ޖަލުގެ ތޭރިތަކުން އިވެމުން ދިޔައީ އަންހެނެއްގެ ވޭނާއި ކުކުރުމުގެ އަޑެވެ. ނުވަ މަހާއި ނުވަ ދުވަސް ފުރާ ވިހެއުމާ ގާތަށް އައި އިރުވެސް އެ ފަކީރު ހޮސްޕިޓަލަށް ގެންދަން އެކަކުވެސް ނޫޅެއެވެ. އެކަނި މާއެކަނި ޖަލުގެ އެ ކުޑަކޮޅީގައި އެ އަންހެން މީހާ ހޭރޭ އިރުވެސް އަޅާލާނެ އެއްވެސް ޔާރެއް ނެތެވެ.
ގިނަ ފުލުހުންތަކެއް އެތަނުގައި ތިބި ނަމަވެސް އެމީހުން ވެސް އެ އަންހެނާއަށް އަޅާލާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ވިހެއުމުގެ ވޭން ތަޖުރިބާކޮށްފައި ހުރި ދެތިން ފުލުސް އޮފިސަރަކު އެ އަންހެން މީހާއަށް އެހީތެރިވާން ޖަލުގެ ކުޑަގޮޅި ތެރެއަށް ދުއްވައިގަތެވެ. ހޮސްޕިޓަލަށް ގެންދާނެ ވަގުތެއް ނުވިއެވެ. ވިހާ ގަޑި އެ ގާތްވަނީއެވެ. ދަރިފުޅުގެ ބޯ ވެސް އޮތީ ފެންނާށެވެ. "ހިތްވަރުކޮށްލާ ރީމާ" ފުލުސް އޮފިސަރަކު ކެނޑިނޭޅި ރީމާއަށް ހިތްވަރުދެމުން ގެންދިޔައެވެ. ހުދާ އޭރުވެސް ހުރީ ރީމާގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ. އެއް އަތުން އޭނާގެ ފޯނުން ގުރުއާން ޖަހާފައިވެއެވެ. ގުރުއާންގެ އަޑާއެކު ރީމާގެ ކުކުރުމުގެ އަޑުވެސް ކުޑަކޮށް މަޑުވިހެން ހީވިއެވެ. މާގިނައިރުތަކެއްނުވިއެވެ. އިވުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. ފިރިހެން ކުއްޖެކެވެ. ކުއްޖާގެ ރުއިމުގެ އަޑާއެކު ރީމާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް އައެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި އޭނާގެ ލޯ ކަރުނުން ތެތްމާލައިފިއެވެ. ދަރިފުޅުގެ މުސްތަޤްބަލާ މެދު ވިސްނާލާފައެވެ. ދަރިފުޅު ބަލައި ބޮޑުކުރުމުގެ ނަސީބު އޭނާއަށް ލިބިފައިނުވާތީއެވެ. ދަރިފުޅު ބިކަވެދާނެތީއެވެ.
"ދަރިފުޅާ ހަވާލުވާން އެއްވެސް މީހަކު އަންނާނެތަ؟" ހުދާ މަޑުމޮޅި ރާގެއްގައި ރީމާ ގާތު އަހާލިއެވެ. އެ ސުވާލާއެކު ރީމާއަށް އިތުރަކަށް ކެތެއްނުވިއެވެ. ބަޑިފަޅައިގެން ހިނގައްޖެއެވެ. އާނއެކެވެ! ދަރިފުޅާ ހަވާލުވާނީ ވެސް ވަކި ކާކުހެއްޔެވެ؟ މަންމަ އާ ބައްޕަ ޅައުމުރުގައި މިދުނިޔެ ދޫކޮށް ދިޔުމުގެ ސަބަބުން ރީމާވެސް ބޮޑުވީ ނުހަނު ހާލުގައެވެ. އަޅާލާނެ މީހެއްނެތި އެތަނުން އަނެއްތަނަކަށް ދުވެ ކާއެތިކޮޅު ހޯދައިގެންނެވެ. ނުބައި ރަހުމަތްތެރިންނާ ޖެހި ޑުރަގުގެ ވަބާގައި ވެސް ޖެހުނީއެވެ. ނަހަލާލަށް ބަނޑުބޮޑުވެ އެ ދަރިފުޅަކީ ކާކުގެ ދަރިއެއްކަން ވެސް ޚުދު ރީމާއަކަށް ނޭނގެއެވެ. 18 އަހަރަށް ޖަލަށް ލާފައިވާ ރީމާ ޖަލުގެ ތޭރިތަކުގައި ދިރިއުޅުން ހޭދަކުރަން އަދި ލައްކަ ޒަމާން އެބައޮތެވެ. ދެން ވަކި ދަރިފުޅު ބަލާ ވަކި އަންނާނީ ކާކުހެއްޔެވެ؟
ހިޔާލުތަކުން މިންޖުވީ އަނެއްކާވެސް ހުދާ ރީމާގެ ގައިގައި ކޮށްޓާލުމުންނެވެ. ހުދާ އަކީ ރީމާގެ ހާލު އެނގޭ ހަމައެކަނި ފުލުސް އޮފިސަރެވެ. ރީމާ އަކީ އެހާ ހިތްނުބައި މީހެއް ނޫން ކަން އެނގި އެންމެ ފުރަތަމަ ދުވަހުވެސް ރީމާއަށް އަޅާލަން ފެށީ ހުދާއެވެ. މީހަކަށް ގޯސްކަމެއް ކުރެވިދާނެއެވެ. ނަމަވެސް އެއިން އިބްރަތް ލިބިގަނެ ދިރިއުޅެން ރީމާ މިއަދު ދަސްކޮށްފިއެވެ.
"ހާސްނުވޭ. ދަރިފުޅު ރަނގަޅަށް ބަލައިދޭނެ ބައެއް އަހަރެންނަށް އެނގޭ. ޖެންޑާ މިނިސްޓްރީ އާ ދަރިފުޅު ހަވާލުކުރަމާ. އޭރުން އެކޮޅުން ހަމަޖައްސައިގެން ކުއްޖާ ކުޑަކުދިންގެ ހިޔާއަށް ލެވިދާނެ. އޭރުން ކުއްޖާގެ އުމުރުން ވަކި ވަރަކަށް ދިޔައީމަ ދަރިފުޅަށް ރީމާ އާ ބައްދަލުކުރަންވެސް އާދެވޭނެ. މިކަމާ އަޅެ ރީމާގެ ޚިޔާލަކީ ކޮބާ؟ ރީމާގެ އެއްވެސް އިއުތިރާޒެއް ނެތިއްޔާ އެކަމާ އަހަރެން އުޅެދީފާނަން،" ހުދާ ބުނެލިއެވެ.
"އާނ. އަހަރެންނަށް ދެން އިތުރު ގޮތެއް ނެތެއްނު. އަހަރެން ބޭނުމެއް ނޫން އަހަރެންނަށްވި ގޮތް ދަރިފުޅަށް ވާކަށް. ދަރިފުޅު ހެޔޮގޮތުގައި ބެލޭނީވެސް ވަކި ބައެއްގެ ބެލުމުގައި ހުރެގެންތާ. އަހަރެންގެ އެއްވެސް މައްސަލައެއްނެތް،"
"ރަނގަޅުވާނެ އިރާދައްކުރެއްވިއްޔާ. އެކޮޅުގައި ދަރިފުޅު ހުންނައިރުވެސް އަހަރެން ބަލާނަން ދަރިފުޅުގެ ކަންތައްތައް ވަރަށް ގާތުން. އެގޮތް އެންމެ ރަނގަޅެއްނުން؟ ދެން ބުނެބަލަ. ކޮން ނަމެއްތަ ކިޔާނީ ދަރިފުޅަށް،"
"އާޒް....."
16 އަހަރު ފަސް....
