ޖުމްހޫރީ ޕާޓީގެ އިދާރީ ދާއިރާތަަކުގެ ދާއިރާ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މެއި މަހުގެ 20 ވަނަ ދުވަހަށް އިތުރު ކޮށްފިއެވެ.

އެ ޕާޓީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މި ރޯދަ މަސްތެރޭ އެ ޕާޓީގެ ދާއިރާތަކުގެ ރައީސްކަމަށް ކުރިމަތިލުމަށް މެމްބާޝިޕް ފޯމް ހުށަހެޅުމުގައި ދަތިތަކެއް ހުރިކަމަށް ބައެއް މެންބަރުންނާއި ޕާޓީއަށް އަލަށް ގުޅުމަށް ޝައުގުވެރިވާ ގިނަ ފަރާތްތަކުން ފާހަގަ ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ކައުންސިލުގައި މަޝްވަރާ ކުރުމަށް ފަހު ވީހާ ގިނަ ބަޔަކަށް ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ގޮތުން އެ މަގާމުތަކަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އަންނަ މެއި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 3:00ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަަމަށް ޖޭޕީން ބުނެއެވެ.

ޖޭޕީގެ ދާއިރާގެ ރައިސްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއެކު ޖުމްލަ 50 މެންބަރުން ހަމަކޮށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި އެ ފޯމްތަކަކީ އަލަށް އެ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަލާ ފޯމްތަކަށް ވާން ޖެހޭނެ ކަމަށް ވެސް ޖޭޕީން ބުނެއެވެ.

އެގޮތުން އެއް ދާއިރާއަކަށް އެކަކަށް ވުރެ ފަރާތްތަކަކުން ދާއިރާގެ ރައީސްކަމަށް ކުރިމަތިލާފައިވާ ނަމަ އެ ދާއިރާއެއްގެ ރައީސަކު ހޮވާލީ އެ ދާއިރާއެއްގެ ދަފްތަރުގައި ހިމެނޭ މެންބަރިންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް ވެސް ޖޭޕީން ބުނެއެވެ. އެކަކު ކުރިމަތިލާފައި ވާނަމަ ވޯޓަކާ ނުލައި އެ ފަރާތެއް އެ މަގާމަކަށް ހޮވޭނެ ކަމަށް ވެސް ޖޭޕީން ބުނެއެވެ.

އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މެއި 320 ވަނަ ދުވަހުގެ މެދުރުފަހު 3:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއެކު، އެ ފަރާތެއްގެ ސީވީއާއި، އައިޑީކާޑުގެ ކޮޕީ އާއި އަދި ޕާސްޕޯތް ސައިޒްގެ ފޮތޯއެއްގެ ސޮފްޓް ކޮޕީ އެ ޕާޓީ އޮފީހަށް ހުށަހެޅުމަށްނުވަތަ އީމެއިލް ކުރުމަށް ޖޭޕީން ބުނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މަދުވެގެން 50 ސައްހަ މެންބާޝިޕް ފޯމް ހުށަހަޅަން ވާނެ ކަމަށް ވެސް ޖޭޕީން ބުނެއެވެ.