ފްރާންސްގެ ލީގުގައި ރޯދަމަހުގެ ތެރޭގައި ކުޅޭ މެޗުތަކުގައި މުސްލިމް ކުޅުންތެރިންނަށް ރޯދަ ވިއްލަން ފުރުސަތު ނުދޭން އެގައުމުގެ ފުޓްބޯޅަ ފެޑްރޭޝަނުން ނިންމާފައިވާ ކަމަށް ފްރާންސްގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ފްރާންސްގެ މީޑިއާއިން ބުނެފައިވަނީ އެގައުމުގެ ފުޓްބޯޅަ ފެޑްރޭޝަންގައި ހިމެނޭ ރެފްރީން ކޮމިޝަނުން މީގެ ދެތިން ދުވަސްކުރިން ލީގުގެ މެޗުތައް ބަލަހައްޓާ ރެފްރީންނަށް ކޮށްފައިވާ އީމެލެއްގައި އެއްވެސް ހާލަތެއްގައި މެޗުތައް ހުއްޓާނުލަށް އަންގާފައިވާ ކަމެށެވެ. އަދި މެޗުތައް ހުއްޓުމަކީ އެކޮމިޝަނުގެ ގަވައިދުތަކާ ހިލާފު ކަމެއް ކަމަށް ވެސް އެއީމެއިލްގައި ބުނެފައެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރެފްރީ ކޮމިޝަންގެ އިސްވެރިޔާ އެރިކް ބޯހިނީ އޭފްޕީއަށް ދިން އިންޓަވިއުއެއްގައި ބުނީ ކޮންމެ ކަމެއް ކުރަން ވެސް ވަކި ވަގުތެއް އޮންނާނެ ކަމަށާއި ކުޅިވަރު ކުޅެން ވެސް އަދި ދީނީ އަޅުކަންތައް ކުރަން ވެސް ވަކި ވަގުތެއް އޮންނާނެ ކަމަށެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑްރޭޝަނުން މިގޮތަށް ނިންމި ކަމުގެ ރިޕޯޓްތައް ފެންމަތިވީ އިރު މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ފްރާންސްގެ ގައުމީ ޓީމަށް ކުޅޭ މުސްލިމް ކުޅުންތެރިން ރޯދަ ހިފުން ފަސްކުރުމަށް ޓީމުގެ މެނޭޖްމަންޓުން އެންގި ކަމަށް ބުނާ ރިޕޯޓްތަކެއް ވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. މިގޮތުުން ޓީމުގެ ކުޅުންތެރިންނަށް ފޮނުވި އީމެއިލްއެއްގައި ނޭޝަނަލް ޓީމުން ބުނެފައިވަނީ މިދިޔަ މާޗް މަހުގެ 24 އަދި 27 ވަނަ ދުވަހު ކުޅުނު ޔޫރޯ ކޮލިފައިންގް މެޗުތަކަށްޓަކައި މުސްލިމް ކުޅުންތެރިން ރޯދަ ހިފުން ފަސްކުރުމަށް އަންގާ ކަމަށެވެ.

ފްރާންސްގައި މުސްލިމް ކުޅުންތެރިންނަށް ރޯދަ ވިއްލުމަށް ހުރަސްތައް ހުރި ނަމަވެސް ޔޫރަޕްގެ ބޮޑެތި އެހެން ލީގުތަކުގައި މެޗުތައް ކުޅޭ ގަޑީގައި މުސްލިމް ކުޅުންތެރިންނަށް ރޯދަ ވިއްލަން ފުރުސަތު ދީ މެޗުގެ ކުޅުން ހުއްޓާލާނެ ކަމަށް ވަނީ ބުނެފައެވެ. މިގޮތުން، އިންގްލިޝް ޕްރިމިއާ ލީގު، ޖާމަނީގެ ބުންޑަސްލީ އަދި ނެދެލޭންޑްސްގެ ލީގުގައި ވެސް މުސްލިމް ކުޅުންތެރިންނަށް މިފުރުސަތު އޮވެއެވެ.