ފްރާންސްގެ ރައީސް އިމެނުއަލް މެކަރޯން އާއި އީޔޫގެ ރައީސް އުރުސުލާ ވޮންޑަލެޔެން ޗައިނާ އަށް ވަޑައިގެންފިއެވެ.
މިދެވެރިންނަށް ޗައިނާއިން މަރުހަބާ ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންގް ޕިން އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ވެރިންގެ މި ދަތުރަކީ، ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރާ ހަނަގުރާމައިާ ގުޅިގެން ޗައިނާގެ ސްޑޭންޑް ބަދަލު ކުރުވުމަށް ޔޫރަޕުން ކުރާ މަސައްކަތުގައި މީގެ ދުވަސްކޮޅެއް ކުރިން، ޖަރުމަނުގެ ޗާންސެލާ އޯލާފް ސްކޯލްޒް އާއި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ޗަންޗޭޒް ޗައިނާއަށް ކުރެއްވި ދަތުރުގެ ސިލްސިލާ އެކެވެ.
އަދި މި ދެވެރިންގެ ދަތުރުގައިވެސް، ޔޫކްރައިން ހަނގުރާމަ ހުއްޓުވައިދިނުމުގައި ޗައިނާއިން އިސް ދައުރެއް އަދާ ކުރުމަށް ބާރު އެޅުއްވުމާއެކު ޗައިނާ އާއި ޔޫރަޕާ ދެމެދު ގޯސްވަމުންދާ ވިޔަފާރީގެ ގުޅުންތަކާ މެދު މަޝްވަރާ ކުރައްވާނެއެވެ.
މި ދެވެރިންގެ ތެރެއިން ގްޑް ކޮޕް ގެ ގޮތުގައި އިޝާރާތް ކޮށްފައިވަނީ، ޔޫކްރައިން ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން ހުށަހެޅި 12 ނުކުތާނެ ހުށަހެޅުމަށް ފްރާންސުގެ ރައީސް ތާއީދު ކުރައްވާފައި އޮތުމުން އޭނާއަށެވެ. ބޭޑް ކޮޕްގެ ގޮތުގައި އިޝާރާތް ކޮށްފައިވަނީ، އެ ހުށަހެޅުމަށް އީޔޫއިން ފާޑުކިޔާފައި ވުމާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އޮންނަ ގާތް ގުޅުމާއި ޔޫކްރައިން ހަނގުރާމައިގައި ނޭޓޯއިން އަދާ ކުރާ ދައުރަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާތީ އީޔޫގެ ރައީސް އަށެވެ.
ޗައިނާއަށް ވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން އޭނާ ޗައިނާއަށް ވެސް ފާޑު ވިދާޅުވެފައި ވެއެވެ. އޭނާ ފާޑުވިދާޅުވީ، ޗައިނާއިން ރަޝިއާ އާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުންނާއި ޗައިނާގެ ހުށަހެޅުމުގައި ރަޝިއާއިން ހިފާފައިވާ ޔޫކްރައިންގެ ބިންތަކަށް ވާ ގޮތެއްގެ ވާހަކަ ނެތުމުންނެވެ.
މީގެ އިތުރުން އޭނާ ވަނީ ޗައިނާ އެކަހެރި ކުރުމަށް އެމެރިކާގެ ރައީސް ދައްކަވާ ވާހަކައަށް ތާއީދު ކުރައްވައި، ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިންނާއި ޗައިނާއާއި ޔޫރަޕާ އޮންނަ ވިޔަފާރީގެ ގުޅުންތައް އެހެން ދިމަ ދިމާއަށް ބަދަލު ކޮށްގެންނާއި ޓެކްނޮލޮޖީގެ ގޮތުން ޗައިނާއަށް އެހީތެރި ވުން ހުއްޓާލުމަށް ވެސް ވާހަކަ ދައްކަވާފައެވެ.
ހަބަރުތައް ބުނާގޮތުން މި ދެވެރިންގެ ތެރެއިން މެކަރޯން ޗައިނާއަށް ވަޑައިގަތީ އެގައުމުގެ ވިޔަފާރިވެރިން ހިމެނޭ ގޮތުން ބޮޑު ވަފްދަކާއެކުގައެވެ. އަދި ވޮންޑަލެޔެން ވަޑައިގަތީ މެކަރޯން ދެއްވި ދައުވަތަކަށެވެ.