ޕާސްތާ އަކީ ދިވެހިންގެވެސް މަގުބޫލުކަން ހޯދާފައިވާ އިޓަލީއަށް ނިސްބަތްވާ އެއްޗެކެވެ. އެކި ގޮތް ގޮތަށް ޕާސްތާ ތައްޔާރު ކުރެވޭއިރު މި ފަހަރު ކިޔުންތެރިންނަށް މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ޕާސްތާ ތައްޔާރު ކުރާނެ ގޮތެވެ.

މިއީ ފަސޭހައިން ލިބޭ އަދި ތައްޔާރު ކޮށްލުމަށް ފަސޭހަ ރެސިޕީއަކަށް ވާނެއެވެ. އަދި ކުޑަ ކުދިންނަށްވެސް ކަމުދާނެ މި ކެއުމަކީ ކުޑަވަގުތު ކޮޅަކުން ތައްޔާރު ކޮށްލެވޭނެ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 2 ޖޯޑު ޕާސްތާ (ފެނު ކައްކާފައި)
  • 1 ޖޯޑު ކިއުކަމްބާ (ކޮށާފައި)
  • 1/2 ޖޯޑު ރޯ ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
  • 1/2 ޖޯޑު އޮލިވް (ކުދިކޮށް ކޮށާފައި)
  • 1 ފިޔާ (ކިއުބްކޮށް ކޮށާފައި)
  • 1/2 އޮލިވް އޮއިލް
  • 1/2 ޖޯޑު ސްޕިނަޗް ފަތް
  • 2 މޭޒުމަތީ ސަމްސާ ވިނިގަރު
  • 1 ލުނބޯ
  • 1 ލޮނުމެދު (ގާނާފައި)
  • 3 މޭޒުމަތީ ސަމްސާ ގްރީކް ޔޯގަޓް
  • 3/4 ސައިސަމްސާ އޮރިގާނޯ
  • ލޮނު (ރަހަލާވަރަށް)
  • 1/2 ސައިސަމްސާ އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް

ތައްޓަކަށް ކައްކާފައި ހުރި ޕާސްތާ، ކިއުކަމްބާ، ސްޕިނަޗް، ޓޮމާޓޯ، އޮލިވް، އެޅުމަށްފަހު އެއްކައިރީގައި ބަހައްޓާށެވެ.

ޕާސްތާ ސެލެޑް ތައްޔާރުކުރަނީ

ދެން އޮލިވް އޮއިލް އެހެން ތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ގްރީކް ޔޯގަޓް، ލުނބޯ ހުތް އޮރިގާނޯ، އަސޭމިރުސް، ވިނިގަރު، ލޮނު އަދި ލޮނުމެދު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލުމުން ސެލެޑް ޑްރެސިންގް ތައްޔާރު ވީއެވެ.

އަދި ކުރިން ތައްޔާރުކުރި ސެލެޑްގެ ބާވަތްތައް ހިމެނޭ ތަށީގެ ތެރެއަށް ސެލެޑް ޑްރެސިންގް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި ބޭނުން ނަމަ ޕާމަސަން ޗީޒް ވެސް އެއްކޮށްލެވިދާނެއެވެ.