ނ. ލަންދޫ އޭ ބުނުމުން ކުށްޅަވަކާއި އެއިން ތައްޔާރުކުރާ ކާތަކެތީގެ ވާހަކަތަކަކީ އެންމެން އަބަދުވެސް ދައްކާ އުޅޭ ވާހަކަތަކެވެ. އެހެންނަމަވެސް މީގެ ކުރިން އެ ރަށަށް ޒިޔާރަތް ކޮށްފައިވާ މީހެއްނަމަ އެތަކެތީގެ ވާހަކައިގެ ކުރިން ދައްކާނީ އެ ރަށުގެ މީހުންގެ ހިތް ހެޔޮކަމާއި އެ ރަށުން ލިބުނު މެހެމާންދާރީގެ ވާހަކަތަކެވެ.
ލަންދޫ ހާއްސަ ވަނީ މިކަންކަމަށް އެކަންޏެއް ނޫނެވެ. ގުދުރަތީ ރީތި ކަމުން މުއްސަނދިވެފައިވާ ލަންދޫ އަކީ ބޭސްވެރިންތަކެއް އެ ރަށަކަށް އުފަން ފާހަގަކޮށްލެވޭ ރަށެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ދިވެހި ބޭސްވެރިކަމުގައި އެ ރަށަށް މީގެ ކުރިން ޒިޔާރަތް ކޮށްފައި ވާއިރު ލަންދޫ އަށް ފީ ކުށްޅަވަކުގެ ނަމުންވެސް ނަންދެވުނު ދުވަސްވަރެއް ވަނީ ގޮސްފައެވެ. އެހެންނަމަވެސް އެ ނަމަކީ މިއަދު ލަންދޫގެ ރައްޔިތުންގެ ފަހުރެވެ.
87.7 ހެކްޓަރުގެ ލަންދޫގެ އާބާދީގައި 1137 މީހަކު ތިބިއިރު ރަށުގެ ތިންބައިކުޅަ 2 ބަޔަކީ ކުށްޅަވަށް ފަލުގެ ސަރަހައްދަށް ވާއިރު އެ ރަށަކީ އެތައް އާސާރި ބިނާތަކުން ތާރީހީ މުއްސަނދިކަން ވެސް ލިބިފައިވާ ރަށެކެވެ.
ކުށްޅަވަކުން އާމްދަނީ ހޯދާ ގިނަ ބަޔަކު އެ ރަށުގައި ދިރިއުޅޭއިރު ދެ ފަހަރެއްގެ މަތިން އެ ރަށުން 200 ގެވަޅު ދޫކުރުމާ ގުޅިގެން ކުރިއާ އަޅާ ބަލާއިރު ކުށްޅަވަށް ގަސް މަދުވެފައިވީ ނަމަވެސް ދާދިފަހުން އެ ރަށުގައި ޒުވާނުންތަކެއް ވަނީ 100 ކުއްޅަވަށް ގަސް ރުވާފައެވެ. އަދި އެއިން ގިނަ އަދަދެއްގެ ގަސްތަކެއް މިހާރު ވަނީ ފޯދިފައެވެ.
ކުށްޅަވަށް ސީޒަން ނޫނަސް ލަންދޫ އިން ކުށްޅަވަށް ހުސްނުވޭ!
ކުށްޅަވަކީ ސީޒަނެއް އޮންނަ އެއްޗަކަށް ވާއިރު އެ ރަށު ކައުންސިލްގެ ނައިބު ރައީސް މަންސޫރު މުހައްމަދު ވިދާޅުވީ ލަންދޫ އިން ކުށްޅަވަށް ނުލިބޭ އެއްވެސް އިރެއް ނުދާނެ ކަމަށާއި އެހެންނަމަވެސް ގޯނި ގޯނި ފުރާ ބޭރުކުރަން ލިބޭ ދުވަސްވަރެއް ވެސް އަންނަ ކަމަށެވެ.
