ރޯދަ ވީއްލާ ގަނޑީގައި ބުއިމެއްގެ ގޮތުގައި ސައި އިހްތިޔާރު ކުރާ މީހުންގެ ތެރެއިން ބައެއް މީހުން ސައި ހޫނުކޮށް ބޭނުންވީ ނަމަވެސް އަނެއް ބައި މީހުން ސައި ބޭނުންވަނީ ފިނި ބުއިމެއްގެ ގޮތުގައެވެ. މިއަދުގެ ޕްރެސް ބަދިގެ ސެގްމެންޓްގައި މި ގެނެސްދެނީ ފިނިކޮށް ހަދާ ސައިގެ ވައްތަރެއް ކަމަށްވާ ސްޓޯބެރީ ޓީ ލެމަނޭޑް ހަދާނެ ގޮތެވެ.
ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ސްޓޯބެރީ ލެމަނޭޑް ޓީ ހަދާނެ ގޮތް ތިރީގައި އެވަނީއެވެ.
ބޭނުންވާ ތަކެތި:
- 2 ޕެކެޓު ރެޑް ބެރީ ސާފަތް
- 80 އެމްއެލް ހޫނު ފެން
- 4 ސްޓޯބެރީ
- 30 އެމްއެލް ލުނބޯ ހުތް
- ސްޕްރައިޓް، އައިސްކްރީމް ސޮޑާ ފަދަ ކުލަ ނުހުންނަ ލުއި ބުއިމެއް
- އައިސް ކިއުބްސް
ތައްޔާރު ކުރާނެގޮތް:
ތަށްޓަކަށް 2 ސާފަތް ޕެކެޓު ލުމަށްފަހު ހޫނުފެން އަޅާށެވެ. އެއަށްފަހު ފެނަށް ރަނގަޅަށް ސާފަތުގެ ކުލަ އަރަންދެން ގިރާލާށެވެ.
އެހެން ތަށްޓަކަށް ސްޓޯބެރީކޮޅު އެޅުމަށްފަހު ރަނގަޅަށް ޗިސްކޮށްލާށެވެ. ދެން އައިސްކިއުބްސް އެޅުމަށްފަހު ތަށީގެ މެދާ ހިސާބަށް އަރާވަރަށް ސްޕްރައިޓް އަޅާލާށެވެ. އެއަށްފަހު ކުރިން ތައްޔާރު ކުރި ސައި ފޮދު އަދި ލުނބޯހުތްކޮޅު އަޅާލުމުން އެހުރީ ސްޓޯބެރީ ލެމަނޭޑް ޓީ ތައްޔާރުވެފައެވެ.
ސްޓޯބެރީގެ ބަދަލުގައި ތަފާތު އެހެން ވައްތަރެއްގެ މޭވާއެއް ބޭނުންކޮށްގެން ވެސް މި ބުއިން ތައްޔާރުކޮށްލެވިދާނެއެވެ. އަދި ހަމައެހެންމެ ބޭނުންވާނަމަ ރެޑް ބެރީ ސާފަތުގެ ބަދަލުގައި ތަފާތު ވައްތަރެއްގެ ސާފަތެއް ބޭނުންކޮށްގެން ވެސް މި ބުއިން ތައްޔާރުކޮށްލެވިދާނެއެވެ.