ދިވެހިންނަކީ ޒަމާނުންސުރެ ރޯދަ މަހަށް ގިނަ ތައްޔާރީތަކެއްވާ ބައެކެވެ. ގޭތެރެ ސާފުކުރުމާއި ތެލިތަށި އާ ކުރުމުން ފެށިގެން ގޮސް ޒީނަތްތެރި ކުރުމުގެ ގޮތުން ކަށިވެލި ލީ ރަން ޒަމާންތަކެއްވެސް ދިވެހިން ވަނީ ދެކެފައެވެ. ރޯދަ މަސް އެކަންޏެއް ނޫނެވެ. މޮޅު އުކުޅުތައް ބޭނުންކޮށް ރޯދަ މަހުގެ ތެރޭގައި ވެސް ތަފާތު ކަންކަން ދިވެހިން ކޮށް އުޅުނެވެ.
އެގޮތުން ފެންވަޅަށް ލައިގެން ކުރުނބާ ފިނިކުރި ދުވަސްތައް މާޒީވެ ގޮސްފައި ވާއިރު އެއީ ވެސް މަޖާ ކަމެކެވެ. ރޯދަ ވީއްލާ ގަޑިއަށް ފިނި އެއްޗެއް ބުއިމުގެ ބޭނުމުގައި ކުރާ އެ ކަމަކީ އައިސްއަލަމާރި ފަދަ ތަކެތި ތައާރަފް ކުރުމުގެ ކުރިން ދިވެހިން ދަސްކުރި މޮޅު އުކުޅެކޭވެސް ބުނެވިދާނެއެވެ.
އެ ޒަމާނުން ފެށިގެން 2000 ގެ ކުރީކޮޅާ ޖެހެންދެން ވެސް ފެންވަޅަށް ލައިގެން ކުރުނބާ ފިނިކޮށް އުޅުނުއިރު މިހާރު އެފަދަ ފެންވަޅެއް ފެނުމަކީވެސް ނާދިރު ކަމެކެވެ. ވަޅެއް ހުރެއްޖެނަމަ މިހާރު މަތި އަޅާ ބައްދާލާފައި ހުންނަ އިރު ފެންވަޅަށް ލައިގެން އެކަން ކޮށް އުޅުނީ ރާއްޖޭގެ ވަކި ހިސާބެއްގެ ބަޔަކު ނޫނެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އެކަން ކޮށް އުޅުނީ ހަމަ މިފަދައިންނެވެ.
ކުރުނބާ ރީއްޗަށް މެށުމަށް ފަހު ވާގަނޑަކުން ނުވަތަ ކަނޑައިގެން ނުދާ ވަރުގެ ރޮދިފަށަކުން އައްސާލާނެ ތަންކޮޅެއް ބައިންދާފައި ހުންނައިރު ވާގަނޑު ޖަހާ މެންދުރު ވުމުން ނުވަތަ މެންދުރުފަހުން ވަޅަށް ތިރިކުރެއެވެ. ދެން އެ ކުރުނބާ ނަގާނީ ރޯދަ ވީއްލަން ކައިރިވުމުންނެވެ.
އާންމުންނަށް އައިސްއަލަމާރިއާއި ފްރިޖްތައް ތައާރަފް ވުމުގެ ކުރިން އެތަކެތި ގެންގޮސްގެން ވިޔަފާރި ކުރީ ވިޔަފާރިވެރިންނެވެ. އަދި ގަނޑުކުރި ފެން ފަދަ ތަކެތި ވިއްކަން ފެށުމާއެކު ވަޅަށްލައިގެން ކުރުނބާ ފިނި ކުރުން މަދުވާން ފެށީއެވެ. މިއަދު ކުރުނބާގައި އެކި ވައްތަރުގެ ފަނި ތައްޔާރުކޮށް ފިނިކޮށްގެން ބޯން ގިނަ ވަގުތަކެއް ނުނެގި ނަމަވެސް ގުރޫޕް ހަދާފައި އެކު އުޅުނު ކުދިންނާއި ގޭގެ މީހުންނާއެކު މެންދުރުވުމުން ކުރުނބާ ފިނިކޮށް އުޅުނު ހަނދާންތައް އަދިވެސް ހުންނާނެއެވެ.