ކުށްޅަވަށް ހޮވައިގެން ވިއްކާ މީހުންވެސް ލަންދޫގައި އުޅޭއިރު އެކަމަކީވެސް ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކެވެ. އަދި ބައިނަލްއަގްވާމީ މާކެޓަށް ވެސް ކުށްޅަވަށް އައިސްކްރީމްވެސް އެ ރަށުން ނެރެފައި ވާއިރު ކުށްޅަވަށް ފަންޏާއި މޮހިޓޯ އަދި ސްމޫތީ ހަދައިގެން ވިއްކަމުންދާ ފަރާތްތައްވެސް އެ ރަށުގައި އެބަ އުޅެއެވެ.
ވަލަށް ވަނުމުގައި ތަފާތު ގަވާއިދެއް!
ކުށްޅަވަށް ހޮވުމުގައި ވަކި ގަވާއިދުތަކެއް ހެދިފައި ނުވި ނަމަވެސް ވަލަށް ވަނުމުގެ ގަވާއިދެއް ހެދިފައިވާ ލަންދޫގެ ވަލަށް ވަދެވޭނީ ކޮންމެ ދުވަހަކު ހެނދުނު 8 ޖަހާއިރު ކައުންސިލް އިދާރާގެ ލައުޑް ސްޕީކަރުން ގޮވުމުންނެވެ. އަދި ހަވީރު 4 ޖަހާއިރު ވަލުން ނިކުންނަން ޖެހޭއިރު އެ ގަވާއިދަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ވެސް ހިނގާ ގަވާއިދެކެވެ.
ކިޔަމަންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ލަންދޫ އިން އެ ގަވާއިދަށް ފުރިހަމައަށް ބޯލަނބައެވެ. އެ ނޫން ވަގުތެއްގައި ވިޔަސް ރަށުން ބޭރު މީހަކު ކުށްޅަވަށް ފަލަށް ވަންނަން ބޭނުންވެގެން އެ ރަށުގެ މީހަކާއެކު ނޫނީ ނުވަދެވޭ ގޮތަށްވެސް ވަނީ ގަވާއިދު ހަދާފައެވެ. މަންސޫރު ވިދާޅުވީ އެ ގަވާއިދު ހެދިފައި ވަނީ ހުރިހާ އެންމެންނަކީ ގަސްގަހަށް ބަލައިގެން އެކަންކަން ކުރާ ބައެއް ނޫން ކަމަށާއި ލަންދޫގެ މީހުން ގަހަށް އަރާފައި ވަކިން ކުށްޅަވަށް ބިން ނަމަވެސް ރަށަށް ޒިޔާރަތްކުރާ ބައެއް މީހުން ކުރި ކަނޑާލައިގެން ބިމަށް ވައްޓާލައިގެން ކުށްޅަވަށް ނަގާ ހަދާތީ ކަމަށެވެ.
ލަންދޫ މާ ބުދުގެ, އެންމެ ދުވަސްވީ އަތު ލިޔުން ފެނިފައިވަނީ އެ ރަށުން!
ލަންދޫއަކީ މަޝްހޫރު އާސާރީ ތަނެއް ކަމަށްވާ މާ ބުދުގެ އެ ރަށެއްގައި ހުރި ރަށެވެ. މަންސޫރު ވިދާޅުވީ ލަންދޫ އަކީ ދިވެހި ރާއްޖޭގެ އެންމެ ތާރީހީ ބިމޭ ބުނެވިދާނެ ކަމަށާއި ހެކި ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ދުވަސްވީ އާސާރީ އަތު ލިޔުން ފެނިފައި ވަނީ ލަންދޫއިން ކަމަށާއި އެ ލިޔުން ލިޔެފައިވާ ގަލުގެ އެއްބައި ގައުމީ ދާރުލްއާސާރުގައި ބަހައްޓާފައި ވާ ކަމަށާއި އެ ގަލުގެ އަނެއްބައި ކައުންސިލް އިދާރާގައި އެބައޮތް ކަމަށް މަންސޫރު ވަނީ ވިދާޅުވެފައެވެ.
