ސަފާ ހައްޖު އެންޑް އުމުރާ ގުރޫޕުން މިއަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރު، އެންމެ ފަހު ވަގުތު ކެންސަލްކޮށްފިއެވެ.

އެ ގުރޫޕުން އުމުރާ ދަތުރު ކެންސަލްކޮށްފައިވަނީ ސައުދީން ވިސާ ހަމަ ނުޖެހޭ ކަމަށް ބުނެއެވެ. މިއަދު ހެނދުނު އުމްރާއަށް ފުރަން ހުރިހާ ކަމެއް ހަމަޖެހިފައިވީ ނަމަވެސް އަދި ވެސް ސައުދީން ވިސާ ދޫކޮށްފައި ނުވާ ކަމަށް ބުނެ ސަފާ ގުރޫޕުން ވަނީ ވައިބާ މެދުވެރިކޮށް ދަތުރުގެ ބައިވެރިންނަށް މެސެޖެއް ފޮނުވާފައެވެ.

މީގެ އިތުރުންވެސް އެއްވެސް ބޭފުޅަކު ފުރަން އެއާޕޯޓަށް ނުދިއުމަށާއި ފޮށި ތައް ބަލާ ދިއުމަށް އެ މެސެޖުގައި ސަފާ ގުރޫޕުން ވަނީ އެދިފައެވެ. އަދި މި މައްސަލައިގައި ކުރިއަށް ދާނެ ގޮތް ފަހުން އަންގާނެ ކަމަށް ބުނެފައިވެއެވެ.

ސަފާ ގުރޫޕުން އުމރާ ވެރިންނަށް ފޮނުވި މެސެޖް

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން ފުރުމަށް އިއްޔެ ޕްރީ ޗެކިންގް ވެސް ވަނީ ނިންމާފައެވެ. އަދި މީގެ ކުރިން ވިސާގެ އެއްވެސް މައްސަލައެއް އުޅޭކަން ދަތުރުގެ ބައިވެރިންނަށް އަންގާފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެކަމާ ބެހޭ އިތުރު މައުލޫމާތު ސާފު ކުރުމަށް އެ ގުރޫޕް ނަންބަރަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވުމުން ގުރޫޕުގެ ފަރާތުން ވަނީ ބަހެއް ލިބޭ ގޮތް ނުވެފައެވެ.

ރަމަޟާން މަހުގެ އުމްރާއަށް ރާއްޖެއިން ވެސް ކޮންމެ އަހަރުވެސް ގިނަ އަދަދެއްގެ ބަޔަކު ދެއެވެ. އެގޮތުން މިހާރު ބަެއް ގުރޫޕްތަކުން މައްކާ އަށް ގޮސްފައިވާއިރު އަނެއްބައި ގުރޫޕްތަކުން ދަނީ ފުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.