ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ވެސް ގިނަ ބަޔަކަށް ކަމުދާ ހެދިކާއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ހަވާދުލީ ބިހަކީ މިހާރު ޒަމާނައް އަންނަ ބަދަލު ތަކާއެކު ބަދަލުވެފައިވާ އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެޒަމާނުގައި ހަވާދު ގަނޑު ތައްޔާރު ކުރުމަށް ދިވެހި ހަވާދު ބޭނުން ކުރި ނަމަވެސް މިހާރު ގިނައިން ތައްޔާރު ކުރަނީ ޓޮމާޓޯ ޕޭސްޓް ބޭނުން ކޮށްގެންނެވެ. އެއީ ދިވެހިންގެ ރަހަތަކާ އެއްގޮތް ކުރުމަށް ގެނައި ބަދަލަކަށް ވުންވެސް އެކަށީގެން ވެއެވެ. ކޮންމެ ގޮތަކަށް ހަވާދުލީ ބިސް ތައްޔާރު ކުރި ނަމަވެސް މިއީ އަހަރުމެން ދިވެހިންގެ ތެރޭގައި ފަނޑުވެގެން ނުދާނެ ހެދިކާގެ ބާވަތެއްކަން ޔަގީނެވެ.

ބޭނުންވާ ތަކެތި

ފުށްގަނޑު ތައްޔާރު ކުރުމަށް:

  • 1/2 1 ޖޯޑު ފުށް
  • 1/2 ސައިސަމުސާ ލޮނު
  • 3/4 މޭޒުމަތީ ސަމުސާ ތެޔޮ
  • ހޫނު ފެން
  • ލޮނު

މަސްގަނޑު ތައްޔާރު ކުރުމަށް:

  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • މިރުސް
  • 4 ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
  • 1/2 ޖޯޑު ހުނި
  • 1/2 ސައިސަމުސާ ގާނާފައިހުރި އިނގުރު
  • ލޮނު (ރަހަލާވަރަށް)
  • 1/4 ސައިސަމުސާ މުގުރި އަސޭމިރުސް
  • 1/2 ލުނބޯ
  • 1 މަސްދަޅު
  • 1/4 ސައިސަމުސާ ރީނދޫ

ހަވާދު ތައްޔާރުކުރުމަށް:

  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 3 އިންޗީގެ ރާނބާފަތްކޮޅެއް
  • 4 ހިކަނދިފަތް
  • 1 ސައިސަމުސާ ގާނާފައިހުރި ލޮނުމެދު
  • 4 ސައިސަމުސާ މުގުރި ކޮތަނބިރި
  • 2 ސައިސަމުސާ މުގުރި ދަވިއްގަނދު
  • 1 ސައިސަމުސާ މުގުރި ދިރި
  • ½ 1 ސައިސަމުސާ މުގުރި ހިކި މިރުސް
  • 3 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
  • ½ ޖޯޑު ކާށި ކިރު
  • ލޮނު (ރަހަލާ ވަރަށް)

ތައްޔާރު ކުރާނެ ގޮތް

ބޯތަށްޓަކަށް ފުށާއި ލޮނު އަދި ތެޔޮ އެޅުމަށްފަހު އެއްކޮށްލާށެވެ. މަޑުމަޑުން ފެންފޮދު އަޅަމުން ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. އަދި ފުށްގަނޑު މޮޑެ ނިމުމަށްފަހު ކުދި ކޮށް ގުޅަ ވެށުމަށްފަހު އެއްކައިރީގައި ބަހައްޓާށެވެ.

ފިޔާ، ހުނި، އިނގުރު، ލޮނު، އަސޭމިރުސް އަދި ލުނބޯ ހުތް ޖެހުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ހިކަނދިފަތް، މިރުސް، މަސްދަޅު އަދި ރީނދޫ އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އޭރުން މަސްގަނޑު ތައްޔާރުކޮށް ނިމުނީއެވެ.

ކުރިން މޮޑުނު ފުށްގަނޑުން ހަދާފައި ހުރި ގުޅަ އަތުގެ އިނގިލި ތަކުން ފަތާކޮށްލާށެވެ. ދެން ފުށްގަނޑު ތެރެއަށް މޮޑުނު މަސްގަނޑުން މަސްކޮޅެއް އެޅުމާށްފަހު ފުށްގުޅަ ބައްދާލާށެވެ. ވެށި ހުރިހާ ގުޅައެއް މިގޮތަށް ހެދުމަށްފަހު ފެން ހޫނު ކޮށް ބިސްތައް ފެނު ކައްކާލާށެވެ.

ތަވައެއްގައި ތެޔޮކޮޅު ހޫނުކޮށްފައި އޭގެ ތެރެއަށް ކޮށި ފިޔާ، ހިކަނދިފަތް، ރާނބާފަތް އަޅާ ރަތްވާން ދެން ކައްކާލާފައި، ލޮނުމެދުކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކޮތަންބިރި، ދަވިއްގަނދު، ދިރި، ހިކި މިރުސް އަޅާ އެއްކޮށްލާފައި ބައި މިނެޓެއްހާއިރު ކައްކާލާށެވެ. ދެން ޓޮމާޓޯ ޕޭސްޓް އަޅާ އެއްކޮށްލާފައި ލޮނާއި، ފެން އަޅައި އެއްކޮށްލާނީއެވެ. ބޮކިޖަހާ ކެކިގަންނަންދެން ކައްކާލާށެވެ. އެއަށްފަހު، ކުރިން ފެނު ކެއްކި ބިސްތައް ހަވާދު ގަނޑާ އެއްކޮށްލާށެވެ.