ރ. އިންގުރައިދޫ ސިއްހީ މަރުކަޒު އިމާރާތް ކުރަން ހަވާލު ކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެމަޝްރޫއަށް 76.86 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މަސައްކަތް ނިންމަން ދީފައި ވަނީ 540 ދުވަހެވެ.

އާ ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި، ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުލް ހަންނާނާއި ޑުޕްލެކްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަސްލަމެވެ.

ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފަށާފައެވެ. އަދި އަތޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކީވެސް ރަށުފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަނަކަށް ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަމުން އަންނައިރު ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް ސަރުކާރުން އަންނަނީ ތަރައްގީ ކުރަމުންނެވެ.