މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަސް ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި 6 މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން އދ. މަހިބަދޫގައި ހިންގި އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ސެލޯފިން ކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ފުލުހުން ބުނީ، ބ. ދަރަވަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އަދި އެމީހާގެ ބަންދަށް 5 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ގއ. މާމެންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި 38 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ބަނދުގައި ބެހެއެްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ފުލުހުން ބުނީ، ދ. ކުޑަހުވަދޫގައި އެޕްރީލް 1 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 44 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ސެލޯފިން ކޮޅު ފެނިފައިވާ ކަމަށެވެ.
ހަމައެހެންމެ ހޯރަފުށީގައި ހިންގި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ހޮޅިކޮޅާއި ފައިސާތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ބަންދުގައި ބެހެއްޓުމަށް 32 އަހަރުގެ މީހާއަށް 5 ދުވަސް ދީފައިވާއިރު 41 އަހަރުގެ މީހާ ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
މި ފަސް މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.