ލޭގެ ޕްރެޝަރުގެ މައްސަލައާ ގުޅިގެން ބޭނުން ކުރާ ބޭހެއް ކަމަށް ވާ ޓެލްމިސާޓަންގެ 40 މިލިގްރާމްގެ ބޭހެއްގެ ބެޗެއްގެ މައްސަލަތަކެއް ފެނިފައިވާ ކަމަށް ރިޕޯޓް ކުރުމުން އެ ބޭސް ބޭނުންކުރާ ފަރާތްތައް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއް ކަަމަށް ވާ ފާމް އިވީ ޕާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑް އިން އުފައްދަމުން އަންނަ ޓެލްސާޓާ 40 (ޓެލްމިސާޓަން) ބޭހުގެ ބެޗް ނަންބަރު 2B151 ގައި މުށިކުލައިގެ ލައްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެއީ ސަބްސްޓޭންޑަޑް ޕްރޮޑަކްޓެއްގެ ގޮތުގައި އެ ބެޗުގެ އުފެއްދުންތައް ފާހަގަކޮށްފައިވާ ކަަމަށް ޕާކިސްތާނުގެ ބޭހާ ބެހޭ މަރުކަޒުން ވަނީ އަންގާފައި ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
މި ބޭހަކީ ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުން ހުއްދަ ކުރާ ބޭހެކެވެ. ނަމަވެސް މި ވަގުތު މި ބޭހުގެ މި ބެޗް ރާއްޖޭޣައި ނެތް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. ނަމަވެސް ރާއްޖެއިން ބޭރުން ފަރުވާ ކުރާ ފަރާތްތަކުން އަމިއްލައަށް ބޭސް ސިތީއަށް ބޭސް ނަގައިގެން ރާއްޖެއަށް އަންނަ އިރު މި ކަމަށް ސަމާލު ވުމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
މީގެ އިތުރުން މި ބެޗުގެ ބޭސްތައް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް ޕޯޓުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެއެވެ. .
މި ބޭހަކީ ހައި ބްލަޑް ޕްރެޝަރު (ހައިޕާޓެންޝަން) އަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭހެކެވެ. މި ބޭހުން ލޭގެ ޕްރެޝަރު ދަށްކޮށް ދީ ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުމާއި ކިޑްނީގެ މައްސަލަތައް ކުޑަކޮށްދޭނެވެ. ޓެލްމިސާޓަން ނިސްބަތް ވަނީ އެންޖިއޯޓެންސިން ރިސެޕްޓަރ ބްލޮކާސް (އޭއާރްބީ) ނަމަކަށް ކިޔާ ޑްރަގްގެ ގިންތިއަކަށެވެ. މިއީ ލޭހޮޅިތަކަށް ލުޔެއް ދީގެން މަސައްކަތް ކުރާ އެއްޗެކެވެ.