"މިސް ބަލާ އާޒް އަޅުގަނޑަށް ޖެއްސުން ކުރަނީ،"
"އެ ދޮގެއް މިސް. ރީހާން އަޅުގަނޑުގެ ކަރުގަ ހިފީ"
މިސް: "އާޒް! ގޮއްސަ ގޮނޑީގައި އިށީދޭ. އާޒް ގާތު މިސް ބުނިން ދޯ ކުދިންނަށް އުނދަގޫ ނުކުރާން"
"މިސް އެކަމު އަޅުގަނޑެއް ނޫން"
މިސް: "ކޮން އެކަމަކު އެއް ކިޔާކަން. މި ކަހަލަ ކުދިންނާ ޖެހިއޭ ސްކޫލު އެހެން ކުދިން ވެސް ހަލާކުވަނީ"
ޓިޗަރުގެ އެ ވިހަގަދަ ޖުމްލަތަކުން އާޒްގެ ހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. އެ ވަގުތު އާޒް ކުލާހުން ނުކުމެގެން ގޮސްފިއެވެ. ކޮމްޕައުންޑުގައި ހުރި ބެންޗެއްގައި ފުން ޚިޔާލަކަށް ގެއްލިފައި އިންދާ ހަމަ ދުނިޔެއަށް އާދެވުނީ ލީޑިން ޓިޗަރެއް އައިސް އޭނާ އަށް ދިމާއަށް ހަޅޭއްލަވައިގަތުމުންނެވެ.
"ހަމަ މިހާރު ދޭ ކުލާހަށް. ނުކިޔަވަން ވެގެން ކުލާހުން ނުކުމެގެން ތިއުޅެނީ ދޯ!"
ކޮންމެއަކަސް އާޒް އަކީ އެހެން ކުދިންނާ ޚިލާފަށް ވަރަށް މަޑުމައިތިރި ކަމަށް ކަމޭހިތާ ކުއްޖެކެވެ. ހިޔާގައި އޭނާއަށް ދަސްކޮށްދިނީ ރީތި ދިރިއުޅުމެއް އުޅޭށެވެ. މަންމަ އާ ބައްދަލުކުރަން ޖަލަށް ދާއިރު ވެސް އެ މަންމަ އާޒް އަށް ވަރަށް ނަސޭހަތްލައިދެއެވެ. އެ ތަނުގައި އުޅޭއިރު ކަންތައްތަކާ ކުރިމަތިވާނެ ކަމަށާއި އެކި ކަހަލަ މިޒާޖުގެ ކުދިންނާ ދިމާވާނެކަން ވެސް މަންމަ އޮތީ އާޒްގެ ގާތު ބުނެފައެވެ.
އެކަމަކުވެސް އާޒްގެ ހިތަށް އަރާ އެއްޗެއް އަބަދުވެސް އޮވެއެވެ. "ހިޔާގައި ކިތަންމެ ރަނގަޅު ކުދިން އުޅުނަސް އެ ކުދިން "ލޭބަލް" ކުރަނީ ހިޔާ ކުދިންގެ ނަމުގައެވެ. އެ ކީއްވެބާއެވެ؟ އަހަރެމެން ވެސް މިއީ މަންމަ އާ ބައްޕަ ހުންނަ އެހެން ކުދިންނެކޭ ވެސް އެއްފަދަ ކުދިންނެއް ނޫން ހެއްޔެވެ؟
ދުވަސްތައް ފާއިތުވަމުން ގޮސް އާޒް އަށް 18 އަހަރު ފުރިއްޖެއެވެ. ހިޔާއިން ނުކުންނަން ޖެހޭ ދުވަސްވެސް ޖެހުނީއެވެ. އެއީ ވެސް އާދައިގެ މަތިން ހަވީރުގެ ވަގުތެވެ. މަގުމަތީގައި ހިނގާފައި ދަނިކޮށް ހިޔާގައި އުޅޭ ކުދިންތަކެއް ތަޅައިގަނެގެން އުޅޭ މަންޒަރު ފެނުމާއެކު އާޒް ދުއްވައިގަތީ އެ ދިމާއަށެވެ. ކުދިންތައް ދުރުކުރުމުގެ ނިޔަތުގައެވެ. އެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް އާޒްއަށް ވެސް އެކިވަރުގެ އަނިޔާތަކެއް ލިބުނެވެ. ފުލުހުންގެ ކާރުގެ ސައިލަންސަރުގެ އަޑާއެކު އެއްވެފައި ތިބި ކުދިންތައް އެތަން މިތަނަށް ދުއްވައިގަތެވެ. މަޑުމަޑުން ބިންމަތިން ތެދުވިއިރު މަގުމަތީގައި އޮތީ މީހުން އެއްވެފައެވެ. ނުރުހުމުގެ ލޯތަކެވެ.
