މާލެއާ ވިލިމާލެއާ ދެމެދުން ދަތުރު ކުރަމުންދިޔަ ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު 7:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މި އެކްސިޑެންޓުގައި ލޯންޗަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އިތުރަށް ބަލަމުންދާ ކަމަށެވެ.

ގެއްލުން ލިބިފައިވާ ލޯންޗު ވިލިމާލެ ގެންގޮސްފައި ވާއިރު މެރިން ޕޮލިސްއިން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ލޯންޗުގެ ކުރީ ކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. އެގޮތުން ބަލާއިރު ލޯންޗުގެ ބޮޑު ބައެއް ވަނީ ފަޅައިގެން ގޮސްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވާއިރު އެކްސިޑެންޓްވި އަނެއް ލޯންޗައް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.