އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އާސަނަލް ވާދަކުރި މެޗުގައި ލިވަޕޫލްގެ ޑިފެންޑަރު އެންޑީ ރޮބާޓްސަންގެ މޫނުމަތީގައި މެޗުގެ އެއް ލައިންސްމަން އުޅަބޮށިން ޖެހި ކަމަށް ބުނާ މައްސަލައެއް އިނގިރޭސިވިލާތުގެ ރެފްރީންގެ އެސޯސީއޭޝަންއިން ބަލަން ފަށައިފިއެވެ.

2-2 ގެ ސްކޯލައިނަކުން ނިމުނު މިމެޗުގައި މި ހާދިސާ ހިނގާފައިވަނީ ފުރަތަމަ ހާފް ނިންމި އޮފިޝަލުންނާއި ކުޅުންތެރިން ދަނޑުން ފައިބަމުން ދިޔަ ވަގުތުއެވެ. މި ގޮތުން، މެޗަށް ފަހު އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ރޮބާޓްސަން ދަނޑުން ފޭބުމުގެ ކުރިން ލައިންސްމަން ކޮންސްޓަންޓީން ހަޓްޒިޑާކިސްއާ ވާހަކަ ދެއްކުމަށް އޭނާއާ ކައިރިވެ އޭނާގެ އަތުގައި ހިފި ވަގުތު ލައިންސްމަން ވަނީ ކުޑަކޮށް އެނބުރިލާ ރޮބާޓްސަންގެ މޫނުމަތީގައި އުޅަބޮށިން ޖަހާފައެވެ.

ލައިންސްމަން ރޮބާޓްސަންގެ މޫނުމަތީގައި ޖަހާ ތަން ފެންނަ ވީޑިއޯގެ ސްކީންޝޮޓެއް

އެއަށް ފަހު ރޮބާޓްސަންގެ އިތުރުން އެތަން ފެނުނު ލިވަޕޫލްގެ ކުޅުންތެރިން ރެފްރީ ޕޯލް ޓިއަނީ ވަށާލައިގެން މައްސަލަ ޖައްސާތަން ފެނުނު އިރު ޓިއަނީ ވަނީ ރޮބާޓްސަންއަށް ރީނދޫ ކާޑެއް ދައްކާފައެވެ.

މިކަމާ ބެހޭ ގޮތުން ރެފްރީންގެ އެސޯސިއޭޝަން ބުނެފައިވަނީ ލިވަޕޫލާއި އާސަނަލާ ކުޅުނު މެޗުގައި ހިނގި މި ހާދިސާގެ މައުލޫމާތު ލިބިފައިވާ ކަމަށާ މިމައްސަލަ ފުރިހަމައަށް ބަލާނެ ކަމަށެވެ.

މިދިޔަ މަހު ކުޅުނު އެފްއޭކަޕްގެ ކުއާޓާގައި މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ވާދަކުރި މެޗުގައި ފުލަމްގެ ފޯވަޑް އެލެގްޒެންޑާ މިޓްރޮވިޗް ރެފްރީ ކްރިސް ކެވެނާ ކޮއްޕާލި މައްސަލައިގައި މެޗުގައި އޭނާއަށް ރަތް ކާޑު ދެއްކި އިރު މި ހާދިސާ ފަހުން ބަލާ ރެފްރީންގެ އެސޯސިއޭޝަނުން ވަނީ މިޓްރޮވިޗަށް 8 މެޗުގެ ބޭނެއް ދީފައެވެ.