ރާއްޖެއިން އާޓް އެންޑް ޑިޒައިން ކިޔަވާ 176 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.
މިއަދާއި މާދަމާ އޮންނާނީ އާޓް އެންޑް ޑިޒައިން މާއްދާ ކަމަށް ވާއިރު، މި މާއްދާގެ އިމްތިހާންތައް ކުރިއަށް ގެންދިއުމަށް ޖެހިފައި ވަނީ ރާއްޖޭގެ 26 ސެންޓަރެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެގޮތުން މިއަދާއި މާދަމާ ޖުމްލަ 176 ދަރިވަރުން މި މާއްދާގެ އިމްތިހާންގައި ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި އިމްތިހާނުގައި އާޓް އެންޑް ޑިޒައިން މާއްދާ ރޯދަ މަސް ތެރޭ ބޭއްވި ނަމަވެސް ދެން ހުރި މާއްދާތައް ބާއްވަން ހަމަޖެހިފައި ވަނީ ރޯދައަށް ފަހުއެވެ. އެގޮތުން ދެން އެންމެ އަވަހަށް ފަށާނީ އިސްލާމް، އަރަބި އަދި ދިވެހި މާއްދާގެ އިމްތިހާނެވެ.
އިސްލާމްގެ އިމްތިހާން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 25 އަދި 26 ވަނަ ދުވަހުއެވެ. އަރަބި މާއްދާގެ އިމްތިހާން މި މަހުގެ 27 ގައި ބާއްވަން ހަމަޖެހިފައިވާ އިރު ދިވެހި މާއްދާ އޮންނާނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހުއެވެ. ދެން ހުރި މާއްދާތަކުގެ އިމްތިހާންތައް އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އިރު ޖޫން މަހުގެ 8 ވަނަ ދުވަހު ބައޮލޮޖީ މާއްދާގެ އިމްތިހާނާއެކު އޯލެވެލް އިމްތިހާން ނިންމާލުމަށް ވަނީ ތާވަލު ކޮށްފައެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވަމުން އައީ އޮކްޓޯބަރު/ނޮވެމްބަރު ގައެވެ. ނަމަވެސް 2020 ވަނަ އަހަރު ކޮވިޑްގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް އޯލެވެލް އިމްތިހާނު ފަސްކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާ ގޮތަށް ބަދަލު ކުރުމަށެވެ. އެއާއެކު އޯލެވެލް އިމްތިހާނު މެއި/ޖޫންގައި ބާއްވާ ގޮތަށް ބަދަލު ކުރިއެވެ.