ގިނަ ކަންތައް ތަކެއް މަނާކޮށް ދަރިވަރުންގެ އާންމު ގަވާއިދު އެޑިއުކޭޝަން މިނިސްޓްރީން ނެރެފިއެވެ.

އެގޮތުން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ފިލްމު، އިޝްތިހާރު އަދި މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައި، ދަރިވަރަށް އެ ހުއްދަ ލިބިގެން ކަމަށް އާންމު ކުރި ހާއްސަ ގަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ވަނީ މިދިޔަ ހަފްތާގައި އާންމު ކުރި ގަވާއިދުގައި މަނާކޮށްފައެވެ. އެ ގަވާއިދު އަށް އަމަލު ކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ގަވާއިދުގައިވާ ގޮތުގެ މަތިން ކުރުން މަނާ ބައެއް ކަންކަމުގެ ގޮތުގައި ހިމެނެނީ:

  • އަންހެންކުދިން ކަންފަތު ފޫޅު ފިޔަވައި އެހެން ތަންތަން ތޮރުފުމަކީ މަނާކަމެއް
  • ފިރިހެން ކުދިންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރުކޮށް ކޮށާފައި
  • ފިރިހެން ކުދިންގެ ހަށިގަނޑުގެ އެއްވެސް ތަނެއް ތޮރުފުމަކީ މަނާކަމެއް
  • ބޮލުގައި ކުލަޖެއްސުމަކީ މަނާކަމެއް؛ އިސްތަށިގަނޑު ހުންނަންވާނީ ސާފުކޮށްފައި
  • ފިރިހެން ދަރިވަރުންގެ ތުނބުޅި މަތިމަސް ބަހައްޓައިގެން ނުވާނެ
  • ސްކޫލު ކުދިންގެ ތެރެއިން ކީ ސްޓޭޖު 2 އިން މަތީގެ ކުދިންނަށް އަތުކުރީ ގަޑި ބޭނުން ކުރެވިދާނެ؛ ސްމާޓްވޮޗު ބޭނުން ކުރުމަކީ މަނާކަމެއް
  • ކްލަބް ޖަމްއިއްޔާތަކުގެ ހަރަކާތްތަކުގައި ބައިވެރިވާން ވާނީ، ސްކޫލުން ނުވަތަ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ 'ކޯ-ކަރިކިޔުލާ ހަރަކާތްތައް ހިންގުމުގެ އުސޫލާ އެއްގޮތުގެ މަތިން
  • ފިލްމު، އިޝްތިހާރު އަދި މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައި އެ ހަރަކާތުގައި ދަރިވަރުގެ ދައުރު ހިމެނޭ ގޮތް ވަޒަން ކުރުމަށް ފަހު، ދަރިވަރަށް ހުއްދަ ލިބިގެން
  • އަންހެން ކުދިންނަށް ސްކޫލު ޔުނިފޯމާ އެކު ގަހަނާގެ ގޮތުގައި ބޭނުން ކުރެވޭނީ ކަރުގައި އަޅާ ފަށަކާއި ކަންފަތުގައިލާ ސްޓަޑެއް އެކަނި؛ އެލިފައި ހުންނަ ކަންފަތުލާ އެއްޗެހި ލައިގެން ސްކޫލަށް ދިއުމަކީ މަނާކަަމެއް
  • މަޖުބޫރު ތައުލީމު ލިބެން ޖެހޭ އުމުރުގެ ކުދިން ވަޒީފާއަށް ފޮނުވައިގެން ނުވާނެ؛ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނާ ހިލާފު ނުވާ ގޮތަށް ތަމްރީނު ހޯދުމަށް ނުވަތަ ވަޒީފާއަށް، ބެލެނިވެރިޔާގެ ހުއްދައާ އެކު އުމުރާ ގުޅޭ ވަޒީފާއަށް ދެވިދާނެ
  • ސޯޝަލް މީޑިއާ ބޭނުންކުރާއިރު އާންމު އިޖުތިމާއީ މިންގަނޑާ ހިިލާފު ނުވުން
  • ކައިވެނި ކުރުން
  • ސްކޫލު ތަމްސީލުކުރާ ހަރަކާތެއް ފިޔަވާ އިތުރު ކަމެއްގައި ސްކޫލު ޔުނިފޯމު ބޭނުން ކުރުން
  • ބެލެނިވެރިޔާގެ ހުއްދަ ލިބިގެން ނޫނީ ރޭގަނޑު 10ގެ ފަހުން ސްކޫލު ދަރިވަރުން ބޭރުގައި އުޅުން
  • ވޭޕުކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން އަދި އެ ތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުން

ޖުމްލަ 15 ކަމެއް އެކުލެވޭއިރު މި ގަވާއިދަށް އަމަލު ކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.

އަދި ގަވާއިދު ތަންފީޒު ކުރުމަކީ ޕްރިންސިޕަލްގެ ޒިންމާއެއް ކަމަށާއި މި ގަވާއިދުގެ އެންމެ ބޮޑު އެއް މަގްސަދަކީ ކިޔަމަންތެރި އަދި އަހުލާގު ރަނގަޅު ދަރިވަރުންތަކެއް މުޖްތަމައުގައި ބިނާ ކުރުން ކަމުގައި ބުނެފައި ވެއެވެ.

އެޑިއުކޭޝަނުން ގަވައިދު ނެރުނު ވަގުތަކީ، އަރަބިއްޔާ ކުދިން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާ ކުރާ މައްސަލައިގައި ބެލެނިވެރިން އިހުތިޖާޖު ކުރަމުން ދާ ވަގުތެކެވެ.