ޑިފިޓެލިއޯ ނުވަތަ ޑިފިބްރޮޓައިޑް ސޯޑިއަމްގެ ފޯލްސިފައިޑް ބެޗްތަކެއް ޔުނައިޓަޑް އަރަބް އެމިރޭޓްސްއިންނާއި ކިޒިކިސްތާނުން ފެނިފައިވާ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އެލާޓެއް ނެރެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.
އެމްއެފްޑީއޭ އިން ބުނީ، މި ބޭހަކީ ރާއްޖޭގައި ވިއްކުން ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުން ޑޮކްޓަރަށް ދައްކައިގެން ދޭ ބޭސް ސިޓީއަށް ރާއްޖެއިން ބޭރުން މި ބޭސް ގަންނަ ފަރާތްތަކުން މި ކަމަށް ސަމާލު ވުމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
މީގެ އިތުރުން އެ ބެޗުގެ ބޭސްތައް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް ޕޯޓުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެއެވެ. .
ޑިފިޓެލިއޯ ނުވަތަ ޑިފިބްރޮޓައިޑް ސޯޑިއަމް އަކީ ހެޕަޓިކް ވެނޯ-އޮކްލޫސިވް ޑިޒީޒް (ވީއޯޑީ) ނުވަތަ ސައިނޯސައިޑަލް އޮބްސްޓްރަކްޝަން ސިންޑްރޯމް (އެސްއޯއެސް) ބަލި ތަހައްމަލު ކުރަމުންދާ މީހުންނާއި ކުޑަކުދިންގެ ތެރެއިން ހެމަޓޮޕޮއިޓިކް ސްޓެމް ސެލް ޓްރާންސްޕްލާންޓް (އެޗްއެސްސީޓީ) އަށް ފަހު ރީނަލް ނުވަތަ ޕަލްމޮނަރީ ޑިސްފަންކްޝަން ހުންނަ ބަލި މީހުންނަށް ދޭ ބޭހެކެވެ.