ހަތަރު ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތްތައް 17.75 މިލިއަން ރުފިޔާ އަށް އެންވަޔަރަމަންޓް މިނިސްޓްރީން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އޭގެ ތެރެއިން ތިން ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ހަދަން ހަވާލުކުރިއިރު، އަނެއް ރަށުގައި ހުންނަ ކުނި މެނޭޖުކުރާ މަރުކަޒު ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ވެހިކަލް ބިލްޑާސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެ ކުންފުންޏާ ތިމާވެއްޓާ ބެހޭ ވުޒާރާ އިން ހަވާލުކުރީ:
- ދ. މާއެނބޫދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ހެދުމަށް (4.32 މިލިއަން ރުފިޔާ)
- ތ. ތިމަރަފުށީގައި ކުނި މެނޭޖުކުރާ މަރުކަޒެއް ހެދުމަށް (5.01 މިލިއަން ރުފިޔާ)
- ތ. ގުރައިދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ހެދުމަށް (4.41 މިލިއަން ރުފިޔާ)
- ފ. ނިލަންދޫގެ ކުނި މެނޭޖުކުރާ މަރުކަޒު ތަރައްގީކުރުމަށް (4.11 މިލިއަން ރުފިޔާ)
ވެހިކަލް ބިލްޑާސް ކުންފުންޏާ އެންވަޔަރަމަންޓް މިނިސްޓްރީން އެ މަޝްރޫއުތައް ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަޝްރޫއުތަކާ ގުޅޭ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރެވެ. އަދި ވެހިކަލް ބިލްޑާސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ރަޝީދެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެ މަޝްރޫއުތައް ނިމުމުން، އެ ހަތަރު ރަށުގައި ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ މަރުކަޒުތަކުން ކުނި ވަކިކޮށް، އަލުން ބޭނުން ހިފޭ ކުނި ރައްކާކޮށް، ނައްތާނުލެވޭ ކުނި، ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒަށް ގެންދިއުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އެ މަރުކަޒުތަކުގެ ސަބަބުން ކުނި އެންދުމާއި ޖަމާވުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން، އެ މަރުކަޒުތަކުގެ ސަބަބުން، ސިއްހަތަށާއި ތިމާވެއްޓަށް ފައިދާ ލިބިގެން ދާނެ ކަމަށާއި، އިގްތިސޯދަށް ވެސް ކުރިއެރުން އަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ މަޝްރޫއުތަކުގެ ދަށުން ގާއިމްކޮށް ތަރައްގީކުރެވޭ މަރުކަޒުތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ ފެންވަރުގެ މަރުކަޒުތަކެކެވެ. އެ މަރުކަޒުތަކުގައި ހިމެނެނީ:
- މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރުން، ފާހާނާ އެއް
- ކުނި ބައި ބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ އާއި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގައެއް
- ކުނީގެ ބަރުދަން ބެލޭނެ ސްކޭލެއް
އެންވަޔަރަމަންޓް މިނިސްޓްރީން މި ހަތަރު ރަށުގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެ މިނިސްޓްރީން ތަންފީޒުކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.