އަހަރެން ރާއްޖެ އައީ ވަރަށް އުންމީދު ތަކަކާއެކުއެވެ. ހަނިމާދޫ އެއާޕޯޓުން ލޯންޗުގައި ރަށަށް އައިއިރުވެސް އަހަރެން ހިތަށް އަރަމުން ދިޔައީ މަންމަ އަހަރެން ފެނުމުން ވާނެ އުފަލާވެދުއެވެ. ހަނިމާދޫއިން ލޯންޗުން ދަތުރުކޮށްފައި އައިއިރު އެލޯންޗުގައި ރަށު މީހުން ތިބި ނަމަވެސް އެއިން އެއްވެސް މީހަކަށް އަހަރެން ފާހަގަކުރަން ނޭންގުނެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެން މިއީ ކުރިން ފެނުނު މާވީއެއް ނޫނެއެވެ.
ރަށަށް ފޭބުމާއެކު އަހަރެން އަވަހަށް ގެއާ ދިމާއަށް ހިނގައިގަތީމެވެ. އަހަރެން ގެއަށްދާ މަގުމަތީގައި އީސަގެ ގެ ހުންނައިރު އެގެ ކައިރީގައި މިއަދު ވަރަށް މީހުން ގިނައެވެ. ވަރަށް ވެސް ހަލަބޮއްޔެވެ. ނަމަވެސް އެކަމަށް ނުބަލައި އަހަރެން އަވަސްވެ ގަތީ ގެއަށް ދިއުމަށެވެ. ގެ ދޮރުމައްޗަށް އެރި އިރު ގޭގެ ދޮރު ހުރީ ލައްޕާފައެވެ. މަންމަ އަކީ ނިދަން ނޫނީ ބޭރު ދޮރު ލައްޕާ މީހެއް ނޫނެވެ. ހާސްވެފައި އަހަރެން އަވަހަށް ދޮރު ހުޅުވާލަން ތަޅުގައި ހިފީމެވެ. ނަމަވެސް ދޮރު ހުރީ ތަޅުލާފައެވެ.
އެވަގުތު އެތަނަށް އަވެއްޓެރި އައިސާދީދީ އައެވެ. އަދި ކާކު ހޯދަނީތޯ އޭނާ ސުވާލު ކުރިއެވެ. އަހަރެން އެވަގުތު މިގޭގައި އުޅޭ މީހުން ކޮބާތޯ ސުވާލުކުރީމެވެ. "މަރިރަމްފުޅު ދުނިޔެއަކު ނެތް މިހާރު، އޭނާ ދަރި އެކްސިޑެންޓު ވެގެން މަރުވި ހަބަރާއެކު އޭނާ މިދުނިޔެ ދޫކޮށް ގޮސްފި، އިތުރު މީހަކު މިގެއަކު ނޫޅޭނޭ" އައިސާދީދީ މިހެން ބުނެފައި އެތަނުން ދިޔައެވެ. އަހަންނަށް ހުރެވުނު ތަންވެސް ނޭންގުނެވެ. ވަރަށް ރޮވެ ގަނެވުނެއެވެ. "މަންމާއެވެ. މަންމަ އަހަރެން ދޫކޮށް ދިޔައީ ހެއްޔެވެ؟ އަހަންނަށް މާފުކުރާށެވެ. މިހުރީ ކަމެއް ވެސް މިވީ އަހަރެން އެދަތުރު ދިޔައީމެވެ. މިއީ އަހަރެންގެ ކުށެވެ".
އަހަރެން ހަމައަކަށް އަޅުވައި އަހަރެން އަވަހަށް ދިޔައީ އީސަ މެންގެއާ ދިމާއަށެވެ. އެގޭގައި ވަގުތު އެއްބަޔަކު ކައްކަމުން ދިޔައެވެ. އަނެއްބަޔަކު އެއްޗެހި އުފަލުންދާއިރު މިއަދު ކޮންމެސް ކަމެއް އޮތީކަން އެތަނުގެ މާހައުލުން އެނގުނެވެ. އަހަރެން އެތަނުން މީހެއް ކައރީގައި އީސަ ކޮބާތޯ ސުވާލުކުރީމެވެ. " އީސަ މިތާކު މިގަޑިއަކު ނުހުންނާނޭނުން، ފައިނަލީ މީހަކާ އިންނަނީ އޭނާ، ބީޗު އޮތީ ޕާޓީ، އެތަނުގަ އޭނާ ވީ" އެމީހާ ބުންޏެވެ. އެވާހަކަ އަޑުއަހާ އިތުރަށް އަހަރެން ހިތް ކުދި ކުދި ވެގެން ދިޔައެވެ.
