ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ އުންމީދު އިތުރުވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގުރައިދޫ ބައި-އިލެކްޝަން ބުނެދޭ އެންމެބޮޑު ހަގީގަތަކީ ހުރިހާ ބާރަކާއި ނުފޫޒާއެކު ސަރުކާރަށް ލިބުނީ 48 ޕަސެންޓްކަން ކަމަށެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރެއްގެ ހުވަފެންފުޅުގައި ކުލަ ނުޖެހޭނެކަން ކަށަވަރު ކޮށްދޭ ނަތީޖާއެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް 2023 ގެ އުންމީދު އިތުރުވި ނަތީޖާއެއް إن شاء الله
އަހްމަދު ޝިޔާމް

14 އަހަރުގެ ދިގު ތާރީހަކަށް ފަހު ގުރައިދޫ ދާއިރާގެ ގޮނޑި ޕީޕީއެމް އަށް ގެއްލުނީ 120 ވޯޓުގެ ތަފާތުންނެވެ. އެގޮތުން ވަގުތީ ނަތީޖާ އަށް ބަލާއިރު، އެމްޑީޕީން ވާދަ ކުރި އިބްރާހިމް ޝާޒް އިންތިހާބު ކާމިޔާބު ކުރީ ޖުމްލަ 1346 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހުސެން ރިޒާ އަށް 1226 ވޯޓު ލިބިފަިއި ވާއިރު އެމްއެންޕީގެ އާރިފަށް ލިބުނީ 122 ވޯޓެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ކުޑައެވެ. ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ އެ ހުކުމް އިސްތިއުނާފު ވެފެން މިނިވަން ވުމެވެ. ފުއްގިރި މައްސަލަ ސާބިތުވެއްޖެ ނަމަ އެ ހުކުމް ބާތިލްކުރަން ވެސް ޖެހޭނެއެވެ.