ޗައިނާގެ އަވަށެއްގައި ދިރިއުޅެމުންދިޔަ ދެ އަވައްޓެރިންގެ ދެމެދުގައި އޮތް ދެކޮޅުވެރިކަމެއްގެ ތެރެއިން، އެކެއްގެ ކުކުޅުތަކަށް ބިރުދައްކާ މަރާލައިފިއެވެ.
މިކަން ހިނގާފައިވާ ގޮތުގެ ޝާރީއަތް ކޯޓުގައި ހިނގި އިރު، ސާފުވި އެއް ކަމަކީ މި ދެ އަވައްޓެރިންނަކީ އެކަކު އަނެކަކާ ޒުވާބުކޮށް ރުޅިވެރިކަމުގައި އުޅޭތާ ލައްކަ ޒަމާންވީ ދެމީހުން ކަމާއި، ދެމީހުންވެސް އެކަކު އަނެކަކަށް ޖެއްސުން ކުރުމުގެ ކަންކަން ކުރަމުން ދާ ކަމެވެ.
އެގޮތުން ކުކުޅުގެ ވެރި މީހާ ޒޮންގް، އެއްދުވަހަކު ވަނީ ކުކުޅު މެރި މީހާ ގޫ، ގެ ގޯތިތެރެއަށް ވަދެ ގަސްތަކެއް ކަނޑާލާފައެވެ. ގޫ ކައިރީގައި އެހުމެއް ކެހުމެއް ނެތި ގަސްތައް ކަނޑާލި މައްސަލައިގައި ގޫ ހުރީ ރުޅި އައިސްފައެވެ.
ޗައިނާގައި ބޭނުން ކުރާ މުސްކުޅި ހަރުބަހެއް އޮވެއެވެ. އެއީ، "މަކުނު ބިރުގެންނެވުމަށް ކުކުޅު މަރާލާށޭ" ބުނާ ހަރުބަހެކެވެ. އެބަހުގެ މާނައަކީ ބޮޑުއެއްޗަށް ބިރުދެއްކުމަށް ކުޑައެތި މަރާލާށޭ ބުނުމެވެ. ނުވަތަ އަދާވާތްތެރިޔާ އަށް ބިރުދެއްކުމަށް ކޮންމެވެސް ކަމެއް ކޮށްލާށޭ ބުނުމެވެ.
ގޫ ގެ ގަސްތައް ކަނޑާލި ޒޮންގް އަކީ އޭނާގެ ގޯތި ތެރޭގައި ބޮޑު ކުކުޅު ކޮއްޓެއް ހަދައިގެން އޭގެ ތެރޭގައި ކުކުޅު އާލާ ކުރާ މީހެކެވެ. ޒޮންގެ ގެ ކިބައިން ބަދަލު ހިފަން ގޫ ހެދި ގޮތަކީ، ވަރުގަދަ ފްލޭޝްލައިޓެއް ހޯދާ، ރޭނގަޑު ކުކުޅުތައް ނިދީމައި ވަދެ ފްލޭޝްލައިޓް ދިއްލަނީއެވެ. އެއާއެކު ކުކުޅުތައް ބިރުން "ޕަކަޕަކަޕަކާސް" އޭ ގޮވަމުން ކޮށީގެ ކަނަކަށް ގުޅަޖެހެއެވެ. އެ ބިރުވެރިކަމުގެ ތެރޭގައި ކުކުޅުތައް ފިތި، ހާސްވެގެން މަރުވަނީއެވެ. އެގޮތުން ފުރަތަމަ ރޭ ވަދެ ލައިޓް ދިއްލުމުގެ ސަބަބުން 500 ކުކުޅު މަރުވި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެ ދުވަހު ޒޮންގް ރިޕޯޓް ކުރުމުން ފުލުހުން ގޫ ހައްޔަރު ކޮށް ބަދަލުގެ ގޮތުގައި ޒޮންގް އަށް 3000 ޔުއާން (436 އެމެރިކާ ޑޮލަރު) ދޭން ޖެއްސިއެވެ. ނަމަވެސް ދޫކޮށްލުމާއެކު ގޫ ދެވަނަ ރޭ ވަދެ ފްލޭޝްލައިޓް ޖައްސާ ބިރުދެއްކުމުން 640 ކުކުޅު މަރުވިއެވެ.
މިއާއެކު ގޫ ހައްޔަރު ކޮށް ޝަރީއަތް ހިންގާ، އޭނާގެ މައްޗަށް ކުށް ސާބިތުވެ މިހާރު ވަނީ 6 މަހަށް ޖަލަށް ލައިފައެވެ. މި ހުކުމުގެ މައްޗަށް އޭނާ އިޖުތިމާއީ ހިދުމަތުގައި 1 އަހަރު ހޭދަކުރަން ޖެހޭނެ ކަމަށްވެސް ކޯޓުން ވަނީ ބުނެފައެވެ.
ޗައިނާގެ އިދާރާތަކުން ބުނާ ގޮތުން މަރުވި ކުކުޅުތަކުގެ އަގު 2015 އެމެރިކާ ޑޮލަރަށް އަރައެވެ.