އަހަރެންގެ ލޮލުން އެވަގުތު ކަރުނަ ފައިބަމުން ދިޔައެވެ. އަހަރެން ބީޗާ ދިމާއަށް ހިނގައިގަތީމެވެ. ހިތުގައި އެތައް ސުވާލުތަކެއް ހުއްޓެވެ. " އީސަ އަހަރެންގެ އިންޒާރު ނުކުރޭބާއެވެ. އެއް ދުވަހު މަޑުކޮއްލި ނަމައެވެ. އީސަ އިންނަނީ ކާކާ ބާއެވެ." މިސުވާލުތަކާއެކު އަހަރެން ބީޗަށް ދިޔައީއެވެ. "އަނބި ގަބޫލު ކޮށްފިން" އީސަ މިހެން ބުނާއަޑު އިވުނެވެ. އަހަރެން ހުރީ އީސަގެ ފަހަތައްވާ ކަހަލަ ގޮތަކަށެވެ. އޭނާގެ މޫނެއެއް ނުފެނެއެވެ.
އަހަރެންގެ ލޮލުން އޮހެރެމުން ދިޔަ ކަރުނަ އެތަނުގައި ދެން ތިބި މީހުންނަށް ވެސް ފެނުނެވެ. ނަމަވެސް ނުދަންނަ މީހެއްގެ ސިފައިގައި އަހަރެން ހުރުމުން އެކަކުވެސް އަހަންނާ ވާހަކައެއް ނުދައްކައެވެ. އީސަ އެވަގުތު ގޮނޑިން ތެދުވެ، އެތަނުގައި ތިބި އެހެން މީހުނާ ސަލާންކުރަން ފެށިއެވެ. އަދި ފަހަތައް އެނބުރި އެތަނުގައި ތިބި މީހުންނާ ވާހަކަ ދައްކާ ހީސަމާސަ ކުރަމުން ދިޔައެވެ. އީސަގެ ކަޅި އަހަރެންގެ ލޮލާ ހަމަވިއެވެ. އަހަރެން ލޮލުން އޮހެމުންދިޔަ ކަރުނަ ފެނިފައި އީސައަށް އެއީ އަހަންނޭ އިނގުނު ކަހަލައެވެ. އެވަގުތު އީސަގެ ކޮނޑުގައި އޭނާގެ އަންހެނުން ކޮއްޓާލާ އޭނާ ކައިރިވިއެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރި އަލްޔާއެވެ. އަހަރެންގެ ދުނިޔެ އެފުށް މިފުށަށް ޖެހުނެވެ. އީސަ އަހަންނާ ދިމާލަށް ބަލަން ހުރުމުން އަލްޔާ އަހަންނާ ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ. އަދި އީސަ ގާތުގައި ކާކުތޯ އެހިއެވެ. " ނޭންގެ ކާކު ކަމެއް، ވަރަށް ރޮވޭ އެބަ، އެކަމް ވަރަށް ދަންނަ މީހެއް ގެ ފީލް އަންނަނީ" އީސަ ބުނި އަޑު އަހަންނަށް އިވުނެވެ.
އިތުރަށް އަހަރެން އެތަނުގައި ހުންނަން ވެސް ބޭނުން ނުވިއެވެ. އީސަ އެކަންތައް ކުރީ ރަނގަޅަށެވެ. އެހާ ދުވަހު އިންތިޒާރުގައި ހުންނާނީ ވަކި ކާކު ހެއްޔެވެ. އަލްޔާ އަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. އެކަހަލަ ކުއްޖަކު އީސައަށް ލިބުމުން އަހަރެން އުފާ ކުރަމެވެ. އެކަމަށް އަހަންނަށް ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އަހަރެން ދާނެ ތަނެއް ނެތެވެ. ވާހަކަ ދައްކާނެ މީހެއް ނެތެވެ. އަހަރެން ބާކީ ވެއްޖެއެވެ.
