުތަކަށާއި މައްސަލަތަކަށް އެ މެންބަރުންގެ އެއްބާރުލުމެއް ނުލިބޭތީ ކަމަށެވެ.

"އެއީ އެ ބޭފުޅުންނަކީ އެމްޑީޕީގަ ތިއްބަވާ، ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބަވާ، ޕާޓީގެ ޕީޖީ ބޭފުޅުންގެ ގޮތުގައި ތިއްބަވާ، އެމްޑީޕީގެ ސަރުކާރަކުން ފޮނުވާ އެއްޗިއްސާއި މައްސަލަތަކާއި ކަންކަމަށް އެއްބާރުލުން ނުދިނުމާއި، ޕާޓީގެ ޕީޖީ ގްރޫޕްގެ އުސޫލުތަކާއި ގަވައިދުތަކަށް ތަކުރާރުކޮށް ހިލާފުވަމުން ގެންދާތީވެ..." ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޕީޖީ ގަވައިދުތަކާއި އުސޫލުތަކާ އެ މެންބަރުން ތަކުރާރުކޮށް ހިލާފުވަމުން ދާތީ އާއިި، އެމްޑީޕީ އާ ދެކޮޅަށް މަސައްކަތްކުރައްވަމުން ދާތީ އެ މެންބަރުންނަށް ފިޔަވަޅު އަޅައި މައްސަލަ ބަލައިދިނުމަށް، ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް އަންގަން ވެސް ވާނީ ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން، ފިޔަވަޅު އަޅަން ނިންމި މެންބަރުންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

އެމްޑީޕީގެ ޕީޖީން ވަނީ މީގެ ކުރިން ވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވިޕްލައިނާ ހިލާފުވެގެން ފިޔަވަޅު އަޅައިފައެވެ. އެފަހަރު އެ މެންބަރުންނަށް ފިޔަވަޅު އަޅާފައި ވަނީ މި އަހަރުގެ ބަޖެޓަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ނެރުނު ވިޕްލައިނާ ހިލާފުވެގެންނެވެ.