ރޯދަ ވީއްލުމަށް ކޮންމެ މީހަކުވެސް ތަފާތު އެކި ވައްތަރުގެ ކެއުންތަކާއި ބުއިންތަށް ތައްޔާރު ކުރެއެވެ. އެގޮތުން ރޯދަ ވީއްލާ ގަޑިއަށް މީރު އަދި ފިނި ބުއިމެއް ތައްޔާރު ކުރުމަށް ގިނަ ބަޔަކު ސަމާލުކަން ދެއެވެ. މިއަދު "ދަ ޕްރެސް ބަދިގެ" ސެގްމަންޓުގައި މި ގެނެސްދެނީ ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭނެ މޮހީޓޯއެކެވެ.

އަނގަޔަށް ވެސް މީރު އަދި ސިއްހަތަށް ވެސް ފައިދާ ހުރި ގިނަ ދިވެހިންނަށް ކަމުދާނެ ފަދަ ކުއްޅަވައް މޮހީޓޯ އެވެ.

ބޭނުން ވާނެ ތަކެތި:

  • 1 ކުއްޅަވައް (ބޮޑު)
  • 3/4 ލުނބޯ
  • 1 މޭޒުމަތީ ސަމުސާ ހަކުރު
  • 6 ކުދީނާ ފަތް ނުވަތަ މިންޓް ލީވްސް
  • ސްޕްރައިޓް
  • އައިސް ކިއުބް (ބޭނުން ވަރަކަށް)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުއްޅަވަކާއި ލުނބޯ ރަނގަޅަށް ދޮވާލާށެވެ. އަދި ކުދިކޮށް ކޮށާލުމަށް ފަހު ކުދީނާ ފަތުގެ އިތުރުން ހަކުރުކޮޅު ތައްޓަކަށް އެޅުމަށްފަހު ރަނގަޅަށް ޗިސް ކޮށްލާށެވެ. އެއަށްފަހު ތަށީގެ ތެރެއަށް އައިސް ކިއުބާއި ސްޕްރައިޓް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އޭރުން އެހުރީ ކުއްޅަވައް މޮހީޓޯ ތައްޔާރުވެފައެވެ.

ރާއްޖޭގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުން ކުއްޅަވައް ލިބެން ހުރި ނަމަވެސް، ކުއްޅަވަކަކީ ބާޒާރުގައި މާ އާންމު އެއްޗެއް ނޫނެވެ.

ކުއްޅަވަކަކީ ސިއްހީގޮތުންވެސް ފައިދާތަކެއް އެކުލެވޭ މޭވާއެކެވެ. އެގޮތުން، ހަށިގަނޑުގެ ތެރޭގައި ހުންނަ ވިހަ ސާފުކޮށް ދިނުމަށް އެހީވުމުގެ އިތުރުން ލޭ ހޮޅިތައް ވަރުގަދަ ކޮށްދީ ބަނޑުގެ އަލްސަރު ދަށްކޮށްދީ ހަކުރާއި ފެޓް ހަށިގަނޑުގެ ތެރެއަށް ހިނދިގެން (އެބްޒޯބް) ދިޔުން ކުޑަކޮށް ދީ އަދި ބްލަޑް ޕްރެޝަރު ދަށްކޮށްދޭ މޭވާއެކެވެ.