މަންސޫރު ވިދާޅުވީ މާ ބުދުގެ ސަރަހައްދު ދިރާސާކުރަން މީގެ ކުރިން އިންޑިއާގެ ޓީމެއްވެސް ގޮސްފައިވާ ކަމަށާއި މާ ބުދުގޭގެ އެތެރެއަށް ދާން ސިޑިއެއް ހޯދި ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މާ ބުދުގެ ސަރަހައްދަކީ ބުޑިސްޓް ސަރަހައްދެއް ކަމަށް މަންސޫރު ވިދާޅުވިއެވެ.
މާ ބުދުގޭގެ އިތުރުން އެ ސަރަހައްދުގައި އިތުރު ހަތް އާސާރީ ތަނެއް ހުރިއިރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ ރަށުގެ ފުޓްބޯޅަ ދަނޑު ހަދަމުން ދިޔައިރު ލޯ ތަށިތަކެއްވެސް ވަނީ ފެނިފައެވެ. އަދި ރަސްކަލުން ބޭނުން ކުރެއްވި ޖަގު ފަދަ ތަކެތިވެސް ފެނިފައިވާ ކަމަށް މަންސޫރު ވިދާޅުވިއެވެ.
އެކަންކަމާއެކު ލަންދޫގެ މޮޓޯއެއްގެ ގޮތުގައިވެސް ގެންގުޅެނީ "ކުށްޅަވަށް އައިލެންޑް. ދަ އޯލްޑަސްޓް އައިލެންޑް އޮފް މޯލްޑިވްސް" ކަމަށް މަންސޫރު ވިދާޅުވިއެވެ.
މާ ބުދުގެ ހުރި ސަރަހައްދުގައި ދާރުލްއާސާރެއް ހަދަން ނިންމާފައި ވާއިރު މަންސޫރު ވިދާޅުވީ އެ ޕްރޮޖެކްޓަކީ 10 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓް ނިމޭއިރު ސައިޓް ތެރޭގައި އޮފީހަކާއި އެކްސްޒިބިޝަން ހޯލްއަކާއި ލެބޯޓްރީއަކާއި ރެސްޓޯރަންޓް އަދި އެތެރޭގެ ޒަމާނީ ވޯކްވޭތަކެއް ހެދިގެން ދާނެ ކަމަށެވެ.
ސަވާދީއްތަ ދަތުރު, ލަންދޫގެ މެހެމާންދާރީއަށް އެންމެންގެ ކަޅި!
މިދިޔަ އަހަރު މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމު ކޮށްގެން ފެށި ޔޮޓް ރެލީ ނުވަތަ ސަވާދީއްތަ ދަތުރު މި އަހަރުވެސް ކުރިއަށް ގެންގޮސްފައި ވާއިރު މިދިޔަ އަހަރުގެ ދަތުރަށް ފަހު އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ލަންދޫ ހޮވުވުމުން މި އަހަރުގެ އެ ދަތުރުގެ ފެށީ އެރަށުންނެވެ.
މިދިޔަ އަހަރު ބައިވެރިވި ޔޮޓްތަކަށް ވުރެ ގިނަ ޔޮޓްތައް މި އަހަރު އެ ދަތުރުގައި ބައިވެރިވެފައި ވާއިރު އެ ދަތުރަށް ފަހު ދެ ރިސޯޓަކުން އައިލެންޑް އެކްސްކާޝަން ލަންދޫ ކައުންސިލާއެކު ފަށާފައި ވާއިރު މިއީ އެ ރަށް ފަތުރުވެރި ކަމަށް ހުޅުވުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ.
ލަންދޫ ފަތުރުވެރިކަމަށް ހުޅުވުމަކީ އެ ރަށުގެ އެންމެންގެ ވެސް ބޮޑު އުންމީދެއް ކަން ފާހަގަ ކުރައްވާ މަންސޫރު ވިދާޅުވީ އެ ކަން ކުރެވޭނީ ރަށް އިސްތިހާރު ވެގެން ކަމަށް ވާއިރު މި ދަތުރުގެ ސަބަބުން އެކަން ވެގެން ގޮސްފައިވާ ކަމަށް މަންސޫރު ވިދާޅުވިއެވެ.
