ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންނަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ރިޝްވަތު ހިފުމުގެ ދައުވާކުރީ، ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައި އޭނާ އޭރު ހުންނެވިއިރު، 2014، އޮގަސްޓު 27 ގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ބިލަށް ތާއީދުކޮށް ވޯޓު ދެއްވުމުގެ މުގާބިލުގައި 33 ހާސް ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލް އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތުން، މަހްލޫފްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕީޖީން ނިންމާފައި ވަނީ މިހާރު މައްސަލަ އޮތް ހިސާބުން މުރާޖައާކޮށް އަލުން ބެލިއިރު، އޭނާ ނެގި ފައިސާ އަކީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ އެއް ކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ފެންނާތީއެވެ.

އެ ދައުވާ އަނބުރާ ގެންދަން ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށް އެ މަސްދަރުތަކުގައި އޮތް ނަމަވެސް، ކްރިމިނަލް ކޯޓުން ބުނީ، ޕީޖީން އެގޮތަށް އެދިފައިނުވާ ކަމަށެވެ. މިކަމާ ގުޅިގެން ޕީޖީ އޮފީހުން ފޯނު ނުނަގާތީ އެ އިދާރާގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި ޕީޖީ އޮފީހަށް މަހްލޫފްގެ މައްޗަށް 2019 ވަނަ އަހަރު ދައުވާކުރަން ފޮނުވުމުން، ދައުލަތުން ވަނީ އެ މައްސަލައިގައި މަހްލޫފް ސަސްޕެންޑުކޮށްފައެވެ. އޭގެ ފަހުން މިދިޔަ ޖޫން މަހު ވެސް މަހްލޫފް ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް އޭނާގެ މައްޗަށް ގޮތް ނިންމުން ލަސް ކަމަށް ބުނެ، ހަތަރު މަސް ފަހުން ދައުލަތުން ވަނީ ސަސްޕެންޝަން އުވާލައިފައެވެ.

މަހްލޫފްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމް ކުރުމުން ޝަރީއަތް އަލުން ފެށި ނަމަވެސް، އެކި ސަބަބުތަކާ ހެދި އެ މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ވަނީ ކެންސަލްކޮށްފައެވެ.