ވައިގެ މަގުން ޕާކިސްތާނުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ކަރާޗީން ރާއްޖެ އައި އުމުރުން 53 އަހަރުގެ ފިރިހެން މީހާގެ އަތްދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ސުވާލުކޮށް، ބަލާ ފާސް ކުރި އިރު އޭނާގެ ދަބަހުން 4.98 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، އޭނާގެ އަތުން އަތުލަިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހިރޮއިން ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށެވެ. އެ ހިދުމަތުން ބުނީ، މައްސަލަ އިތުރަށް ތަހްގީގުކުރުމަށްޓަކައި މަސްތުވާތަކެއްޗާ އެމީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާދީފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނައިރު ދާދި ފަހުން ވަނީ އިތިއޮޕިއާއިން ރާއްޖެ އައި 56 އަހަރުގެ އިންޑިއާ ފަސިންޖަރެއް ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުންވަނީ 5.38 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެއީ 9 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯތުން ވަނީ 3 ދުވަސް ޖަހާދީފައެވެ. އަދި އޭނާ އަށް ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ، ދެން ބާއްވާ ޝަރީއަތުގެ މަޖިލީހަށް ތަރުޖަމާނަކު ހާޒިރުކުރުމަށް، އެ އަންހެން މީހާގެ މައްސަލަ ބަލާ އިންވެސްޓިގޭޝަން އޮފިސަރަށް ކޯޓުން އިލްތިމާސްކޮށްފއިވެއެވެ.