އިންޑިއާގެ އެކި ސްޓޭޓްތަކުގައި ތައުލީމީ ނިޒާމު އިސްލާހުކުރުމަށާއި ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް ގޮވާލައި، ޕްރައިމަރީ ސްކޫލްތަކުގެ ކުޑަކުދިން ކްލާސްތަކަށް ވަނުމަށް ދެކޮޅުހަދައި މުޒާހަރާކުރަން ފަށައިފިއެވެ.
އުއްތަރު ޕްރަދޭޝްގެ ސަމޫހީ ބަޓްޕުރުވާ އަވަށުގެ ސަރުކާރު ޕްރައިމަރީ ސްކޫލެއްގައި އުމުރުން ހަ އަހަރުގެ ކުދިން ހިމެނޭ ގޮތަށް 122 ދަރިވަރުން ވަނީ އޮގަސްޓު 22 ވަނަ ދުވަހު ކްލާހަށް ވަނުމަށް ދެކޮޅުހަދާފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކުދިން މުޒާހަރާކުރީ އެ ސްކޫލުގެ އިމާރާތް ބާވެ، 2023 ވަނަ އަހަރު ފާރެއް ވެއްޓި ކުއްޖަކަށް އަނިޔާވުމާ ގުޅިގެން އާ އިމާރާތެއް އަޅައިދިނުމަށް އެދިއެވެ.
މި މުޒާހަރާއާ ގުޅިގެން ތައުލީމީ ދާއިރާގެ އިސް އޮފިޝަލެއް ކަމަށްވާ ދީޕަކް އަވަސްތީ އެ ސްކޫލަށް ޒިޔާރަތްކުރައްވައި، އާ އިމާރާތެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވުމުން ދަރިވަރުން ވަނީ މުޒާހަރާ ހުއްޓާލާފައެވެ.
މިއީ ހަމައެކަނި އެއް އަވަށެއްގައި ހިނގަމުންދާ ކަމެއް ނޫނެވެ. ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން މަހާރާޝްޓްރާ، ބިހާރު، ރާޖަސްތާން، ޖަރްކަންޑް އަދި މަދްޔަ ޕްރަދޭޝް ހިމެނޭ ގޮތަށް އިންޑިއާގެ މަދުވެގެން 10 ސްޓޭޓެއްގައި ދަރިވަރުން އަންނަނީ މިފަދަ މުޒާހަރާތައް ކުރަމުންނެވެ. ގިނަ މުޒާހަރާތައް ކުރިއަށްދަނީ ސަރުކާރުން ހިންގާ ސްކޫލްތަކުގެ ހާލަތު ދަށްވެފައިވާ ރަށްފުށުގެ ސަރަހައްދުތަކުގައެވެ.
"ޖެން އަލްފާ" ގެ ނަމުން ނަންދީފައިވާ މި ކުދިންގެ މުޒާހަރާތައް ފެށިފައިވަނީ، އިންޑިއާގެ ޒުވާނުން ނުވަތަ "ޖެން ޒީ" އިން ވަޒީފާ ނެތުމުގެ މައްސަލައާއި އިމްތިހާނު ކަރުދާސް ލީކުވުމުގެ މައްސަލަތަކާ ގުޅިގެން ވެރިރަށް ނިއުދިއްލީގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ކޮކްރޯޗް ޖަނަތާ ޕާޓީ (ސީޖޭޕީ) އިން މިހާރު އަންނަނީ ސްކޫލް ކުދިންގެ މުޒާހަރާތަކަށް ތާއީދުކޮށް، ސްކޫލްތަކުގެ ހާލަތު ރަނގަޅުކުރުމަށް ގޮވާލަމުންނެވެ. އެގޮތުން އޮގަސްޓު 15 ވަނަ ދުވަހު އެ ޖަމާއަތުން ވަނީ ސްކޫލްތައް ރަނގަޅުކުރުމަށް ގޮވާލައި ހާއްސަ ކެމްޕޭނެއް ފަށާފައެވެ. ސީޖޭޕީގެ ލީގަލް އެފެއާޒް ހެޑް ރަތުނާ ސިންގް އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ރަށްފުށުގެ ސްކޫލްތަކުގައި މުދައްރިސުން މަދުވުމާއި މަގުތައް ހަލާކުވެފައިވުމަކީ ބޮޑު މައްސަލައެކެވެ.
