ރާއްޖެ އާއި ޗާގޯސް އައިލެންޑްސް އާ ދެމެދުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ގޮވާލާ ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފިއެވެ.

އެ ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ. މި ޕެޓިޝަނާ ގުޅޭ މައުލޫމާތު ދެއްވަމުން ބޮންޑޭ "ދަ ޕްރެސް" އަށް ވިދާޅުވީ، މިރެއިން ފެށިގެން މި ޕެޓިޝަންގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ.

"[މި ޕެޓިޝަންގެ] މައިގަނޑު ބޭނުމަކީ ރައްޔިތުން ހޭލުންތެރި ކުރުވުން، ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަން އެނގުން، އެއިން ލިބޭ ގެއްލުން ވެސް ރައްޔިތުންނަށް އޮޅުންފިލުވައި ދިނުން، އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް [މި ޕެޓިޝަން] ހުށަހަޅާނަން،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭގެ ޕެޓިޝަންގައި ވިދާޅުވީ، ފޯޅަވަހި، ނުވަތަ ޗާގޯސް އައިލެންޑްސް އަކީ ޒަމާނުއްސުރެ ދިވެހިންގެ މިލްކުގައިވާ ސަރަހައްދެއް ކަމަށާއި، މީލާދީގޮތުން 1558 ވަނަ އަހަރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި ނުވަވަނަ ހަސަން ރަސްގެފާނުގެ ފަތްކޮޅުތަކުން ފޯޅަވައްސަކީ ރާއްޖޭގެ ފަސްގަނޑެއް ކަމުގައި ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

އެ ޕެޓިޝަންގައި ބޮންޑޭ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު، ޗާގޯސް އައިލެންޑްސްގެ ރަށްތަކުން ރާއްޖެ އަށް ހައްގުވާ ސަރަހައްދު ހިމެނޭގޮތަށް އދ. ގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތަފްސީލު އާންމު ކުރައްވާފައެވެ.

އެއަށްފަހު އޭނާ ވިދާޅުވި ގޮތުގައި، އެ ލިޔުންތައް ބާތިލްވާ ގޮތަށާއި، ރާއްޖޭގެ މަސްކަނޑުން މިހާރު ވެސް ލިބިފައިވާ 150 މޭލު ހިމެނޭ މަސްކަނޑުގެ ސަރަހައްދާއި، ކަނޑާއި، ކަނޑު އަޑީގައިވާ އަގުބޮޑެތި މައުދަންތަކާއި އެހެނިހެން ވަސީލަތްތަކުން ދިވެހިން މަހްރޫމްވެ، މަސްވެރިކަމުގެ ސިނާއަތް ހުއްޓި، ރާއްޖެ އާއި މަސްވެރިން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ.

"ސަރުކާރު[ގެ] މި މަކަރުވެރި ނިންމުމުގެ އާހިރު ނަތީޖާގެ ސަބަބުން ދިވެހިން އީޔޫ އަށް ބޭރުކުރާ މަހުގެ މޮނޮޕޮލީ މޮރިޝަސް އަށް ދޫކޮށްލުމާއި ރާއްޖެއިން އީޔޫ އަށް އެކްސްޕޯޓު ކުރާ މަހުން ޑިއުޓީ ކުޑަކުރަން ދެކޮޅު ހަދާ މޮރިޝަޝް އާ އެކު ރައީސުލްޖުމްހުރިއްޔާ ގެ މަގާމުގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންނަށް ސިއްރުން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ގާނޫނާ ހިލާފަށް މޮރިޝަސް އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހު ސިއްރުން ދޫކޮށްފައިވާ ފޯޅަވަހި ސިއްރު ސިޓީ އަނބުރާ ގެނައުން," މި ޕެޓިޝަންގައި ވެއެވެ.

ބޮންޑޭ ތުހުމަތު ކުރައްވާ ގޮތުގައި، މޮރިޝަސްގެ މައްސަލައިގައި އެ ގައުމާއި ސަރުކާރާ ދެމެދު 500 މިލިއަން ޑޮލަރުގެ ޑީލެއް ވެއެވެ. އެހެންކަމުން އެ ޑީލުގެ ހަގީގަތް މިނިވަން ފަރާތަކުން ތަހްގީގު ކުރުމަށާއި، ޗާގޯސް އައިލެންޑްސްގެ މައްސަލައިގައި ރައީސް ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ގޮވާލާ ކަމަށް، މި ޕެޓިޝަންގައި ވެއެވެ.

ޗާގޯސްގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައިގައި ހުކުމް މި މަހުގެ 28 ގައި އިއްވާނެއެވެ. ހުކުމް އިއްވުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ހެނދުނު 11 އަށެވެ.

އެ ދައުވާ އާ ގުޅިގެން ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަކުންނާއި އާންމުން ވަނީ ޗާގޯސް އަކީ ކުރިން ރާއްޖޭގެ ބައެއް ކަމަށާއި އެތަން އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް ވަނީ އަންގަވައިފައެވެ. ނަމަވެސް މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް، މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފެއް ނުވެއެވެ.