އަލް-ސަފާ ގްރޫޕްގެ ހަވާލުގައި މިއަދު ފުރަން ހަމަޖެހިފައިވާ އުމްރާވެރިންގެ ދަތުރު އެންމެ ފަހު ވަގުތު ކެންސަލްކުރި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މިއަދު ފަތިހުގެ ވަގުތެއްގައި ސަފާ ގްރޫޕްގެ ފަރާތުން އެ ގްރޫޕްގެ ވައިބާ ކޮމިއުނިޓީ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ، ސައޫދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގްރޫޕަށް އެއްވެސް ވިސާ އެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ކަމަށެވެ.

އެ ދަތުރާ ގުޅޭ އިތުރު ތަފްސީލް އުމްރާވެރިންނާ ހިއްސާކުރާނެ ކަމަށް ވެސް އެ ގްރޫޕްގައި މެސެޖުގައި ވެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އުމްރާ އަށް މިއަދު ފުރުމަށް އުމްރާވެރިން ވަނީ އިއްޔެ ޕްރީ ޗެކިން ނިންމައިފައެވެ. އޭގެ ކުރިން ވިސާގެ އެއްވެސް މައްސަލައެއް އުޅޭކަން ދަތުރުގެ ބައިވެރިންނަށް ސަފާ ގްރޫޕުން އަންގާފައި ނުވާތީ އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

https://www.facebook.com/photo/?fbid=2725066987623666&set=a.562202297243490

އިސްލާމިކް މިނިސްޓްރީން ބުނީ، ސަފާ ގްރޫޕްގެ ފަރާތުން މިއަދު ފުރަން ހަމަޖެހިފައިވާ އުމްރާވެރިން އުމްރާ އަށް ގެންދިއުމުގައި މައްސަލަތަކެއް ދިމާވެ، ނުފުރޭ ކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، މިއަދު 181 މީހަކު ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ފުރަން ވަނީ ހަމަޖެހިފައެވެ.