މި މައްސަލަތައް ބެލުމަށް ސްކޫލްތަކަށް ޒިޔާރަތްކުރާ ސީޖޭޕީގެ މެންބަރުންނަށް ފުލުހުންނާއި ބައެއް އާންމުންގެ ފަރާތުން އިންޒާރުތައް ލިބެމުންދާ ކަމަށް އެ ޖަމާއަތުން ބުނެއެވެ. އުއްތަރު ޕްރަދޭޝްގައި ހަރަކާތްތެރިވާ ސީޖޭޕީގެ މެންބަރެއް ކަމަށްވާ ގޯރަވް ބާރްތީ ބުނި ގޮތުގައި، އޮގަސްޓު 16 ވަނަ ދުވަހު ސްކޫލެއްގެ ހާލަތު އާންމުކުރުމާ ގުޅިގެން ފުލުހުން އަންނަނީ އޭނާ ހޯދަމުންނެވެ. ނަމަވެސް އެ މީހުން ޑިމާންޑްކުރަމުން ދަނީ ގާނޫނުން ލިބިދީފައިވާ ހައްގުތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އިންޑިއާގައި 2009 ވަނަ އަހަރު އަމަލުކުރަން ފެށި ރައިޓް ޓު އެޑިއުކޭޝަން (އާރްޓީއީ) އެކްޓުގެ ދަށުން، އުމުރުން ހަ އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ތައުލީމު ދިނުމަކީ އަސާސީ ހައްގެކެވެ. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ސްކޫލްތަކުގައި ރައްކާތެރި އިމާރާތްތަކާއި، ސާފު ބޯފެނާއި، ފާހާނާ ހުންނަން ޖެހެއެވެ. އަދި ކޮންމެ 30 ދަރިވަރަކަށް މުދައްރިސަކު ހުންނަން ޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އިންޑިއާގައި 1.5 މިލިއަން ސްކޫލް ހުންނައިރު، އޭގެ ތެރެއިން 70 އިންސައްތަ ސްކޫލަކީ ސަރުކާރުން ހިންގާ ތަންތަނެވެ. މި ސްކޫލްތަކުގައި 247 މިލިއަން ދަރިވަރުން ތައުލީމު ހާސިލުކުރެއެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ 24 ދަރިވަރަކަށް މުދައްރިސަކު ހުރި ނަމަވެސް، ހަގީގަތަކީ މުޅިން ތަފާތު އެއްޗެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާގައި ހުރިހާ ގްރޭޑަކަށް ކިޔަވައިދިނުމަށް އެންމެ މުދައްރިސަކު ހުންނަ 100،843 ސްކޫލް ހުރިއިރު، އެ ތަންތަނުގައި 2.9 މިލިއަން ކުދިން ކިޔަވައެވެ. އަދި އެއްވެސް ކުއްޖަކު ނެތް 5،663 ސްކޫލް ހުރި ކަމަށްވެސް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.
ބެންގަލޫރުގައި ހަރަކާތްތެރިވާ ތައުލީމީ ހައްގުތަކަށް ވަކާލާތުކުރާ ނާގަސިމްހާ ރާއޯ ފާހަގަކުރެއްވި ގޮތުގައި، ކުދިން ޑިމާންޑްކުރަމުން ދަނީ މުދައްރިސުންނާއި، ގޮނޑިއާއި މޭޒާއި، ބޯފެނާއި، ކަރަންޓުގެ އިތުރުން ފާހާނާ ފަދަ އަސާސީ ހިދުމަތްތަކަށެވެ. މިއީ ގިނަ ސަރުކާރު ސްކޫލްތަކުގައި ނެތް ހިދުމަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުލައި 28 ވަނަ ދުވަހު އުއްތަރު ޕްރަދޭޝްގެ ސަރްވޯދަޔާ އިންޓަރ ކޮލެޖުގެ ދަރިވަރުން ވަނީ ކަރަންޓާއި ބޯފެން ނެތުމުގެ ސަބަބުން މުޒާހަރާކޮށްފައެވެ. ހަމަ އެ ދުވަހު ބިހާރުގެ ސިމުއާރާ އަވަށުގެ 50 ވަރަކަށް ދަރިވަރުން ވަނީ ސްކޫލުން ދޭ ކާނާގެ ފެންވަރު ދަށްވުމުގެ ސަބަބުން 4 ކިލޯމީޓަރަށް ހިނގާފައި ގޮސް އިސް އޮފިޝަލަކާ ބައްދަލުކޮށް ޝަކުވާ ހުށަހަޅާފައެވެ. މީގެ އިތުރުން ޖުލައި 31 ވަނަ ދުވަހު މަހާރާޝްޓްރާގެ ޕާރްލީގައި ހުންނަ ވައިދްޔަނާތު ވިދްޔާލަޔާގެ ދަރިވަރުން ވަނީ މުދައްރިސުން މަދުވުމުގެ ސަބަބުން މުޒާހަރާކޮށްފައެވެ.
ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނާއި އެކްޓިވިސްޓުން ދެކޭ ގޮތުގައި، މި މުޒާހަރާތަކަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ސިޔާސީ ގޮންޖެހުމެކެވެ. އިންޑިއާގެ އާބާދީގެ 30 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ވާއިރު، މިއަދު މުޒާހަރާކުރާ ގިނަ ކުދިންނަކީ 2029 ވަނަ އަހަރު އޮންނަ އާންމު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭނެ ކުދިންނެވެ. ބެންގަލޫރު ޔުނިވާސިޓީގެ ދަރިވަރެއް ކަމަށްވާ ސުޖާތާ ގައުޑާ އަލްޖަޒީރާއަށް ބުނި ގޮތުގައި، ކަމާބެހޭ ފަރާތްތަކުން ދަރިވަރުންގެ އަޑު ނާހައިފިނަމަ، މުޅި ގައުމުގައި މިފަދަ މުޒާހަރާތައް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
