ރަމަޟާން މަހުގައި ކޮންމެ ދުވަހަކު ރޯދަ ވީއްލާ ގަނޑިއަށް ތައްޔާރު ކުރާ ބުއިންތަކުގެ ތެރެއިން އަލަނާސި ފަންޏަކީ ދިވެހިންގެ ތެރޭގައި އެންމެ އާންމު އެއް ބާވަތުގެ ފަންޏޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރޯދަމަހާ ދިމާކޮށް ކޭސް ކޭހުން އަލަނާސި ދަޅު ގަންނަކަމީ މި ކަމުގެ އެއް ހެއްކެވެ. މިއަދުގެ "ދަ ޕްރެސް" ބަދިގެ ސެގްމެންޓްގައި މި ގެނެސްދެނީ ތަފާތު އަލަނާސި ބުއިމެއް ތައްޔާރު ކުރާނެ ގޮތެވެ. އަލަނާސި މޮހީޓޯ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި

އަލަނާސި ސިރަޕް:

  • 1/2 ޖޯޑު ފެން
  • 1/2 ޖޯޑު އަލަނާސި ޖޫސް
  • 1 ހަކުރު

އަލަނާސި މޮހީޓޯ:

  • 50 އެމްއެލްގެ އަލަނާސި ސިރަޕް
  • 1/4 ޖޯޑު ތާޒާ އަލަނާސި (ކުދިކޮށް ކޮށާފައި)
  • 1 ލުނބޯ (ފޮތިކޮށްފައި)
  • 6 މިންޓް ލީވްސް ނުވަތަ ކުދީނާ ފަތް
  • 40 އެމްއެލް ވެނީލާ ސިރަޕް
  • ސްޕްރައިޓް

ތައްޔާރު ކުރާނެ ގޮތް:

އަލަނާސި ސިރަޕް:

ތެއްޔަކަށް ފެންފޮދާއި ހަކުރުކޮޅު އަދި އަލަނާސިކޮޅު އެޅުމަށް ފަހު ހަކުރުތަށް ވިރެންދެން ހަލަމުން މަޑު ގިނީގައި ކައްކާލާށެވެ. ހަކުރުތައް ވިރުމުން އުނދުން މަތިން ތެލި ބޭލުމަށް ފަހު ހިހޫ ވަންދެން ބަހައްޓާލާށެވެ. އޭރުން އެހުރީ އަލަނާސި ސިރަޕް ތައްޔާރު ވެފައެވެ.

އަލަނާސި މޮހީޓޯ:

ތަށްޓަކަށް އަލަނާސި ސިރަޕް، ކުދިކޮށް ކޮށާފައި ހުރި އަލަނާސިކޮޅު އަދި ލުނބޯކޮޅު އިތުރުން ކުދީނާ ފަތްކޮޅު އެޅުމަށް ފަހު ރަނގަޅަށް ޗިސްކޮށްލާށެވެ. އެއަށްފަހު ވެނީލާ ސިރަޕް އަދި ސްޕްރައިޓް އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. ދެން އައިސް ކިއުބްސް އެޅުމުން އެހުރީ އަލަނާސި މޮހީޓޯ ތައްޔާރުވެފައެވެ.