އަހަރެންގެ ބޮލަށް އެނބުރުން އަރައި ވެއްޓުނެވެ. އަހަރެން ހޭއެރިއިރު އަހަރެން އޮތީ ރަށު ހޮސްޕިޓަލުގައެވެ. އަހަރެންގެ ބޮލުގައި މީހަކު ފިރުމާލިއެވެ. އެއީ ކެވިންނެވެ. ކެވިން ފެނުމާއެކު އަހަންނަށް ބާރަށް ރޮވެގަނެވުނެވެ. އަދި އޭނާގެ ގައިގައި އަހަންނަށް ބާރަށް ބައްދާލެވުނެވެ. ކެވިން މިރަށް އެއައީ އަހަންނަށް ސަޕްރައިޒް އެއް ދޭށެވެ.
ކެވިންއަށް އަހަރެން ހުރިހާ ވާހަކައެއް ކިޔާދެވުނީ ގިސްލާ ރޮމުންނެވެ. ރަށު ގެސްޓު ހައުސްއެއްގައި މަޑުކުރުމަށްފަހު އަހަރެން މާލެ ދާން ފުރީ އެނބުރި ލަންޑަނަށް ދިއުމަށެވެ. މިރަށުގައި އަހަރެން ދެން އުޅޭނީ ކިހިނެތް ހެއްޔެވެ؟ މަންމަ ވަކިވީއެވެ. އެންމެ ގާތް ރަހުމަތްތެރިޔާ އަދި ލޯބިވެރިޔާ ވެސް އަމިއްލަ ދިރިއުޅުމެއް ފެށީއެވެ. އަހަންނަށް އެމަންޒަރު ބަލާކަށް ހިތަށް ކުޅަދާނައެއް ނުވާނެއެވެ.
************************
އެނބުރި ލަންޑަނަށް އަހަރެން ދިޔައީ ކެވިން ކިޔާވަރުންނެވެ. ކެވިންގެ ގޭގައި އަހަރެން ދިރިއުޅެމުން ދިޔައިރު އެގޭގައި އެކަކުވެސް ވަނުން މަނާ ކޮޓަރިއެއް ވެއެވެ. އެއްދުވަހެއްގެ މެންދުރު ވަގުތެވެ. ކެވިން ވީ ހޮސްޕިޓަލުގައެވެ. އަހަރެން ކޮޓަރީގައި އިނުމަށްފަހު ސިޓިން ރޫމަށް ނިކުތީ ވާހަކަ ފޮތެއް ކިޔާލާ ހިތުންނެވެ. ފޮތް ކަބަޑުން ފޮތެއް ނަގަނިކޮށް ފޮތުން ކުއްލިއަކަށް ވެއްޓުނީ ތަޅުދަނޑިއެވެ. އަހަރެން އެއީ ކޮންތަނެއްގެ ތަޅުދަނޑިއެއްތޯ ހިތުގައި ސުވާލު އުފެދުނު ނަމަވެސް ފޮތް ކަބަޑު މަތީގައި އެތަޅުދަނޑި ބޭއްވުމަށްފަހު އެބުރި ކޮޓަރިއަށް ދާން ހިނގައިގަތީމެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ކެވިން ތަޅުލައިގެން ގެންގުޅޭ ކޮޓަރިއެވެ.
ހިތުގައި އުފެދުނު ސުވާލާއެކު އަހަރެން ކަބަޑު މަތީގައި ބާއްވާފައި އޮތް ތަޅުދަނޑި ނެގުމަށްފަހު އެކޮޓަރި ހުޅުވޭތޯ އެދިމާއަށް ދިޔައީމެވެ. އަދި ވަރަށް ވިސްނުމަށްފަހު އެކޮޓަރީގެ ދޮރަށް އެތަޅުދަނޑު ޖަހާލީމެވެ. ދޮރު ވަރަށް ފަސޭހައިން ހުޅުވިއްޖެއެވެ. ކޮޓަރި ތަރެއަށް ވަދެ އަހަރެން ލައިޓު ދިއްލާލާ ކޮތަރިއަށް ނަޒަރު ހިންގާލީމެވެ. ކޮޓަރިން ފެނުން މަންޒަރާއެކު އަހަންނަށް ލިބުނީ ޝޮކެކެވެ. ކޮޓަރީގެ ފާރުގައި ހުރީ އަހަރެންގެ ސޫރައިގައި ހުރި އަންހެނެއްގެ ފޮޓޯތަކެކެވެ. މޭޒުމަތީގައި ވެސް އެ ސޫރައިގެ އަންހެންގެ ފޮޓޯތަކެއް ހުއްޓެވެ.
