ބްރެޑް ޕިއްޒާ އަކީ، މަދު ވަގުތު ކޮޅަކުން ތައްޔާރު ކޮށްލެވޭ އަނގައަށް ވެސް މީރު ކާނާގެ ބާވަތެކެވެ. މި ރެސިޕީގައި ޓޫނާ ބޭނުން ކުރި ނަމަވެސް ޗިކަން ނޫން ނަމަ ބީފްވެސް ބޭނުން ކުރެވިދާނެއެވެ.

ގޭގައި އުޅޭ ކުދިވެރިންނާއެކު ތައްޔާރު ކޮށްލުމަށް މީ ރަނގަޅު ބާވަތަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި

  • 1 ޕާން
  • 2 ޖޯޑު ޓޫނާ
  • 1 ފިޔާ (ވަރަށް ކުދިކޮށް ކޮށާފައި)
  • 1/3 ސައި ސަމުސާ މުގުރި އަސޭ މިރުސް
  • 2 ޖޯޑު މޮޒޮރެއްލާ ޗީޒް (ގާނާފައި)
  • 1 ލޮނުމެދު (ގާނާފައި)
  • 2 ސައި ސަމުސާ ޗިކަން ކިއުބް
  • 2 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
  • 1/2 ޖޯޑު ޕީލްޑް ޓޮމާޓޯ
  • 1 ސައިސަމުސާ ގިތެޔޮމިރުސް (ކުދިކޮށް ކޮށާފައި)
  • ލޮނު (ރަހލާ ވަރަށް)
  • 1 މޭޒުމަތީ ސަމްސާ ބަޓަރު
  • 1/2 ޖޯޑު ޒުވާރި ނޮޅާފައި ހުރި
  • 4 މޭޒުމަތީ ސަމުސާޓޮމާޓޯ ސޯސް
  • 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • ތެޔޮ

ތައްޔާރު ކުރާނެ ގޮތް

ޕާން ފޮތި ތަކުގައި ތުނިކޮށް ބަޓަރު ކޮޅެއް ހާކާފައި ބަހައްޓާށެވެ. އުނދުން މައްޗަށް ތަވާ އުދުމަށްފަހު ތަވާ ހޫނު ވުމުން ތެޔޮ ފިޔާ، މިރުސް އެއްކޮށް އަޅާލާށެވެ. ފިޔާކޮޅު މޯޅި ވަންދެން ރަނގަޅަށް ކައްކާލާށެވެ. މަސް، ސޯސް، ޕޭސްޓް، ލޮނު، ޗިކަން ކިއުބް ،އަސޭމިރުސް އެއްކޮށް އަޅާފައި 2-3 މިނަޓް ވަންދެން ކައްކާލުމަށް ފަހު އުނދުނުން ބާލާށެވެ.

ދެން ކޮންމެ ޕާން ފޮއްޗަކަށް މަސް ކޮޅެއް އަޅާފައި ޓޮމާޓޯ ފޮތި ދެފަޅިކޮށްފައި ދެ ޓޮމާޓޯ ކޮޅު ބާއްވާށެވެ. ޒުވާރި އޮށްކޮޅެއްވެސް ކޮންމެ ޕާން ފޮއްޗަކަށް އަޅާލާށެވެ. ބެލް ޕެޕާ ހަނި ކޮށް ކޮށާފައި 2 އެތިކޮޅުވަރު ބާއްވާ، ޗީޒް ކޮޅެއް ބުރުވާފައި ޗީޒްކޮޅު ދިޔާވަންދެން އަވަންގައި ފިހެލާށެވެ.