ނޫރާ ގެއަށް ނައިސް މާ ލަސްވެއްޖިއްޔާ މަންމަގެ ސުވާލުތަކާ ކުރިމަތިލާން ޖެހޭނެ ކަން އެނގޭތީ ޒޫނާ ފޯނު ނަގާ ނޫރާގެ ނަންބަރަށް ގުލާލިއެވެ. ދެބުރަކަށް ފޯނު ރިންގް ވިއެވެ. އެއަށް ފަހު އިވުނީ އެ ފޯނު ބިޒީކޮށްލި އަޑެވެ. އެއީ ދުވަހަކު ވެސް ނޫރާ ކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން އަނެއްކާ ވެސް ނޫރާއަށް ގުޅޭ ތޯ އޭނާ މަސައްކަތް ކުރިއެވެ.
މި ފަހަރު އެ ފޯނު އޮތީ ނިވާލާފައި ކަމަށް ބުނުމުން ޒޫނާ އިތުރަށް ހާސްވިއެވެ. ތަކުރާރުކޮށް ދެތިން ބުރަކަށް ނޫރާއަށް ގުޅޭ ތޯ އޭނާ ކުރި މަސައްކަތް ވެސް ވީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އެ ފޯނަށް ހަމަ ގުޅޭ ގޮތެއް ނުވިއެވެ.
އެނދު މަތީ ފޯނު ބޭއްވުމަށް ފަހު ދެ އަތުން އޭނާގެ އިސްތަށިގަނޑުގައި ހިފައި ބާރު ކޮށްލިއެވެ. ހާސްވެ ކަންބޮޑުވުން އިތުރުވާން ފެށުމުން އެ ހާސްކަމުން ދުރުވާން ޒޫނާ މަސައްކަތް ކުރަމުން ދިޔައީ ދެން ހަދާނެ ގޮތަކާ މެދު ވިސްނަމުންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔައީ ނޫރާގެ ފޯނު އަސްލަަށް ވެސް ނިވުނީ ތޯ ސުވާލު އުފައްދަމުންނެވެ. ވިސްނުމެއްގައި ހުރެ ކޮޓަރީގެ އެއް ބިތުން އަނެއް ބިތަށް ހިނގަމުން ދިޔަ ޒޫނާގެ ފިޔަވަޅު މަޑު ޖެހުނީ އޭނާއަށް ކަމެއް ހަނދާން ވުމުންނެވެ.
މިރޭ ނުވައެއް ޖެހި އިރު ގެއިން ބޭރަށް ދާން ނިކުތް ނޫރާ ރީތި ވާން ހުއްޓާ އޭނާގެ ފޯނަށް އަޖޫ ގުޅަން ފެށުމުން އެ ފޯނު ދިއްކޮށްލަން ޒޫނާ ގާތު އެދުނު ހަދާން ވިއެވެ. އޭރު ނޫރާގެ ފޯނު އޮތީ ޗާޖަށް ޖަހާފައި ކަމުން އެ ފޯނު ޗާޖުން ވަކިކޮށްލި އިރު ފޯން ވަނީ ފުރިހަމައަށް ޗާޖުވެފައި ކަން ޒޫނާއަށް ޔަގީނެވެ. އެހެންވެއްޖެ ނަމަ ބާރަ ޖަހަން ދެން އޭގެ ޗާޖު އެއްކޮށް ހުސްވާނެ ކަމަކަށް ނުބެލެވެއެވެ. އެ ފޯން ނިވެން ޖެހޭނީ ދެން ކޮން ސަބަބަކާ ހުރެބާއޭ ޒޫނާގެ ހިތަށް އެރިއެވެ.
ނޫރާ ގެއަށް ނައިސް މާ ލަސް ވެއްޖިއްޔާ މަންމަ އައިސް ސުވާލު ކޮށްފާނެތީ ކޮންމެވެސް މޮޅު ވާހަކައެއް ދައްކައިގެން މަންމަ ހާސް ކަމަކަށް ނުގެންގޮސް ނޫރާ ގެއަށް އާދެވެންދެން މަންމަ ހިފަހައްޓާނެ ގޮތަކާ މެދު ޒޫނާ ވިސްނަމުން ދިޔައެވެ. މިފަދަ ހާލަތެއް ޒޫނާއަށް ދިމާވެއްޖެ ނަމަ ނޫރާ ހަދާނީ ކިހިނެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ. ހަމަގައިމުވެސް ޒޫނާ ދިފާއު ކުރާނޭ ކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ.
