ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އެންމެ ބޮޑު ވިޔަފާރި ބާޒާރު 'ބަންގަބާޒާރުގައި' އަލިފާން ރޯވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ބަންގްލަދޭޝްގެ ފަޔާ ސާވިސް އެންޑް ސިވިލް ޑިފެންސްގެ ކޮންޓްރޯލް ރޫމް ޑިއުޓީ އޮފިސަރު ރަފީ އަލް ފާރޫކް އާ ހަވާލާދީ ބުނެފައިވަނީ މި ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 6:10 ހާއިރުކަމަށެވެ. އަދި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ސަރަހައްދަށް އަލިފާން ނިއްވާ ލޯރިތައް ފޮނުވާފައި ވާކަމަށް ރަފީ އަލް ފާރޫކް ވަނީ ބުނެފައެވެ.

އަލިފާން ނިއްވާ ފަންސާހަށްވުރެ ގިނަ ލޮރީ، ހެލިކަޕްޓަރު ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ސަރަހައްދުގެ ވައި ހުރި ގޮތުން ބޮޑު ބަޔަކަށް އަލިފާންގަނޑު ވަނީ ފެތުރިފައެވެ. އަލިފާންގަނޑު ފެތުރުނަ ނުދިނުމަށް ބަންގްލަދޭޝްގެ އެއާފޯސް އާއި ސިފައިން ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ކޮންސްޓްރެކްޝަން ސާމާނާ، ލަކުޑީގެ އިތުރުން އަންނައުނާ އަދިވެސް އިތުރު ސާމާންތައް ވިއްކާ ބަންގަބާޒާރަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު ބާޒާރެވެ. ފިތުރު އީދާ ދިމާކޮށް އަންނައުނާ އަދިވެސް ގިނަ އާ މުދާތައް އެ ބާޒަރަށް ޖަމާކޮށްފައި ވާއިރު އަލިފާން ރޯވާން ފެށުމާއެކު ބައެއް ވިޔަފާރިވެރިންނާއި މުވައްޒަފުން ވަނީ އެމީހުންގެ މުދާތައް ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް އެ ބާޒާރުގައި ހުރި ގިނަ އެއްޗެހި ވަނީ އަނދާފައެވެ.

މީގެ އިތުރުން ރަމަޟާންމަހު ބަންގަބާޒާރުގައި މަސައްކަތްކުރާ ގިނަ މީހުންވެސް ނިދަނީ އެ ބާޒާރުގައި ހަދާފައިވާ ފިހާރަތަކުގައެވެ. އެހެންނަމަވެސް އަދި މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ވާކަން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

1995 ވަނަ އަހަރުވެސް ބަންގަބާޒާރުގައި އަލިފާނުގެ ހާދިސާއެއް ހިނގާ މުޅި އެތަން އެއްކޮށް ވަނީ އަނދާފައެވެ.