ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެހެން ޕާޓީއަކުން އިސްވެ އޮންނަ ކޯލިޝަނެއްގެ ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި ބައިވެރި ނުވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ނިންމައިފިއެވެ.

އެމްއެންޕީއިން ފުރަތަމަ ބުރުގައި އެހެން ޕާޓީއަކާ ކޯލިޝަނެއް ނުހަދާނެ ކަމަށް ނިންމާފައިވާކަން އިއުލާނުކޮށްފައިވަނީ ޖުމްހޫރީ ޕާޓީއިން އިސްވެ އޮވެ މަސައްކަތް ކުރާ ގޮތަށް އެ ޕާޓީއިން އެމްއެންޕީއަށް އިއްޔެ ދައުވަތު ފޮނުވުމާ ގުޅިގެންނެވެ.

ޖޭޕީއިން އެފަދަ ދައުވަތެއް ފޮނުވި ކަމަށްޓަކާ ޝުކުރު އަދާކޮށް އެމްއެންޕީއިން ބުނީ ކޯލިޝަން ނުހެދުމަށް ނިންމާފައިވަނީ އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީން ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އަދި ޖޭޕީއިން ހުށަހެޅި ފަދަ ޖޭޕީ އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގައި ބައިވެރިވުމަކީ އެމްއެންޕީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ޝަހްސީ މަގުސަދު ގެއްލޭ އަމަލެއް ކަމަށާއި އެ ދައުވަތު ގަބޫލު ކުރުމުން އެ ޕާޓީގެ ކެނޑިޑޭޓެއް ރިޔާސީ އިންތިހާބުގައި ބައިވެރިވާނެ ކަމަށް ރައްޔިތުންނަށް ދެމުން ދިޔަ ޔަގީންކަން ގެއްލޭނެ ކަމަށް ވެސް އެމްއެންޕީއިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް އެމްއެންޕީއިން ބުނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީއިން އެހެން ޕާޓީއެއްގެ ފަހަތަށް އެރުމަކީ އެ ޕާޓީގެ އާންމު މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުގެ ވިސްނުމާ ފުށު އަރާނެ ނިންމުމެއް ކަމަށެވެ. އެ ޕާޓީއަކީ ރައްޔިތުންގެ ފުދުންތެރިކަން ބިނާކުރުމުގެ ވިސްނުމުގައި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރާ ޕާޓީއެއްކަން ފާހަގަކޮށް ބުނެފައިވަނީ ރިޔާސަތަށް ހޮވިއްޖެނަމަ ވެސް ކަން ކުރާނީ އެގޮތަށް ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން އެ ޕާޓީއިން ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް ބަލާއިރު ރައްޔިތުންގެ ތާއީދާ އިތުބާރު ޕާޓީއަށް ލިބެމުންދާ ކަމަށް އެ ޕާޓީއިން ބުނެއެވެ. އެހެން ކަމުން ރައްޔިތުންނަސް ޕާޓީގެ ތަސައްވުރާ އެއްގޮތް ތަސައްވުރެއް އޮތް ކޮންމެ ބަޔަކާއެކުވެސް ޕާޓީއިން އިސްވެ އޮވެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ޕާޓީއިން ވަނީ ރައްޔިތުންނަށް ދީފައެވެ.

ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ކަމުން ނާޒިމަށް ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރުވެފައެވެ. އެމްއެންޕީގެ ރިޔާސީ ކެޑިޑޭޓަށް ރަސްމީކޮށް ޕާޓީގެ ޓިކެޓް ހަވާލުކުރުމުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހު 5 ވަނަ ދުވަހުގެރޭއެވެ.