ކުޅި ދޮށު ޕާކު, ރީތިވެފައި ނަލަ!
ލަންދޫގެ ކުޅީގައި މިހާރު ހަދާފައިވާ ޕާކަކީ އެ ރަށުގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދިން ކަމެކެވެ. "ކުޅި ދޮށު ޕާކުގެ" ނަމުން ނަން ދީފައިވާ އެ ޕާކަކީ ބްރިޖު ތަކަކުން ކުޅީގެ އެކި ސަރަހައްދުތައް ގުޅާލައިފައި ވާ ޕާކަކަށް ވާއިރު ހިތް ފަސޭހަ ވަގުތުތަކެއް އާއިލާއާއި ރައްޓެހިންނާއެކު ހޭދަކޮށްލަން ތިބެލެވޭނެ ގޮތްތައްވެސް އެބަ ހުއްޓެވެ.
މަންސޫރު ވިދާޅުވީ އެ ޕާކަކީ ކޮވިޑްގައި ރަށުގެ އެންމެން ބަންދުވެފައި ތިބި ދުވަސްވަރު ޒުވާން ކުދިންކޮޅެއް އިސްނަގައިގެން ފެށި މަސައްކަތެއްގެ ނަތީޖާ ކަމަށާއި ފުރަތަމަ ކުޑަ ބްރިޖެއް ހަދަން ބޭނުން ވެގެން ފެށި ނަމަވެސް މަސައްކަތް ފެށުމާއެކު ލަންދޫގެ ކުދިބޮޑު އެންމެން އެކަމުގައި ޝާމިލްވެ އިތުރަށް ފުޅާވެގެން ދިޔައީ ކަމަށެވެ. އަދި ރަށުން ގެވަޅުތައް ދޫކުރާ ސަރަހައްދުން ނަގާ ބޮޑެތި ގަސް ބޭނުން ކޮށްގެން ލަކުޑި ކޮށައިގެން ބަޖެޓެއް ނެތި ޒުވާނުން ފެށި އެ މަސައްކަތަށް އެކި ފަރާތްތަކުގެ ދީލަތި އެހީ ލިބިގެން ދިޔަ ކަމަށް މަންސޫރު ވިދާޅުވިއެވެ.
އެ ޕާކުގެ ފުރަތަމަ ފިޔަވަހި ނިންމާލުމަށް ފަހު މި އަހަރުގެ ސަވާދީއްތަ ދަތުރަށް ޕާކުގެ ދެވަނަ ފިޔަވަހި ނިންމާލާފައި ވާއިރު ދެވަނަ ފިޔަވަހީގެ މަސައްކަތާއެކު ރަށު ވަށައިގެން އޮންނަ ނައިބު މަގާ އެ ބުރިޖު ވަނީ ގުޅާލާފައެވެ.
އެންމެން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ލަންދޫ އަކީ ރަށަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށްވެސް ހާއްސަ މެހެމާންދާރީއެއް ކިޔާ ބައެކެވެ. ކާބަފައިންގެ ޒަމާނުން ފެށިގެން މިއަދާ ހިސާބަށްވެށް އެކަން އެހެން އޮތް އިރު ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް ގޮވާލިޔަސް އާންމު މީހަކަށް ކަމެއް ދިމާވިޔަސް ލަންދޫގެ ރައްޔިތުން އެކަށްޗެއްގެ ގޮތުގައި ތިބެ މަސައްކަތް ކުރާއިރު ދާދިފަހުން ލަންދޫ ބޯޓު އަޑިއަށް ދިޔަ ހާދިސާއިން ލަންދޫގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔަ ނަމޫނާ އަކީ އޭގެ ހެއްކެކެވެ.