ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ސޯޝަލް މިޑިއާގައި ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ޕީޕިއެމުން ބުނެފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް މޭޔަރު މުއިއްޒު ގެންދަވަނީ އަމިއްލައަށް ކެމްޕެއިން ކުރައްވަމުން ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. މި ކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައި ވަނީ، މިހާރު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހާވަލުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ އާއިލާއިން ވަނީ މުއިއްޒު އަމިއްލައަށް ކެމްޕެއިން ކުރައްވާ މައްސަލަ ޕީޕީއެމަށް ހުށަހަޅާފައި ކަމަށެވެ.

އަދި މުއިއްޒުގެ ކެމްޕެއިން މެނޭޖަރަކީ އާދަމް ރަމީޒު ކަމަށާއި އޭނާގެ މައްސަލަ މިރޭ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަން ފަށާފައިވާ ކަމަށް ވެސް ވަނީ އަޑުތައް ފެތުރިފައެވެ.

މި ކަމާ ގުޅިގެން ޕީޕީއެމުން ބުނީ، ޕީޕީއެމްގެ ނައިބު ރައީސްގެ ސުލޫކީ މައްސަލައެއް ބަލަމުން ދާ ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

މުއިއްޒު ކެމްޕެއިން ކުރައްވަމުން ދާ ކަމަށް ބުނެ އަޑުތައް ފެތރިފައި މިވަނީ، ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ކުޑަ ކަމަށް ގިނަ ބަޔަކު ބުނަމުން ދާ ދަނޑިވަޅެއްގައެވެ.

ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ އެ ހުކުމް އިސްތިއުނާފުވެގެން މިނިވަންވުމެވެ. މިނިވަން ވިޔަސް ފުއްގިރި މައްސަލަ ސާބިތުވެއްޖެ ނަމަ އެ ހުކުމް ބާތިލްކުރަން ވެސް ޖެހޭނެއެވެ.