ހަށިގަނޑުގައި ފޮރުވައިގެން ރަން އެތެރެކުރި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހާރިފް މެލެޑެތް އަބޫބަކުރު 120،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

ހާރިފްގެ މައްޗަށް ކޮށްފައި ވަނީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ރ) އާ(ބ) ގެ ދަށުން ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެކެވެ.

މާޗް 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖޫން 11، 2022 ވަނަ ދުވަހުގެ 07:32 ހާއިރު ރާއްޖެއައިއިރު ތަސްލީމްގެ ހަރަކާތްތައް ހުރިގޮތުން ޝައްކުކުރެވިގެން ބަލާ ފާސްކުރިއިރު ދެފައިގެ ކަށިމަތީގައި މާސްކިންގް ޓޭޕް އޮޅައި ތަތްކޮށްފައިވަ ރަން ކުލައިގެ ޕޭސްޓް ހިމެނޭ 2 ޕެކެޓްގައި ޖުމްލަ 2755.5 ގްރާމްގެ ރަން އަދި އެހެނިހެން މާއްދާތައް ހިމެނޭ މިކްސްޗާ އެއް ފެނިފައިވާ ކަމަށެވެ. މި ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފައެވެ.

ދައުވާ ސާބިތުވެފައިވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ވަނީ 120،000 ދިވެހި ރުފިޔާ އިން ހާރިފް ޖޫރިމަނާކޮށް އެ ފައިސާ މިއަދުން ފެށިގެން 4 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކާ ނިންމަން އަންގާފައެވެ.

މީގެ އިތުރުންވެސް އޭނާ އަތުން ފެނުނު ރަން ކަސްޓަމްސް އަށް ނަގާދިނުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި އަމުރު ކޮށްފައިވެއެވެ.

ރާއްޖެއަށް ވަގަށް ރަން އެތެރެ ކުރުމަކީ މީގެ ކުރިންވެސް ކުރަމުން އަންނަ ކަމެކެވެ. އަދި މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރެއެވެ.