ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަދު ދެވަނަ ޓާމުގެ ކިޔެވުން ރަސްމީކޮށް ފަށައިފިއެވެ.
ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެހެންކަމުން، މިއަދު ދެވަނަ ޓާމުގެ ކިޔެވުން މި ފެށުނީ 16 ދުވަހުގެ ޗުއްޓީއަކަށް ފަހުގައެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 80،000 އަށްވުރެ ގިނަ ދަރިވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމު ހާސިލްކުރަމުންދެއެވެ. މި ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި 200 އަށްވުރެ ގިނަ ސްކޫލްތަކުގައި 6،673 ދިވެހި މުދައްރިސުންނާއި 1،693 ބިދޭސީ މުދައްރިސުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ 27 ގައި ފަށާފައި ވަނީ ސަރުކާރުން އެކަޑެމިކް ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެންނެވެ. މި ބަދަލާއެކު، މިހާރު ހިނގަމުންދާ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ދެވަނަ ޓާމުގެ ކިޔެވުން ނިމުމުން، ދަރިވަރުންނަށް އަންނަ އަހަރުގެ ޖެނުއަރީ 12 އާ ހަމައަށް ދިގު ބޮޑު ޗުއްޓީއެއް ލިބިގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުލީމީ ދާއިރާއަށް ގެނައި މި ބަދަލާއެކު، ދިރާސީ އަހަރުގެ ކިޔެވުން މިހާރު ތަރުތީބުވެފައި ވަނީ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ގޮތަށެވެ.