ހިތުގައި އެތައް ސުވާލެއް އުފެދެމުންދިޔައިރު ކުއްލިއަކަށް އެތަނަށް ކެވިން އައިސް ހުއްޓުނެވެ. އަދި އިސް ޖަހާލިއެވެ. އަހަރެން ކެވިންއަށް ސުވާލުކުރީމެވެ. އެފޮޓޯގައި ވާ އަންހެން ކުއްޖާއާ އަހަރެންގެ ސޫރަ ދިމާވަނީ ކީއްވެތޯ އަހަރެން ސުވާލުކުރީމެވެ. އެސުވާލަށް ކެވިން ޖަވާބު ދިނީ ވަރަށް ދެރަވެ ހުރެއެވެ.
ކެވިން ބުނިގޮތުގައި އެފޮޓޯއިން އެ ފެންނަނީ އޭނާގެ ލޯބިވެރިޔާއެވެ. އޭނާ ވަނީ އެކްސިޑެންޓެއްގައި މަރުވެފައެވެ. އެއީ އަހަރެން ވެސް އެކްސިޑެންޓުވި ދުވަހެވެ. އެކްސިޑެންޓުގައި އަހަރެންގެ މޫނު އެއްކޮށް ހަލާކުވުމުގެ ސަބަބުން އޮތީ މޫނުގެ ސާޖަރީއެއް ހަދަން ބޭނުން ވެފައެވެ. އެހެން ކަމުން ވަރަށް ވިސްނުމަށްފަހު ކެވިން އޭނާގެ ލޯބިވެރިޔާގެ ސޫރައަށް އަހަރެންގެ އޮފަރޭޝަން ކުރީއެވެ.
އެވާހަކަތައް އަހަރެން އަޑުއަހަމުން ދިޔައީ ރޮމުންނެވެ. އޭރި ކެވިންގެ ލޮލުން ވެސް ކަރުނަ އާދެއެވެ. އެވަގުތު ކެވިން އަހަންނަށް ލޯބި ހުށަހެޅިއެވެ. އަހަރެން ބޭނުންވާ ވަރު އޭނާ އަހަންނަށް ކިޔައިދިނެވެ. އަހަރެންގެ ރަށަށް ވެސް ކެވިން ދިޔައީ އަހަރެން ގެއްލެން ބޭނުން ނުވާތީ އަހަރެން ބަލާއެވެ. ކެވިންގެ އެހުރީ ވާހަކަތައް އަޑުއެހުމަށްފަހު އަހަންނަށް ކެވިން ގައިގައި ބައްދާލެވުނެވެ. ބޭއިހުތިޔާރުގައެވެ.
އަހަރެން އޭނާގެ ހުށަހެޅުމަށް އާއެކޭ ބުނީމެވެ. އަހަރެން ކެވިން ދެކެ ލޯބި ނުވި ނަމަވެސް އޭނާ އަހަރެން ދެކެ އިންތިހާއަށް ލޯބިވެއެވެ. އަހަންނަށް އީސަ ލޯބި ނުލިބުނު ނަމަވެސް އަހަރެން ދެކެ ލޯބިވާ މީހަކު މިއަދު އަހަންނަށް ލިބިއްޖެއެވެ.
ދެއަހަރު ފަސް:
އަހަންނާ ކެވިންގެ ކައިވެންޏަށް އަހަރު ވީއެވެ. ކެވިން އަހަންނަށް ވަރަށް ރަނގަޅެވެ. އެހާ ލޯބިވާނެ މީހަކު އަހަންނަށް ދުވަހަކު ވެސް ލިބޭނެ ހެނެއް ހިއެއް ނުވެއެވެ. މިއީ ވޭތުވެ ދިޔަ 2 އަހަރު ތެރޭގައި އަހަރެން ކެވިން ދެކެ އިންތިހާއަށް ލޯބި ވެވުނު ސަބަބު ކަމަށް ވެދާނެއެވެ. މިއީ އަހަރެންގެ ތަގުދީރުގައި ލިޔެވިފައިވާ ގޮތެވެ.