ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ފެޔަށް ޖެހިވަޑައިގެން ރައީސް މުހައްމަދު ނަޝީދު، ޕީޕީއެމް ގެ އެހީއަށް އެދިވަޑައިގަންނަވަން ނިންމަވައިފިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށެވެ. ނަޝީދުގެ މެސެޖުތައް ހިމެނޭ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން އެކަން ޔަގީން ކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާ ސުވާލު ކުރުމުން އޭނާ ވަނީ އެއީ ސައްހަ މެސެޖްތަކެއްކަން ޔަގީންކޮށްދެއްވާފައެވެ.

ރައީސް ނަޝީދުގެ މެސެޖުތަކުގައި ވަނީ ދެން ރައީސް ސޯލިހާ އެކު ސިޔާސީ ގޮތުން ހުންނެވެން ނެތް ކަމަށާއި އެމްޑީޕީގެ ބައެއް މެންބަރުން ހިތަހަމަ ނުޖެހުނަސް ރައީސް ކުރައްވާނެ ކަމެއް ނެތްކަމަށެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމް، މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެ މީހުންގެ އެހީއަށް އެދިވަޑައިގަންނަވާނޭ ކަމަށެވެ.

"މިއީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އާ މައްސަލައެއް ޖެހިގެނެއް ނޫން، ނުވެސް ޖެހޭނެ، އެކަމް އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާ އާ މިހާރު ފިކުރީ ގޮތުން ހިޔާލު ތަފާތު"
ރައީސް ނަޝީދު

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހުއާ މައްސަލައެއް ޖެހި ވަޑައިގަނެފައި ނުވި ނަމަވެސް މިހާރު ފިކުރީގޮތުން ހިޔާލު ވަރަށް ތަފާތު ކަމަށެވެ. އަދި ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ ރައީސް ސޯލިހާ އެކީގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުގެ ދަރިންގެ އިބޫދޮންބެ އެއީ، އެކަމް ދެން ރައީސުލްޖުމްހޫރިއްޔާ އާ އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް"
ރައީސް ނަޝީދު

ނަޝީދު ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ވާހަކަ ވިދާޅުވީ އިރު ޖުލައި 05، 2021 ވަނަ ދުވަހުގެ ރޭ ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައިވެސް ނަޝީދު ވަނީ ރައީސް ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވާނެ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

ނަޝިދު އެރޭ ވިދާޅުވީ، 2023 ގެ އިންތިހާބަށް ދިއުމުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ޔާމީނާއި ޕީޕީއެމްއިން ވެސް ދެކޮޅު ހަދާނެކަމަށް ގަބޫ ނުކުރައްވާ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ގެނެސް މަޖިލީސް ތެރެއިން ބޮޑުވަޒީރު ކަނޑައެޅިގެން ދާނެ ކަމަށާއި އެކަމުގައި ޕީޕީއެމްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދުވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މި މައްސަލައިގައި ޕީޕީއެމުން ބުނެފައި ވަނީ، ނިޒާމެއް ބަދަލު ކުރަންވެސް އަދި އެނޫންކަމެއްގައިވެސް ރައީސް މުހައްމަދު ނަޝީދާވެސް އަދި އެމްޑީޕީއާވެސް ވާހަކަ ނުދައްކާ ކަމަށެވެ. ނަމަވެސް ފަހުން ޖުލައި 06، 2021 ގައި ޕީޕީއެމުން ބުނެފައި ވަނީ ނިޒާމު ބަދަލު ކުރަން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު މަޝްވަރާއަށް ދާން ތައްޔާރަށް ތިބި ކަމަށެވެ.