އޮމާނުން އިސް ނަގައިގެން ސައުދީ އާއި ޔަމަންގެ ހޫތީންނާ ދެމެދު ސުއްހައިގެ ވާހަކަތައް ރަސްމީކޮށް ފެށީ އިއްޔެއެވެ.

ޔަމަނުގައި އޮންނަ ހޫތީންނާއި ސައުދީ އަކީ 9 އަހަރު ވީ ދިގުލީ ހަނގުރާމައެއް ކުރަމުން ދާ ދެބައިމީހުންނެވެ. ސައުދީގެ ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި ހޫތީންނަށް ގޮސް ހުސްވެ މުޅި ޔަމަން ބަނޑަށް ޖެހި އެއީ މިވަގުތު ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް ވީރާނާވެފައިވާ އެއް ގައުމެވެ.

މެދުއިރުމަތީގައި އެއްގައުމު އަނެއް ގައުމާ އޮންނަ ވާދަވެރިކަމާއި އަދާވާތްތެރިކަން ނައްތާލުމުގެ ރޫހެއް ފެށިފައި ވާއިރު، ސައުދީން ހޫތީންނާ ސުލްހަވާން ފެށި މަޝްވަރާތަކުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ ޔަމަންގެ ސަންއާގައެވެ.

މި މަޝްވަރާތަކުގައި ދެފަރާތުން ދޭ ހަމަލާތައް ހުއްޓާލުމާއި ސައުދީން ބަންދުކޮށްފައިވާ ޔަމަންގެ ބަނދަރުތައް ހުޅުވާލުމުގެ ވާހަކަތައް ހިމެނެއެވެ. އަދި ހޫތީގެ މަސައްކަތްތެރިންނަށް މުސާރަ ދެވޭނެ ގޮތަކާއި ސަންއާގެ އެއާޕޯޓް ހުޅުވާލުންވެސް ހިމެނެއެވެ. މީގެ އިތުރުން، ޔަމަން އަލުން އާރާސްތު ކުރުމުގެ މަސައްކަތާއި ޔަމަންގައި ތިބި ބޭރުގެ ސިފައިން ފައިބައިގެން ދާނެ ތާވާލަކާ މެދުވެސް މަޝްވަރާ ކުރުން ވަނީ ހިމަނާފައެވެ.

މި ބައްދަވުންތަކާ ގުޅިގެން ހޫތީން ބުނީ، ޔަމަނުން ބޭނުންވަނީ އިހުތިރާމާއެކު އެއްބަސްވެ، ސުލްހަވެރިކަމާއި މިނިވަން ކަމާއެކު ދިރިއުޅުމަށް ކަމަށެވެ.

ސައުދީ އާއި ޔަމަންގެ މަޝްވަރަތަކަށް އދ އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ މަންދޫބުވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ އެ ދެ ގައުމަށް ސުލްހައިގެ މަގުގައި މިހާ ގާތަށް އާދެވުނު ފުރަތަމަ ފަހަރުކަމަށާއި ސިޔާސި ހަމަޖެހުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޔަމަނަކީ މިހާރު ހަނގުރާމަވެރި ގިނަ ޖަމާއަތްތަކަކުން ކޮންޓްރޯލް ކުރާ ގައުމެކެވެ. ހޫތީންނަކީ އީރާނުގެ މަދަދު ލިބޭ ބައެކެވެ. އެ މަދަދާއެކު ހޫތީން ސަންއާގައި އޮތް ސައުދީގެ މަދަދު ލިބޭ ސަރުކާރު ވައްޓާލައި އަތްގަދަކުރުމުން ހަނގުރާމަ ފަށާއި އެ ހަމަނުޖެހުން ހިނގާތާ އެތައް އަހަރެއް ވީއެވެ.

މިހާރު މެދުއިރުމައްޗަށް އަންނަ ސުލްހައިގެ ރޯޅީގައި އީރާނާއި ސައުދީ ވަނީ ސުލްހަވެ ދެގައުމުގައި އެމްބަސީ ހުޅުވަން ތައްޔާރުވެފައެވެ.