މަޝްހޫރު ޓެކް ކުންފުނި ވާވޭން ނެރުނު ވާވޭ ވޮޗް ބަޑްސް އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީގައި ތައާރަފްކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވާވޭން ނެރުނު އެ ގަޑިއަކީ ސްމާޓްވޮޗްގެ ސިފަތައް އެކުލެވޭ، އަދި ގަޑީގެ ޑިސްޕްލޭގެ ދަށުގައި އިއާބަޑްސް ހުންނަ ސްމާޓްވޮޗެކެވެ. އެ ގަޑީގެ ހާއްސަ ސިފައަކީ ގަޑީގެ ބޭނުންކޮށްގެން އިއާބަޑްސް ޗާޖުކޮށްލެވުމެވެ.

ވާވޭ ފިޔަވައި އެހެން އެއްވެސް ޓެކް ކުންފުންޏަކުން އަދި މިފަދަ ސްމާޓްވޮޗެއް އުފައްދާފައިވާ ކަމަކަށް ނުވެއެވެ.

ޓަޗް ސްކްރީނެއް އިންނަ މި ގަޑީގައި ދެ ފިތެއް އިނދެއެވެ. އެއީ ގަޑީގެ ބޭނުންކުރާ އިރު، އެކި ކަންކަން ކުރުމަށް ބޭނުންކުރާ ފިތަކާއި، ގަޑީގެ ޑިސްޕްލޭ ކަވަރު ހުޅުވާ ފިތެކެވެ. އެ ފިތަށް އޮބާލުމުން ޑިސްޕްލޭ ހުޅުވި، އިއާބަޑްސް ދަށުގައި ހުންނަ ތަން ފެންނާނެއެވެ.

މިހާރު އެންމެ ހިނގާ ޓްރޫ ވަޔަލެސް ބަޑްސް ނުވަތަ ބްލޫޓޫތު ބަޑުތައް ކަމަށްވާ އެޕަލް ކުންފުނީގެ އެއާޕޮޑްސް ޕްރޯ އާއި ސެމްސަންގް ކުންފުނީގެ ގެލެކްސީ ބަޑްސް އަދި ގޫގުލް ކުންފުނީގެ ޕިކްސަލް ބަޑްސް ޕްރޯ ފަދައިން، ވާވޭގެ ވޮޗް ބަޑްސް އާ އެކު ހިމެނޭ އިއާބަޑްސް ގައި ވެސް އެކްޓިވް ނޮއިސް ކެންސަލޭޝަން ފީޗާ ހިމެނެއެވެ. އެ ފީޗާގެ ސަބަބުން އިއާބަޑްސް ބޭނުންކުރާ މީހާ އަށް އިވޭ އަޑުތައް ފިލްޓާކޮށްދެއެވެ.

ވާވޭގެ ވެބްސައިޓުގައިވާ ގޮތުން، ވޮޗް ބަޑްސް ސަޕޯޓްކުރަނީ އެޕަލް އައިއޯސް 9 އިން ފެށިގެން ފަހުގެ ވާޝަންތަކަށެވެ. އެންޑްރޮއިޑް ނަމަ، އެންޑްރޮއިޑް 7 އިން ފެށިގެން ފަހުގެ ވާޝަންތަކަށެވެ.

މި ގަޑީގެ ދަށުގައިވާ އިއާބަޑްސް އަށް ވާވޭން އައިޕީ-54 ގެ ރޭޓިން އެއް ދީފައި އޮތް ނަމަވެސް، ގަޑީގެ ކަވަރު ހުޅުވާ އަދި ލައްޕާ ވަގުތު ފެން ވަނުން އެކަށީގެންވާ ކަމަށާއި އެކަމަށް ސަމާލުވުމަށް ވާވޭން އެދިފައިވެއެވެ.

އެ ކުންފުނިން ބުނާ ގޮތުން، މުޅި ގަޑީގެ ޗާޖު ތިން ދުވަހަށް ހިފަހައްޓާނެއެވެ. 100 ޕަސެންޓް ޗާޖުގައި މިއުޒިކް އަޑުއަހާ ނަމަ ހަތަރު ގަޑިއިރަށް، އަދި މީހުންނަށް ގުޅައި ހަދާ ނަމަ 2.5 ގަޑިއިރަށް އިއާބަޑްސްގެ ޗާޖު ހިފަހައްޓާނެ ކަމަށާއި، އެކްޓިވް ނޮއިސް ކެންސަލޭޝަން ފީޗާ އޮން ކޮށްގެން މިއުޒިކް އަޑުއަހާ ނަމަ ތިން ގަޑިއިރަށް، އަދި މީހުންނަށް ގުޅާ ހަދާ ނަމަ ދެ ގަޑިއިރަށް އިއާބަޑްސްގެ ޗާޖު ހިފަހައްޓާނެ ކަމަށް ވެސް ވާވޭން ބުންޏެވެ.

އުރީދޫން ބުނީ، މޫލީގައި ވާވޭ ވޮޗް ބަޑްސް ތައާރަފްކުރުމުގެ އުފަލުގައި ހާއްސަ އޮފާއެއްގެ ދަށުން، މި މަހުގެ 22 ގެ ނިޔަލަށް އެ ގަޑި 6،999 ރުފިޔާ އަށް ވިއްކަން ނިންމާފައިވާ ކަމަށެވެ. އުރީދޫން ބުނި ގޮތުގައި، މޫލީން ވާވޭ ވޮޗް ބަޑްސް ގަތުމުން ކަސްޓަމަރުންނަށް ކޮންމެ ހިސާބަކަށް ވެސް ގަޑި ހިލޭ ޑެލިވާކޮށްދޭނެއެވެ.