ޕާކިސްތާނުގައި ޗައިނާއިން ކުރިއަށް ގެންދާ މަޝްރޫއެއްގެ ޕްރޮޖެކްޓް މެނޭޖަރަކަށް ހުރި ޓިއާން، މުސްލިމުންނަށް ތައުހީނު ކުރުމުން މަޝްރަހު ހޫނުވެ މުޒާހަރާ ކުރަމުން އެބަދެއެވެ.

ޕާކިސްތާނުގެ ހައިބާރު ޕަހުތުންހުވާގައި ކުރިއަށް ގެންދާ ދަސޫ ހައިޑްރޯޕަވާ ޕްރޮޖެކްޓުގެ އެންޖިނޭރު ވަނީ، މަސައްކަތް ހިނގާ ސައިޓުގައި މަސައްކަތް ކުރާ މުސްލިމުން ރޯދައަށް ތިބެ އަޅުކަމުގައި މާ ގިނަ އިރުވާތީ މަސައްކަތް ލަސްވާ ކަމަށް ބުނެ ވާހަކަދައްކާފައެވެ.

އޭނާ ބުނެފައި ވަނީ މަސައްކަތު މީހުން ނަމާދަށް ގޮސްފައި މާ ގިނަ އިރު ވާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑުތަނުން މަސައްކަތް ލަސްވެގެން ދާ ކަމަށެވެ.

މުސްލިމް މެޖޯރިޓީ އޮންނަ ޕާކިސްތާނުގައި އިސްލާމް ދީނަށާއި މުސްލިމުންނަށް ތައުހީން ވާ ގޮތަށް ނުވަތަ ފާޑުކިޔާ ވާހަކަ ދެއްކުމަކީ، އެމީހަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަަޅާ ހަމަނުޖެހުން އުފައްދާ އަދި ގަޔަށް ބޮލަށް އަރައިގަންނަ ހިސާބަށް ވެސް ދާ ވަރުގެ ކަމެކެވެ.

ހަބަރުތައް ބުނާގޮތުން، އޭނާ ދެއްކި ވާހަކައިގެ ސަބަބުން، އެ ސައިޓުގައި މަސައްކަތް ކުރާ 400 އެއްހާ މީހުން ވަނީ މުޒާހަރާއަށް ނުކުމެފައެވެ. އެއާއެކު މަޝްރަހު ހޫނުވެ ހަމަނުޖެހުމެއް ހިނގާފާނެކަމަށް ބަލައި އެގައުމުގެ ފުލުހުން މިހާރު ވަނީ އެ އެންޖިނޭރަށް ރައްކާތެރިކަން ދީފައެވެ.

މިހާދިސާ އާ ގުޅިގެން ޕާކިސްތާނުގައި ހުންނަ ޗައިނާ އެމްބަސީން އަދި އެއްޗެއް ބުނެފައި ނުވާ އިރު، ޓިއާން ވަނީ ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފައި ކަމަށް ބުނެއެވެ.

އިތުރު ހަބަރެއް ބުނާގޮތުން، ހައިޑްރޯޕަވާ ޕްރޮޖެކްޓް ހިނގާ ސަރަހައްދުގެ ޕޮލިސް ސްޓޭޝަނަކުން ޓިއާން އާ ދެކޮޅަށް ދައުވާ ކުރުމަށް ކަރުދާސްތައް ތައްޔާރު ކުރަމުން ދަނިކޮށް އެސަރަހައްދަށް އެއްވި އާންމުން ވަނީ ފޮލިސް ސްޓޭޝަނަށް ހަމަލާ ދީފައެވެ. އަދި އެއްވި މީހުން ދުރަށް ދިޔައީ ޓިއާން އާ ދެކޮޅަށް ދައުވާ ކުރުމަށް ތައްޔާރު ކުރި މައްސަލައިގެ ކޮޕީއެއް ދެއްކުމުން ކަމަށް ވެސް ބުނެއެވެ.

ޕާކިސްތާންގައި ޗައިނާއިން ކުރިއަށް ގެންދާ ހައިޑްރޯޕަވާ ޕްރޮޖެކްޓަކީ 2017 ވަނަ އަހަރު އެގައުމުގެ ގެޒޯބާ ގްރޫޕާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ސަލާމަތީ ފިޔަވަޅުތަކާ އެކު ކުރިއަށް ގެންދާ އެ މަޝްްރޫއަކީ ޕާކިސްތާންގައި ޗައިނާ ކުންފުނިތަކުން ކުރިއަށް ގެންދާ އެފަދަ މަޝްރޫއުތަކުގެ ތެރެއިން، ޕާކިސްތާނަށް ބޭނުންވާ ހަކަތަ، ތެލާ ނުލައި އުފެއްދުމަށް ހިންގާ މުހިންމު މަޝްރޫއެކެވެ.

ދީނަށް ތައުހީން ކުރުމަކީ ޕާކިސްތާންގައި މަރުގެ އަދަބު ދޭ ކުށެކެވެ. ނަމަވެސް އެފަދަ ކަމެއްގައި މިހާތަނަށް އެގައުމުގައި އެއްވެސް މީހަކަށް މަރުގެ އަދަބެއް ދީފައެއް ނުވެއެވެ.

ނަމަވެސް މިފަދަ މައްސަލައެއްގައި 2021 ވަނަ އަހަރު ޕާކިސްތާނުގެ ސެއިލްކޮޓްގައި ލަންކާގެ ފެކްޓަރީއެއްގެ މެނޭޖަރަކު ގައިގައި ތަޅާ މަރާލާފައި ވެއެވެ.