ޔަމަނުގައި އޮތް ސައުދީ މަދަދު ލިބޭ ސަރުކާރު ވައްޓާލައި އީރާނުގެ މަދަދާއެކު ހަނގުރާމަ ކުރަމުން ދިޔަ ހޫތީންނާއި ސަރުކާރު ސުލްހަވުމުގެ މަސައްކަތުގެ ދަށުން ގިނަ އަދަދެއްގެ އަސީރުން ބަދަލުކޮށްފިއެވެ.
ސައުދީ އާއި އީރާން އަދި ހޫތީންނާއި ޔަމަނުގެ ސަރުކާރުގެ އޮފިޝަލުން ހިމެނޭ ގޮތުން ކުރި ގިނަ މަޝްވަރާތަކަށް ފަހު އެ ދެބައި މީހުން ސުލްހަވާން އެއްބަސްވީ މިދިޔަ މަހުގެ ސްވިޓްޒަލޭންޑްގައި ދެފަރާތުގެ އޮފިޝަލުން ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.
އެއާއެކު ސުލްހަވުމަށް އެއްބަސްވެފައި ވާ މި ދަނޑިވަޅުގައި ޔަމަނުގެ ސަރުކާރާއި ހޫތީން އަސީރުން ބަދަލުކޮށް ނިންމި އިރު އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ. މި އަންހެން މީހާއަކީ ގޮވާތަކެތި ބޭނުން ކޮށްގެން ސަރުކާރުގެ ގިނަ އޮފިޝަލުންތަކެއް މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. އަދި އޭނާ މިނިވަން ކުރީ، ހޫތީން ހައްޔަރު ކޮށް މަރަން ހުކުމް ކޮށްފައި ތިބި ސަރުކާރަށް ނިސްބަތްވާ 4 ނޫސްވެރިއަކު މިނިވަން ކުރުމުގެ ބަދަލުގައެވެ.
އިންޓަނޭޝަނަލް ކޮމިތީ އޮން ރެޑް ކްރޮސް އިން ބުނީ، ހޫތީން ކޮންޓްރޯލް ކުރާ ސަންއާ އާއި ސަރުކާރުގެ ކޮންޓްރޯލްގައި އޮތް މަރީބްއާ ދެމެދު މިއަދު ވެސް 200 އަށް ވުރެ ގިނަ އަސީރުން ބަދަލު ކޮށްފައި ވާ ކަމަށެވެ. އަދި ފާއިތުވި 2 ދުވަހަކާއެކު ޖުމްލަ 3 ދުވަހުގެ ތެރޭގައި 869 އަސީރު ބަދަލުކޮށްފައި ވާ ކަމަށެވެ.
ރެޑްކްރޮސް އިން ބުނާގޮތުގައި ދެފަރާތުން އަސީރުން ބަދަލު ކުރި އިރު ބައެއް މީހުން ތިބީ ފުރޮޅުލީ ގޮނޑީގައެވެ. އަދި ބައެއް މީހުންނަށް ކާބޯތަކެތި ބަހާފައި ވާ ކަމަށާއި، ރޯދަ ނިމި ފެށޭ އީދަށް އާއިލާތަކާ ބައްދަލުވާތީ އަސީރުން ތިބީ އުފަލުން ކަމަށެވެ.
ހޫތީން ޔަމަންގެ ސަރުކާރު ވައްޓާލީ 2014 ވަނަ އަހަރު ދިން ހަމަލާތަކުގައެވެ. އެއަށް ފަހު އުފެދިގެން ދިޔަ ދާހިލީ ހަނގުރާމައިގައި އެތައްހާސް ބަޔަކު މަރުވެ، އެންމެން ބަނޑަށް ޖެހި ދުނިޔޭގައި އޮތް އެންމެ ފަގީރު އަދި ހާލަތު އެންމެ ދަށް އެއް ގައުމަށް ޔަމަން ވަނީ ބަދަލުވެފައެވެ. ނަމަވެސް އދ ގެ ސުލްހަ ބަލަހައްޓާ ފަރާތްތަކުން ކުރި މަސައްކަތުން ހުސްވި އަހަރުގެ އޭޕްރީލްގައި ދެފަރާތުގެ ދެމެދުގައި އޮތީ ސުލްހައިގެ މުއާހަދާއެއް ގާއިމު ކޮށްފައެވެ. ހުސްވި އޮކްޓޯބަރުގައި މުއާހަދާގެ މުއްދަތު ހަމަވި ނަމަވެސް ހަމަލާތައް އިތުރަށް ހޫނު ނުވެ ދެމިއޮތުމުން މިއަދު ގާއިމުވި ސުލްހައަށް މަގުފަހި ކުރާ ކަމަށް އޮފިޝަލުން ބުނެއެވެ.