ދެމީހުންގެ ސިފަ ކިތަންމެ ވައްތަރަސް ހެދުން އެޅުމާއި ދެމީހުން ތިބޭ ސްޓައިލް ތަފާތު ވުމަކީ އެ ދެމީހުން ވަކިކުރަން ފަސޭހައިން އެނގޭ ގޮތެވެ. އެ ދެބޭންގެ މިޒާޖާއި އުޅުމާއި އަދި ހިޔާލު ކިތަންމެ ތަފާތަސް އެކަކަށް ކަމެއް ޖެހިއްޖިއްޔާ އެހީވާން އަނެކަކު ހުންނަން ޖެހޭނެ ކަމަށް ޒޫނާ އަށް ގަބޫލު ކުރެވުނެވެ. ލޯގަނޑު ކުރިމައްޗަށް ޒޫނާ ހުއްޓިލީ އޭނާ ދެން ކަން ކުރާނެ ގޮތަކާ މެދު ވިސްނާލަމުންނެވެ. އިސްތަށިގަނޑު ރީތިކޮށްލުމަށް ފަހު ނޫރާ ހޯދަން ދާން އޭނާ ނިންމިއެވެ.
"ވެއާ ދަ ހެލް އާ ޔޫ... ނޫރާ" އެނދުމަތީ އޮތް ފޯނު ނަގައިގެން ކޮަޓަރިން ބޭރަށް ދާން ހިނގައިގެން ޒޫނާ ހިތާހިތުން ބުނެލިނެވެ.
ސައިކަލު ތަޅުދަނޑި ހިފައިގެން ޒޫނާ ބޭރަށް ދާން އުޅޭތަން ފެނުމުން ސިޓިން ރޫމްގައި އިން ޒޫނާގެ މަންމަ އޭނާއަށް ގޮވާލިއެވެ. އަދި މިހާ ލަސް ގަޑިއެއްގައި ދަނީ ކޮންތާކަށް ތޯ އަހާލުމުން ޒޫނާ އެ ހުރި ފިޔަވަޅު މައްޗަށް ގަނޑުވިއެވެ. ހާސްކަމާއި ކަންބޮޑުވުން ފޮރުވަން މަސައްކަތް ކުރަމުން އޭނާ މި ދަނީ ރައްޓެއްސަކަށް އެއްޗެއް ހަވާލުކޮށްލާފައި އަންނަން ކަމަށް ބުންޏެވެ. އަދި ނޫރާ ނިމުނީމަ އޭނާ ގޮވައިގެން އަންނާނަން ކަމަށް ބުނުމުން ޒުލޭހާ މޭޒުމަތީ އޮތް އޭނާގެ ފޯނު ނެގިއެވެ.
ދޮގު ހަދަހަދާ ހުއްޓާ މަންމަ ފޯނު ނެގުމުން ޒޫނާގެ ބޮލުގައި ރިހުނެވެ. އަނެއްކާ އެދޮގު ފޮރުވަން އަނެއް ދޮގު ހަދަން ޖެހެނީ ކަން އެނގުމުން ދެން ބުނާނެ އެއްޗަކާ ދޭތެރޭ އޭނާ އަވަހަށް ވިސްނާލިއެވެ.
"ނޫރާ ފޯން އޮތީ ނިވިފައޭ މަންމާ..."
ދޮގު ހެދުމަކީ ނޫރާ ކުރާ ހިތްވާ ކަމެއް ނޫނެވެ. ނަމަވެސް ނޫރާއަށް ވީގޮތެއް އޭނާއަށް ވެސް ނޭނގޭ އިރު، މަންމަ އަށް އެކަން ފޮރުވަން ހަދަމުން ދިޔަ ދޮގުތައް ފަޅާއަރާފާނެތީ ޒޫނާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ގެއިން ޒޫނާ ނިކުމެ ނިކުމެ ހުއްޓާ ޒުލޭހާ ގޮވާލިއެވެ.
"ނޫރާ މެސެޖް ކޮށްފަ މިއޮތީ... ވަރަށް ލަސްވާނެޔޯ.. ބަލައި އަންނަން ވީމަ ޒޫނާއަށް ގުޅާނަމޯ... ފޯން ނިއްވެނީޔޯ ވެސް ބުނެފަ އޮތީ... މިޒޫ ފޯނުން ގުޅާނަމޯ..."
އޭނާއަށް މެސެޖް ނުކޮށް މަންމައަށް ނޫރާ މެސެޖް ކުރީމަ ޒޫނާ ގާތަށް ރުޅިއައެވެ. ރަނގަޅަށް ވިއްޔާ އެއީ މަންމަ ހަމަޖައްސާލަން އޭނާ ޖައްސާ ސްޓޯރިއެކޭ އެވަގުތު ޒޫނާ ހިތަށް އެރިއެވެ. އެ ހިޔާލް ތަކުން ދެން އޭނާއަށް ދުރަށް ދެވުނީ ޒުލޭހާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
"ހޫން.. ދެން ދޭ ތި ދޭ އެއްޗެއް ދީފަ އަންނަން.. އޭރުން މަށަށް ނިދޭނީ..."
