ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު ދައުރެއް އަދާކުރުމުން، އަމިއްލަ ވިޔަފާރިތަކަށް ހުރަސްތައް ކުރިމަތިވާ ކަމަށް، ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން ނެރުނު އަޕްޑޭޓުގައި ބުނީ، ރާއްޖޭގެ އިގްތިސޯދު ރަނގަޅުވެ، ކޮވިޑް-19 ގެ ކުރިން ފަގީރުންގެ ނިސްބަތް ހުރި މިންވަރަށް ވުރެ ދަށަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ރިޕޯޓުގައިވާ ގޮތުން، ފަތުރުވެރިކަމަށް ބަރޯސާވުން ކުޑަކޮށް، އިގްތިސޯދު ސިންދަފާތު ކުރުމަކީ ރާއްޖޭގެ ކުރިއެރުމުގެ ސިޔާސަތުގެ މަގްސަދަކަށް ހެދުން މުހިންމެވެ. ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތަކުގައި ސަރުކާރުގެ ދައުރު ބޮޑުވެ، ސަރުކާރު ކުންފުނިތަކުގެ ހިއްސާ ބޮޑުވުމުން، އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅިގެން ދެއެވެ.
މިއަދު ނެރުނު ރިޕޯޓުގައި ވޯލްޑް ބޭންކުން ލަފާކޮށްފައި ވަނީ:
- ދެކުނު އޭޝިއާގެ ސަރަހައްދީ ކުރިއެރުން މި އަހަރު އެވަރެޖްކޮށް 5.6 ޕަސެންޓަށް އަރާނެ ކަމަށް
- އެއީ މިދިޔަ އޮކްޓޯބަރު މަހު ވޯލްޑް ބޭންކުން ކުރި އަންދާޒާ އަށް ވުރެ ދަށް އަދަދެއް
- ދެކުނު އޭޝިއާގެ އިގްތިސޯދީ ދުވެލި އަންނަ އަހަރު 5.9 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ވެސް ވޯލްޑް ބޭންކުން ލަފާކޮށްފައިވޭ
އެ ޖަމިއްޔާ އިން ބުނި ގޮތުގައި، ރާއްޖޭން ބޭރުން ކުރިމަތިވާ ލޮޅުންތަކާއި މާލީ ނިޒާމުގެ ނާޒުކުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައިވެއެވެ. އޭގެ ތެރޭގައި ބޭރުން އަގުބޮޑުކޮށް ދަރަންޏަށް ފައިސާ ނެގުން ހިމެނޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އޭގެ އިތުރުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހަރަދުކުރަން ސަރުކާރުން ރާވާފައިވުމުގެ ސަބަބުން ރާއްޖޭގެ ދަރަނި މަތިވާނެ ކަމަށާއި، ވަކި ފަރާތަކަށް ބެލުމެއް ނެތި ސަބްސިޑީ ދިނުމާއި، ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތަކަށް ފައިސާ ދިނުމާއި، މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ހަރަދުތަކުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށް ހީނަރުކަން އަންނާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރެއެވެ.
އެއާއެކު އެ ޖަމިއްޔާ އިން ލަފާކުރާ ގޮތުގައި:
- ޖީއެސްޓީ ބޮޑުކުރުމާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިގެން ދިއުމުން މި އަހަރު ރާއްޖޭގެ އިންފްލޭޝަން 5.7 ޕަސެންޓަށް އުފުލޭނެ އަދި އެކަމުގެ އަސަރު ގޭބިސީތަކަށް ކުރާނެ
- ނަމަވެސް ތެލުގެ އަގު ދަށްވާނެ ކަމަށް އަންދާޒާކުރެވޭތީ މެދު ރާސްތާގައި އިންފްލޭޝަން 2.5 ޕަސެންޓަށް ދަށްވާނެ
"މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް ސަބްސިޑީތައް ކުޑަކޮށް އަދި ދޭ ގޮތް ބަދަލުކުރަން ޖެހޭ. އިގްތިސޯދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ދައުލަތުގެ މާލިއްޔަތުން ހަރަދުކުރެވޭނެ ނިޒާމެއް ބޭނުންވޭ،" ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުންޏެވެ.