ސަރުކާރުގެ ކަންކަން ހަމަޔަކަށް އަޅުވަން ގިނަ މަސައްކަތްތަކެއް އޭނާ ކުރެއްވި ނަމަވެސް ސަރުކާރުން އެކަން ކަމަށް އިޖާބަ ދީފައި ނުވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިގޮތަށް ވިދާޅުވެފައި ވަނީ ސަރުކާރާ ދެކޮޅަށް ނިކުމެވަޑައިގެންނެވި ސަބަބު ހާމަކުރައްވައި ނެރުއްވި ނޫސްބަޔާނެއްގައެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނެރުއްވި ނޫސްބަޔާނުގައި އިތުރަށް އަމްރު ވިދާާޅުވީ، "އެހެން ގޮތެއް ހިޔާރުކުރަން ޖެހުނީ ގިނަ ފަހަރެއްގެ މަތިން އިސްލާހުގެ މަގަށް ކަންކަން ގެންދަން ކުރި މަސައްކަތަށް އިޖާބައެއް، ތަރުހީބެއް، އެއްބާރުލުމެއް ނުލިބުމުންނެވެ."

އެމްޑީޕީއަށް ވަފާތެރި އެތައް މެންބަރުންތަކެއް ދުރަށް ޖެހިއްޖެ ކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވީ، އެ މެންބަރުންވެސް ޕާޓީއިން އެއްފަރާތައް ޖެހުނީ ޕާޓީގެ ސިޔާސަތުތައް އޮޅިގެން ނުވަތަ ގަބޫލު ނުކުރެވިގެން ނޫން ކަމަށެވެ.

"އަޅުގަނޑު ވެސް ނުހަނު އިހްލާސްތެރިކަމާ އެކު ހެޔޮ ނިޔަތުގައި މަސައްކަތްކުރީ އެ ސިޔާސަތުތައް ކުރިއަރުވައި ތަންފީޒުކުރާށެވެ،"
Amr

އެހެން މެންބަރުންނެކޭވެސް އެއްފަދައިން އެމްޑީޕީގެ ގިނަ މަގާމުތަކެއް މީގެ ކުރިން ފުރުއްވާފައި ވާނެ ކަމަަށާއި 2018 ވަނަ އަހަރު އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރު ކުރުމަށްވެސް ގިނަ ގުނަ މަސައްކަތް ކުރެއްވި ކަމަށް އަމްރު ވިދާޅު ވެއެވެ. އަދި އޭރު ވެސް އެންމެ އިސްކަމެއް ދެއްވީ އެމްޑީޕީގެ މެނިފެސްޓޯގެ ސިޔާސަތުތައް ދަމަހައްޓައި، ޖަޒީރާ މެނިފެސްޓޯގެ އަސާސްތައް ނުގެއްލޭނެ ގޮތަށް ޕާޓީތަކުން އެއްބަސްވާ މެނިފެސްޓޯއެއް ނެރެން ކަމަށް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަމްރު ވިދާޅުވީ، ސަރުކާރުގެ ހަރަދުތަކާއި އިސްރާފު ބޮޑު ކަމަށާއި ޕްރޮޖެކްޓްތައް ހިނގާ ނުހިނގާ ގޮތް ނުބަލާތީ މަޝްރޫއުތައް ލަސްވެ މަސައްކަތާ ނުބައްދަލު ބޮޑެތި ހަރަދުތައް ކުރަން ޖެހުނު ކަމަށެވެ. އަދި ފާއިތުވި ހަތަރު އަހަރު ތެރޭގައި ކޮންމެހެން ކުރަން ޖެހޭ އެތައް ކަމެއް ނުކޮށް ދޫކޮށްލައި، ސަރުކާރުން ބޮޑު އަގުގައި ދަރަންޏަށް ފައިސާ ނެގި ކަމަށް އަމުްރު ތުހުމަތު ކުރައްވާފައި ވެއެވެ.

ސަރުކާރުން ހިންގަމުން ދިޔަ ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން މަސައްކަތް ކުރެއްވި ކަމަށް ފާހަގަކުރައްވައި އަމްރު އިތުރަށް ވިދާޅުވީ، މެސެޖުންނާއި ސިޓީން ވެސް ލަފާ ދެއްވި ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މަތީ މަގާމެއް ފުރުއްވަމުން ގެންދެވި އަމްރު، މަގާމުން ވަކި ކުރީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ތާއިދު ކުރައްވާ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، ޖޭޕީއާ އެކު ފިކުރެއްގެ ދިރުމުން މެނިފެސްޓޯއެއް ހެދުމަށް ވާހަކަތައް ދެކެވުނު ފަހުންނެވެ. އަދި މިހާރު ވަނީ އަމްރުގެ މަސްލަހަތުގެ ތެރެއިން އޭނާގެ ބައްޕައާއި އިތުރު ވިޔަފާރިވެރިއަކަށް އެސްޓީއޯގެ ތެރެއިން މަންފާ ހޯއްދަވައިދެއްވި ކަމުގެ ވާހަކަތައްވެސް ތިލަވެފައެވެ. މީގެ އިތުރުން އެސްޓީއޯގެ އެމްޑީއަކަށް ވެވަޑައިގެންނެވި ފަހުން މާލެއިން ގޯއްޗެއް ބައްލަވައިގަތުމާއި ރޮލެކްސް ބްރޭންޑްގެ އަގުބޮޑު އަތުކުރީ ގަޑިއެއް އަޅުއްވާ ވާހަކަތައްވެސް އާންމުން ފެންމަތި ކޮށްފައި ވެއެވެ.

ރައީސް ނަޝީދު އާއި އަމްރު އަދި ޖޭޕީގެ ބައެއް މެންބަރުން

އަމްރު އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި އިރުވެސް ގެންދެވީ ރައީސް ނަޝީދުއާ އެއްކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރައްވަމުންނެވެ. އަމްރު މަގާމުން ވަކި ކުރެއްވި ނަމަވެސް އަނބިކަނބަލުން އަފްޝަން ލަތީފު އަދިވެސް ހުންނެވީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ސީއީއޯގެ މަގާމުގަވެ.