ދޮގު ހަދައިގެން ރައްޓެއްސަކަށް އެއްޗެއް ހަވާލުކުރަންށޭ ކިޔާފަ ނިކުންނަން އުޅުނު ޒޫނާ ބޭރަށް ދާން އުޅުނީ އަސްލު ނޫރާ ވީތަނެއް ހޯދާށެވެ. ނޫރާ މަންމައަށް މެސެޖް ކޮށްފައި އޮތީމަ ދެން ދިއުމުގެ ބޭނުމެއް ވެސް ނެތެވެ. އެކަމަކު ހެދުނު ދޮގާ ހެދި މަންމައަށް ކަން ދައްކަން ވެސް އޭނާއަށް މި ވަގުތު ބޭރަށް ނިކުންނަން މަޖުބޫރު ވިއެވެ.
ހިނިތުންވުމެއް މޫނު މައްޗަށް ވެރިކުރުވަމުން ޒޫނާ ގެއިން ނިކުމެ ދޮރުލައްޕާލީ، ބޭރަށް ގޮއްސަ އަވަހަށް އެބަ އަންނަން ކަމަށް ބުނަމުންނެވެ. ދޮރު ލައްޕާލުމަށްފަހު ލިފްޓާ ހަމައަށް ހިނގާފައި ދިޔައިރު، ޒޫނާ ދިޔައީ ދޮގު ހެދުމަކީ މިރޭ އޭނާއަށް ކުރެވުނު މޮޔަ ކަމެކޭ ހިތާ އަމިއްލަ ނަފްސަށް ކުދި ކިޔަމުންނެވެ.
ވެފައި ހުރި ހާސްކަމުން މިންޖުވާން އޭނާ ބޭނުންވީ ސައިކަލުގައި ހުޅުމާލޭގެ މަގުތަކުގައި ދުއްވާލާށެވެ. ރޭގަނޑުގެ އެ ވަގުތު މީހުން އުޅޭ ލެއް މަދުކަމުން އޭނާގެ ހިތަށް ވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އިރުކޮޅެއް ވަންދެން ބޭރުގައި އުޅުމަށް ފަހު ދެން ޒޫނާ ގެއަށް ދިޔައީ މަންމަ ނުނިދާ އޭނާ ގެއަށް އަންނަން ދެން ހުންނާނެ ކަން އެނގޭތީއެވެ. އަދި ނޫރާ ގުޅަން ދެން އޭނާ ހުންނާނަން ކަމަށް ބުނެ މަންމަ ނިދަން ފޮނުވާލާފަ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ، ފޯނުން ފޭސްބުކް ހުޅުވާލިއެވެ.
ނޫރާގެ ޕްރޮފައިލަށް ވަދެ، ހާވާލި އިރު އެ ޕްރޮފައިލްގައި ނޫރާގެ މޫނު ފެންނަ ގޮތަށް ނަގާފައިވާ އެންމެ ފޮޓޯއެއް ވެސް ނެތެވެ. މިއީ ވެސް އެ އަޖޫ، ނޫރާ ހިފަހައްޓާ މިންވަރޭ ޒޫނާގެ ހިތަށް އެރިއެވެ. އެ ދެބޭން އެކީގައި ވެސް ނަގާފައި ހުންނަ ފޮޓޯއެއް ޒޫނާ ފޭސްބުކަށް ލައިފިއްޔާ އެ ފޮޓޯއެއް ނަގަން ނޫރާ ބުނެ އާދޭސް ކުރަނީ ވެސް އެހެން ވެއޭ ހިތަށް އެރުމުން ޒޫނާ އިތުރަށް އަޖޫ ދެކެ ރުޅިއައެވެ. މިރޭ ނޫރާ ގެއަށް އައުމުން އެ އަޖޫއާ ގުޅުން ކަނޑާލަން ބުނަން ޒޫނާ ނިންމިއެވެ.
*** *** *** *** *** ***
ނިދާފައި އޮތް ޒޫނާއަށް ހޭލެވުނީ އޭނާގެ ފޯން ރިންގް ވާން ފެށުމުންނެވެ. މަޑުމަޑުން ލޯ ހުޅުވާލަމުން ބާލީސް ކައިރީ އޮތް ފޯނުގެ ސްކްރީނަށް އޭނާ ބަލާލިއެވެ. އެ ގުޅަނީ އޭނާގެ ރައްޓެއްސެކެވެ. ފޯން ކަންފަތުގައި ޖަހައިގެން ހުރެ އެ ފޯނަށް އޭނާ ވާހަކަ ދައްކަމުން އެނދުން ތެދުވެ ފާހާނާއާ ދިމާއަށް ދިޔަ އިރު ހީވަނީ ނިދާފައި ހުރެ ހިނގާފައި ދިޔަހެންނެވެ. ބިތްބިތަށް ޖެހެމުން ދިޔަ ޒޫނާގެ ފައިގައި އެއްވެސް ވަރެއް ނެތް ކަހަލައެވެ.
