ރޯދަ މަސް ހަނދާން ކޮށްލުމުން ކޮންމެ މީހަކު ވެސް ކުޑައިރު ރޯދަ ހިފާ ހަނދާނަށް އަންނާނެއެވެ. އޭރު ވަކި އުމުރެއްގެ ކުޑަކުދިން، ހުރިހާ ދުވަހަކު ރޯދައަށް ބެހެއްޓުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. ހުރިހާ ދުވަހަކު ރޯދަ ހިފަން ކުއްޖާ ގަސްތުކުރި ނަމަވެސް އެކުދިންނަށް ރޯދައަށް ނުހުރެވިދާނެތީ އޭރު މަންމަ ގަދަކަމުން ކޮންމެސް އެއްޗެއް އެހެން ކުދިންނާ ވަގަށް ނަމަވެސް ކާންދޭނެއެވެ. އެއީ އެހެން ކުދިން ކުރާނެ މަލާމާތަށް ވިސްނާފައެވެ. ނޫނީ އާއިލާ އެހެން މެންބަރުން ކުރާނެ މަލާމާތަށް ވިސްނާފައެވެ.

ރޯދަ ނުހިފާ ކުދިންނަށް އަމާޒުކުރާ މާލާމާތުގެ ބަނދި!

"ރޯދަ ނުކުނި، މަސް ކުނި ކުނި،" ރޯދައަށް ނުބަހައްޓާ ދުވަހަކު ދުވާލު ގަޑީގައި އެއްޗެއް ކާން އިންދާ ފެނިއްޖެނަމަ އާއިލާ މެންބަރުން ނުވަތަ ރަހުމަތްތެރި ކުދިންގެ ފަރާތުން މި "މަލާމާތް" ރައްދު ނުވާ ކުއްޖަކު މަދުވާނެއެވެ. އެކި ރަށްރަށުގައި މި މަލާމަތުގެ ބަނދި ކިޔާލެއް ވެސް ތަފާތެވެ.

މިގޮތުން "ރޯދަ ނިހިފާ ކަންބަރާ، އީދިގަލިގޭ ހަސަންބަރާ"، މިއީ އައްޑޫގައި ރޯދަ ނުހިފާ ކުދިންނާ ދިމާލަށް އެހެން ކުދިން ކިޔާ ބަންޖެއް ކަމަށް ވެއެވެ.

ނ. އަތޮޅުގެ ބައެއް ރަށްރަށުގައި މިގޮތަށް ކިޔާ ބަނދީގައި ކިޔަނީ "ރޯދަ ނުކުނި މަސް ކުނި ކުނި، ޖަލާ ނުކުނި! ރޯދަ ކުދިން ފައިބުޑުގައި އެނބުރެނިކޮށް ސެނބުރެނިކޮށް ބަންޑާރަ ބޮޑު ރުކުގާ ނަގާޖެހީ!" އެވެ.

މި ބަނދި ށ އަތޮޅުގެ ރަށްތަކުގައި ކިޔާގޮތް ވެސް ތަފާތެވެ. މިގޮތުން އެއަތޮޅުގެ ބައެއް ރަށްތަކުގައި ރޯދަ ނުކުނި ކުނި މަސް ކުނި ކުނި، ރޯދަވެރިންގެ ފައިދަށުގައި އެނބުރެނީ" ކިޔާ އުޅެއެވެ.

ހއ ގެ ބައެއް ރަށްރަށުގައި މި ބަނޑި ކިޔަނީ "ރޯދަ ނުކުނި މަންމަ ނުކުނި ކޭބަތުބަތް ޖަލަށް ލީ، ރޯދަ ކުދިން ފައިބުޑުގައި އެނބުރެނިކޮށް ސެނބުރެނިކޮށް ވަޔާ ގޮސް ފަހާލީ" ކަމަށެވެ.

މީގެ އިިތުރުން ރޯދަ ނުހިފާ ދުވަހެއްގައި ހާރުކާން އިންނަ ނަމަ "އެތުންމަތިން މިތުން މަތިން، ހާ ތެލީ ފިޔަން މަތީ، ހެނދުނުން ކާން ނިޔަތް ގަތިން" އެކުދިން ލައްވާ މިހެން ވެސް ކިޔާ ހަދުވައެވެ.

އެހެން ބައެއް ހިސާބުތަކުގައި މި ބަނދިވެސް ތަފާތެވެ. އެގޮތުން "އެތުން މަތިން މިތުން މަތިން، ‬‫ހާރުތަވާ ފިޔަން މަތިން‬‫، މާދަން ކާން ނިޔަތް ގަތިން" ކިޔާ އުޅެއެވެ. ‬

ރޯދައަށް ނުބަހައްޓާ ދުވަހަކު، އެއްކޮށް ދިރިއުޅޭ އާއިލާގެ މެންބަރުންނާއި އަވައްޓެރި ކުދިންގެ މަލާމާތުގެ އަމާޒަކަށް ވުމަކީ، ގިނަ މީހުންނަށް ކުޑައިރުގެ އެކަމަށް ދެރަވާ ނަމަވެސް މިހާރު މަޖާ ހަނދާނަކަށް ވާނެއެވެ.

މިހާރު ވަރަށް ޅަ އުމުރުގައި ކުޑަކުދިން ރޯދައަށް ބަހައްޓަން މައިންބަފައިން އެކުދިންނަށް ތަމްރީނު ދެއެވެ. ނަމަވެސް ރޯދައަށް ކުދިން ބަހައްޓާނަމަ މިކަންކަމަށް ވިސްނާލުން މުހިންމެވެ.

ރޯދަމަހު ހަވީރު ކުޑަކުދިން ގޮވައިގެން މަޑި އަރުވަން ގޮސް އުޅޭ މީހުން / ފޮޓޯ: ދަ ޕްރެސް

ކުޑަކުދިން ރޯދައަށް ބަހައްޓާނަމަ މި ކަންކަމަށް ވިސްނާ

ކުޑަކުދިން ރޯދަ ހިފާއިރު، މައިންބަފައިން އެ ކުދިންނަށް އެހީ ފޯރުކޮށްދިނުމާއި ރޯދަމަހުގެ ކެއުން ބަހައްޓާނެ ގޮތާއި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ތައްޔާރުވުމަކީ މުހިންމު ކަމެކެވެ. އަދި ރޯދައަށް ކުއްޖާ އަށް ހުރެވޭނެތޯ ބެލުމަކީ މުހިންމު ކަމެކެވެ. މިގޮތުން ކުއްޖާ ރޯދައަށް ހުރުމުގެ ކުރިން ބެލެނިވެރިން އެ ކުއްޖާގެ، ކެއުމުގެ އާދަތަކާއި، ބަނޑުހައި ހޫނުކަން ތަހައްމަލް ކުރެވޭނެވަރާއި، ރޯދައަށް ހުރެ އާއްމު ހަރަކާތް ކުރެވޭ ވަރު ބަލަން ޖެހެއެވެ.

ކުޑަކުއްޖާ ލައްވާ ގަދަކަމުން ރޯދަ ހިއްޕުވައިގެން ނުވާނެއެވެ. އެކުދީން ތަމްރީނު ކުރަން ވާނީ މަޑުމަޑުންނެވެ. މިކަމުގައި މައިންބަފައިންނާއި ގޭގައި އުޅޭ އެންމެންގެ ފަރާތުން އެކުއްޖާއަށް ނަމޫނާ ފެންނާން ޖެހޭނެއެވެ.