މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އިންތިހާބު އެމްޑީޕީ އިން ވާދަކުރި ކުރި ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބު ކޮށްފިއެވެ.

އެ ދާއިރާ އަކީ މީގެ ކުރިން ޕީޕީއެމުން ކާމިޔާބު ކުރަމުން ދިޔަ ދާއިރާއެކެވެ. ޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހިމް ރިޒާ ވަނީ މިދިޔަ ތިން ދައުރު އެ ގޮނޑީ ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް އޭނާ ކެންސަރު ބައްޔަަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެން މި ފަހަރު ބޭއްވި ބައި އިލެކްޝަންގައި އެ ގޮނޑި ވަނީ ޕީޕީއެމް އަށް ގެއްލިފައެވެ.

މިއަދު ބޭއްވި އިންތިހާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. އެއީ ޕީޕީއެމްގެ ފަރާތުން ކުރިމަތި ލެއްވި ކުރިން އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާދަމް، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އާއި އެމްއެންޕީން ކުރިމަތިލެއްވި ކެންޑިޑޭޓް އަލީ އަރީފް އެވެ.

މިހާތަނަށް މި އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ހުސައިން ރިޒާ އާދަމް އަށް ލިބިފައި ވަނީ ޖުމްލަ 834 ވޯޓެވެ. ޝާޒް އަށް 1،085 ވޯޓު ލިބިފައި ވެއެވެ. އަދި އަލީ އަރީފް އަށް ލިބިފައި ވަނީ ޖުމްލަ 120 ވޯޓެވެ. މިހާތަނަށް އެއް ވޯޓުފޮށި ފިޔަވާ ހުރިހާ ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ވަނީ އިއުލާން ކޮށްފައެވެ. އަދި މިހާތަނަށް ލިބިފައި ނުވަނީ ގުޅީގައި ބެހެއްޓި ފޮށީގެ ނަތީޖާއެވެ.

މި އިންތިހާބުގައި 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، އޭގެ ތެރެއިން މިއަދު ވޯޓުލާފައި ވަނީ 2،755 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80.4 ޕަސެންޓް މީހުންނެވެ. ބާތިލް ވޯޓަކީ 61 އެވެ.