ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުރިހާ ދައުވާތައް އަނބުރާ ގެންދަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފިއެވެ.
ޖަމީލު މިހެން ގޮވާލެއްވީ، ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންނަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުގެ ޕްރޮސިކުޝަނަކީ ސިޔާސީ މެޝިނެއް ކަމަށާއި މިއަދު ސާބިތު މިވީ މި ސަރުކާރުން ބޭނުންވާ ސިޔާސީ ދަޢުވާތައް ޔާމީނުގެ މައްޗަށް ކުރުން ނޫން ދެވަނަ ކަމެއް މިހާރުގެ ޕީޖީ ނުކުރާކަން ކަމަށެވެ. އަދި މިހާރުން މިހާރަށް ރައީސް ޔާމީނުގެ މައްޗަށްކޮށްފައިވާ ހުރިހާ ދައުވާތައް އަނބުރާ ގެންދަން ޖަމީލު ގޮވާލެއްވިއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީ މަހުއެވެ. އިސްތިއުނާފްގެ ބައެއް ކަންކަން އިސްލާހުކުރަން އެންގުމަށްފަހު އެ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައިވާ މިމަހު 4 ވަނަ ދުވަހު ހައި ކޯޓުން ވަނީ އަންގައިފައެވެ.
ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ކުޑައެވެ. ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ އެ ހުކުމް އިސްތިއުނާފުވެފެން މިނިވަންވުމެވެ. ފުއްގިރި މައްސަލަ ސާބިތުވެއްޖެ ނަމަ އެ ހުކުމް ބާތިލްކުރަން ވެސް ޖެހޭނެއެވެ.