ޔޫކްރައިން ހަނގުރާމައިގައި އެމީހުންނާ ބައިވެރިވެ އެމެރިކާ އާއި ނޭޓޯގެ ސްޕެޝަލް ފޯސަސް އިން ހަރަކާތްތެރިވާކަން ފަޅާ އަރައިފިއެވެ.

ޔޫކްރައިން ހަނގުރާމައިގައި އެމެރިކާ އާއި ނޭޓޯން މަދަދު ދޭ ގޮތާ ބެހޭ ގޮތުން ލީކް ވި ޑޮކިއުމަންޓް ތަކުގައި މާޗް 23 ގެ ތާރީހުގައި "ޓޮޕް ސީކްރެޓް" ޖަހާފައި އޮތް ލިޔުމުން އެނގޭގޮތުން ޔޫކްރައިންގައި ހަރަކާތްތެރިވާ ހުޅަނގުގެ ސްޕެޝަލް ފޯސަސްގެ ތެރޭގައި އެންމެ ގިނައީ އިނގިރޭސީންނެވެ.

ޔޫކްރައިންގައި ތިބި ހުޅަނގުގެ ސްޕެޝަލް ފޯސަސް:

  • އިނގިރޭސިވިލާތް: 50 ސިފައިން
  • ލެޓްވިއާ: 17 ސިފައިން
  • ފްރާންސް: 15 ސިފައިން
  • އެމެރިކާ: 14 ސިފައިން
  • ނެދަލޭންޑްސް: 1

މި ޑޮކިއުމަންޓްތައް ލީކް ވި މައްސަލަ އެމެރިކާގެ ޖަސްޓިސް ޑިޕާޓުގެ ހާއްސަ ހުއްދަ އަކާ އެކު ފަށާފައި ވާ އިރު، ލީކްވި އެ ޑޮކިއުމަންޓުގައި އެ ސިފައިން ޔޫކްރައިންގައި ހަރަކާތްތެރިވާ ސަރަހައްދެއް އަދި ކުރާ ކަމެއް ބުނެފައެއް ނުވެއެވެ.

ސްޕެޝަލް ފޯސަސް އަކީ، ހަނގުރާމަފަދަ ހާލަތްތަކުގައި ހުނަރުވެރިކަމާއެކު ހަރަކާތްތެރިވާ ގޮތުގެ ހާއްސަ ތަމްރީނުތަކެއް ފުރިހަމަ ކޮށްގެން ތިބޭ ބައެކެވެ. މިމީހުން ޔޫކްރައިންގައި ހަރަކާތްތެރިވާ ކަން ދުނިޔެއަށް ހާމަ ވި މިއީ ފުރަތަމަ ފަހަރުކަން އެނގުނު ނަމަވެސް، ހަނގުރާމަ ކުރަނީ ޔޫކްރައިންނާ އެކަނި ނޫން ކަމަށާއި ނޭޓޭވެސް ހިމެނޭ ކަމަށް މީގެ ކުރިން ރަޝިއާއިން ބުނެފައި ވެއެވެ. ނަމަވެސް ރަޝިއާއިން އެހެން ބުނީ، ސީނާ ގްރައުންޑް (ޔޫކްރައިންގެ ހަނގުރާމައިގެ މައިދާނުގައި) ނޭޓޯގެ ސިފައިން ތިބިކަން އެނގިގެން ކަމެއް ނުވަން ނޫންކަމެއް ސާފެއް ނުވެއެވެ.

ލީކްވަމުން ދާ މި ޑޮކިއުމަންޓްތަކާ ގުޅިގެން އެކި ގައުމުތަކުން ދޮގު ކުރާ އިރު ބައެއް ގައުމުތަކުން ދަނީ އެއީ ސީރިއަސް މައްސަލައެއް ކަމަށް ބުނެ، މައުލޫމާތު ސައްހަ ނޫން ކަމަށް ބުނަމުންނެވެ.

ޔޫކްރައިންގައި ހަރަކާތްތެރިވާ އިނގިރޭސި ސްޕެޝަލް ފޯސަސް އާ ގުޅިގެން އެގައުމުގެ ދިފާއީ ވަޒީރު ވެސް ވިދާޅުވެފައި ވަނީ އެ ލިޔުންތަކުގައި ސީރިއަސް ދަރަޖައަކަށް މައުލޫމާތު ގޯސް ކަމަށެވެ. އެހެން ކަމުން އެ މައުލޫމާތު ބޭނުން ކުރާ ފަރާތްތަކުން ރައްކާތެރިވުމަށް ވަނީ ގޮވާލައްވާފައެވެ.

ނަމަވެސް މި މައްސަލައިގައި އެމެރިކާގެ ޕެންޓގަންގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އެއީ ސައްހަ ލިޔެކިޔުންތަކެއް ކަމަށާއި ނަމަވެސް ބައެއް ބައިތައް ބަދަލުކޮށްފައި ހުރި ކަމަށެވެ.

އިނގިރޭސި ސްޕެޝަލް ފޯސަސް އަކީ، އެތައް ބައިވަރި އެލީޓް ގްރޫޕްތަކަކަށް ބެހިގެން ވާ އެކި ދާއިރާތަކުގެ އެކްސްޕާޓުން ނުވަތަ ތަމްރީން ލިބިގެން ތިބޭ، އެ ދާއިރާތަކުން ދުނިޔޭގެ އެންމެ ގާބިލް އެއް ފޯސްއެވެ.

ނޭޓޯގެ ސްޕެޝަލް ފޯސަލް ޔޫކްރައިންގައި ހަރަކާތްތެރި ވާ އިރު، އެމެރިކާ ނަގާފައި މާލީ ގޮތުންވެސް ޔޫކްރައިނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމަކީ އިނގިރޭސީންނެވެ.