އައް ސަފާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިންގެ ވިސާ ހަމަނުޖެހުމުން އެކަން ހަމަޖެއްސުމަށް ހަވާލުކުރި ކުންފުނިން ފައިސާ ހަވާލުކޮށްފިއެވެ.

181 މީހުންގެ އެ ގްރޫޕުން އުމްރާއަށް ދާން ބުދަ ދުވަހު ޕްރީ ޗެކިންވެސް ނިންމާފައި ވާއިރު ސައޫދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގްރޫޕަށް ވިސާ ދޫކޮށްފައި ނުވާތީ ފުރެން ނެތް ކަމަށް ބުނެ އެ ގްރޫޕްގެ ފަރާތުން ވައިބާ ކޮމިއުނިޓީ ގްރޫޕަށް މެސެޖެއް ފޮނުވި މައްސަލަ ވަނީ ހޫނުވެފައެވެ.

ސަފާ ގުރޫޕުން ވިސާ ހަމަޖައްސަން ސައުދީގެ ކުންފުންޏެއް ކަމަށްވާ އުސޫލުލް ބައިތު ކުންފުންޏާ ހަވާލުކޮށްފައިވަނީ ކޮންމެ މީހަކަށް 220 ޑޮލަރުގެ މަގުންނެވެ. ސަފާ ގްރޫމަށް ލިބުނު ބޮޑު ދެރައެއްގެ ގޮތުގައެ އެ ކުންފުނިން ސިފަ ކުރާއިރު ފްލައިޓެއް ޗާޓަރުކޮށްގެން އެ ގްރޫޕުން އުމްރާ އަށް ފުރަން މިހާރު ކަނޑައަޅާފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، އެކުންފުނިން ކުރިން ނިންމި ނިންމުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ސަމާލުކަމަށް އައި ހިސާބުން ފެށިގެން، ކަން ހިނގާފައިވާ ގޮތް ބަލައި، އުމްރާވެރިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އައް ސަފާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީމް މުހައްމަދު ވަނީ އެ މިނިސްޓްރީއަށް ހާޒިރު ކޮށްފައެވެ.

މި ރަމަޟާން މަހު އުމްރާއަށް ގެންދިއުމަށް އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ އުމްރާވެރިން، އެންމެ ލަސްވެގެން ރަމަޟާން މަހުގެ ފަހު 10 އަށް އުމްރާއަށް ގެންދިއުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން އުމްރާވެރިން ގެންދިއުމަށް މާދަމާ އެއާލައިނަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށާއި އަދި ރަމަޟާން މަހުގެ ފަހު 10 އަށް ހުރިހާ އުމްރާވެރިން މައްކާއަށް ގެންދާނެ ކަމުގެ ޔަގީންކަން އެކުންފުނިން ދީފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި މައްސަލާގައި، އެ ކުންފުނިން އަމަލު ކުރަމުންދާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި އުސޫލުގެ ތެރެއިން މިކަމުގައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.