ޏ. ފުވައްމުލަކުގައި ހުރި ހޯގާޑް ކުންފުނީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ހޯގާޑް ކުންފުނީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 11:13 ހާއިރު ކަމަށެވެ.

އެ ތަނުގައި ރޯވި އަލިފާން ގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާއި ނަމަވެސް އަދިވެސް ދުން އަރަމުންދާތީ އެ ތަން މޮނީޓާ ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް ބުނެއެވެ.

އަލިފާން ރޯވީ މާލެގަން އަވަށުގައި ހުންނަ ހޯގާޑް މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމަށާއި، ބައެއް ތަކެތި ބަހައްޓަން ބޭނުންކުރާ އިމާރާތެއްގައެވެ.

އަލިފާން ރޯވި ގަޑީގައި ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ވީޑިއޯގައި ވަރަށް ބޮޑަށް ހުޅުހިފާފައިވާ މަންޒަރު ފެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެތަނުގެ ފުރާޅު އެއްކޮށް ވަނީ ވެއްޓިފައެވެ.