"މިހިރަ ކުއްޖާގަނޑު މި ތަނަށް ވަދެގަނެގެން ކުރި ކަމެއް މިއީ" އެތަނުގައި ހުރި އަންހެނެއް ހަޅޭއްލަވައިގަނެފައި ބުންޏެވެ.
އާޒްގެ ބަޔާން ނެގުމަށްޓަކައި ފުލުސް ކާރަށް އޭނާ އަރުވައިފިއެވެ. ކާރުގައި އިންދާ އާޒް އަށް އިވުނީ އަންހެނެއް އައިސް އެތަނުގައި ތިބި އެންމެންނާ ޒުވާބު ކުރާ އަޑެވެ. ކިޔާ އެއްޗެއް ސާފު ނުވިޔަސް އާޒް ދަންނަ އަޑަކާ އޭނާއަށް ވަށްތަރުވިއެވެ.
"ކަލޭމެންނަށް ކިހިނެއް ވެފަތަ ހުންނަނީ؟ ބަޔަކު ކުރާ ކަމެއްގެ އަދަބު އެކަމެއް ނުކުރާ ކުއްޖާއަށް ލިބެންޖެހޭތަ. އެ ކުދިންގެ މައިބަފައިންނަކީ އެވެނި ގޮތަކަށް އުޅޭ ބަޔެކޭ ކިޔާފައި އެ ކުދިން މުޖުތަމައު އިން ބާކީ ކުރަންޖެހޭތަ؟ ބަލަ މި ކުދިންނަކީ އަހަރުން އެންމެންގެ ވެސް ޒިންމާއެކޭ. ހިޔާ ކުދިންނޭ ކިޔާ މި ފަދަ ކުދިން ލޭބަލް ކުރަން ލަދުގަންނަންޖެހޭނެ. މިއީ ހަމަ އަހަރެމެންގެ ދަރިން. ކަލޭމެންގެ ދަރިންނެކޭ މި ކުދިންނެކޭ ވާނީ އެއްވަރު. 18 އަހަރު މިވީ. މަގޭ ދަރި އެ ދިޔައީ ތި އެންމެންގެ ވާހަކަތަކަށް ބީރު ކަންފަތެއް ދެމުން. ތި މީހުން ނުރުހުމުގައި ވާހަކަ ދައްކާއިރު މަގޭ ދަރި ޗުއްޕު އޭވެސް ނުބުނާނެ. ގައިމު އަހަރެން މީ ޖަލުން އަދަބު ލިބިގެން ނުކުތް މީހެއް. އެއީ މަގޭ ދަރިއެއް. އެ ކުދިންގެ ވެސް އިހުސާސްތަކެއް ވާނެ ކަން ދަނެބަލަ. ޅަ ކުދިންނަށް ނަމޫނާ ދައްކަން ތިބޭ ބަޔަކީ އަހަރުމެން. އޭގެ ބަދަލުގައި ތިމީހުން ތި އެމީހުންގެ ދިރިއުޅުން ހަލާކުކުރަނީ،"
ރުޅިއައިސް ހުރި ރީމާ އަށް ކިޔޭ ނުކިޔޭވެސް ނޭނގުނެއެވެ. ފުންނޭވާއެއް ވައިގެތެރެއަށް ދޫކޮށްލުމަށްފަހު ރީމާ ގޮސް ފުލުސް ކާރުގެ ދޮރު ހުޅުވާލިއެވެ. އޭރުވެސް އާޒް އަށް ގިސްލެވެއެވެ. ކާރުން ނުކުތް އިރު މަންމަގެ ގާގައި މަންމަގެ އެންމެ ގާތް އެކުވެރިޔާ ހުދާވެސް ހުއްޓެވެ. އިތުރަކަށް ބަލާކަށް ނުހުރެވުނެވެ. މަންމަ ގައިގައި ބާރަށް އާޒްއަށް ބައްދާލެވުނެވެ. ދުވަހަކުވެސް ވަކިނުވާނެ ކަމަށް އުންމީދުކުރަމުންނެވެ.
ވަރަށް ނަލަ ވާހަކައެއް. އިބުރަތުން ފުރިގެންގޮއްސި
ވަރަށް ރީތި