މޫނު ދޮވެ، ތާޒާ ވެލައިގެން ޒޫނާ ކޮޓަރިން ބޭރަށް ނިކުތް އިރު އޭނާގެ މަންމަ ހުރީ ސައި ތައްޔާރު ކޮށްފައެވެ. ބަނޑުހައި ވެފައި ހުރި ވަރުން އޭނާ ކާމޭޒު ކައިރިއަށް ގޮސް ގޮނޑީގައި އިށީ،ދެ ތަށިތަކުގެ މަތި ނަގާ ތައްޓަކަށް ކުޅިމަސް އަޅައި ރޮށީލާ ތަށިން ރޮއްޓެއް ނަގައިގެން ކާން ފެށިއެވެ. ސައިބޯން އިން އިރު ވެސް ޒޫނާ އިނީ ނިދިއައިސްފައި ކަމުން އޭނާގެ ހަރަކާތްތައް ލަހެވެ.
ބަދިގެ ތެރެއިން ކާގޭ ތެރެއަށް ނިކުތް ޒުލޭހާއަށް ޒޫނާ ފެނުމުން ކާމޭޒު ކައިރިއަށް އައިސް ހުއްޓިލަމުން ޒޫނާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ.
"އަދި ކިރިޔާ ދީ ތި ހޭލީ... މިހާރު އެއޮއް މެންދުރު ވަނީ... ތަންކޮޅެއް ހެނދުނާ ހޭލައިގެން މަ ބުނި ތަންތަނަށް ފޯމްތައް ލާން އުޅެބަލަ. ވަޒީފާ ގަނޑެއް ވެސް ލިބޭނީ އެކަމާ އުޅެގެންނު... މެންދުރުވާ ފަހުން ހޭލައިގެން ކޮން ކަމެއްތަ ވާނީ... ކައި ހަދައިގެން ގެއިން ބޭރަށް ނިކުމެވޭ އިރު ހުންނާނީ ހަވީރުވެ އޮފީސްތައް ބަންދު ކޮށްފަ. ދެން ވީ ރައްޓެހިންނާއެކީ ސައިކަލު ބުރުޖަހާ ކޮފީއަށް އަރަން. ވާ ރަނގަޅު އުޅުމެއް ދެއްވާފަ ތި ހުރީ..."
އާދައިގެ މަތިން ކޮންމެ ދުވަހަކު ޒޫނާ ސައިބޯން ހުންނަ ގަޑީ އޭނާގެ މަންމަ ކިޔާ ތަސްބީހަ ކިޔަން ފެށުމުން އެތާ އިންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އިންތަނުން ތެދުވެ، ކާ ތަށި ހިފައިގެން ސިންކު ކައިރިއަށް އޭނާ ޖެހިލީ ތަށި ދޮންނާށެވެ.
"ކޮބާތަ ނޫރާ... ރޭ ހަތަރު ދަމު ހޭލާ އުޅުނީމަ އަދިވެސް ނިދަނީ ދޯ... ނޫރާއަށް ގޮވާފަ ބުނޭ... ދެން ހޭލާށޭ... ނިދަންޏާ އެއްޗެއް ކައިގެން ނިދާށޭ..."
ސިންކު ކައިރީ ތަށި ދޮންނަން ހުރި ޒޫނާއަށް އޭނާ މަންމަ ބުނި ވާހަކަ އިވުމާއެކު މުޅި މީހާ ގަޑުވިއެވެ. ހުއްޓުން އަރާފައި އިރުކޮޅަކު އޭނާއަށް ހުރެވުނީ ނޫރާ ކޮޓަރީގައި ނެތް ކަން ހަދާން ވުމުންނެވެ. ނޫރާ ގުޅާނެ ވަގުތެއްގެ އިންތިޒާރުގައި ރޭ ފޯނާ ކުޅެން އޮއްވާ ޒޫނާއަށް ނިދުނީއެވެ. ނިދުނު ފަހުން ވެސް ނޫރާ އޭނާއަަކަށް ނުގުޅައެވެ. ގުޅިކަން އަނެއްކާ އޭނާއަށް ނޭނގުނީ ހެއްޔެވެ. ރޭގަނޑު ގެއަށް ނިދަން ނައިސް މުޅި ދުވަހު ގެއިން ބޭރުގައި ނޫރާ ހޭދަ ކުރި މީ ފުރަތަމަ ފަހަރެވެ.
- ނުނިމޭ -